ފިލައިގެން އުޅޭ މީހަކު ސިޔާސީ ހަރަކާތްތައް ހިންގުމަށް ހުއްދަ ދިނުމަކީ ދެ ގައުމުގެ ގުޅުން ރަނގަޅު ކުރުމަށް ގެއްލުން ލިބިދާނެ ކަމެއް ކަމަށް ބުނެ ފިއްލަވައިގެން އިންޑިއާގައި ދިރިއުޅުއްވާ ބަންގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު ޝެއިޚް ހަސީނާ އިންޑިއާގައި ދެއްވަން ރާވާފައިވާ ތަގްރީރާމެދު އިންޑިއާގެ ސްޓޭންޑް ސާފުކޮށްދިނުމަށް ބަންގްލަދޭޝް އިން އެދިއްޖެއެވެ.
ހަސީނާ ތަގްރީރު ކުރައްވަން ހަމަޖެހިފައި ވަނީ މާދަމާ ނިއުދިއްލީގައި ފޮރިން ކޮރެސްޕޮންޑެންޓްސް ކްލަބް އޮފް ސައުތު އޭޝިއާ (އެފްސީއެސްއޭ) އިން އިންތިޒާމްކުރާ އިވެންޓެއްގައެވެ. މިއީ ހަސީނާއާ ގުޅޭ މިފަދަ ކަމަކަށް ބަންގްލަދޭޝްއިން އެއްޗެއް ބުނި ފުރަތަމަ ފަހަރެވެ.
މި މައްސަލަ ކުރިމަތިވެފައި ވަނީ 2024 ވަނަ އަހަރުގެ އޮގަސްޓް މަހު ބަންގްލަދޭޝްއިން ފިލައިގެން ދިޔަ ފަހުން ހަސީނާ ދިރިއުޅެމުން އަންނަ އިންޑިއާއިން ހަސީނާ ގެނައުމަށް ބަންގްލަދޭޝްއިން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.
އެތައް މައްސަލައެއް ކުރިމަތިވި ނަމަވެސް، ރޮއިޓާސް އަށް ދިން އިންޓަވިއުއެއްގައި ހަސީނާ ބުނީ ޑިސެމްބަރު މަހު ބަންގްލަދޭޝްއަށް އެނބުރި ދިއުމަށް ރާވާފައިވާ ކަމަށެވެ.
"ކުރިއަށް އޮތްތަނުގައި އަޅުގަނޑުމެން އިންޑިއާއާ އެކު ކުރިއަށް މިދަނީ. އެ ކުރިއެރުމަށް އަސަރު ކުރާކަށް ބޭނުމެއް ނޫން. އިންޑިއާގެ ސްޓޭންޑާ މެދު ސާފުވާން ޖެހޭ،" ހޯމަ ދުވަހުގެ ރޭ ދަންވަރު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ބަންގްލަދޭޝްގެ ސްޓޭޓް މިނިސްޓަރު ޝާމާ އޮބާދު އިސްލާމް ވިދާޅުވިއެވެ.
އިސްލާމް ވިދާޅުވީ ހަސީނާ އާއި އަވާމީ ލީގުގެ އެހެން ލީޑަރުން އިންޑިއާގެ ފަސްގަނޑުން ސިޔާސީ ބަޔާންތައް ނެރުމާ ގުޅިގެން ބަންގްލަދޭޝްގެ ކަންބޮޑުވުންތައް ތަކުރާރުކޮށް އިންޑިއާއަށް ފޯރުކޮށްދީފައިވާ ކަމަށެވެ.
އެފްސީސީއެސްއޭ އިން ބުނީ އުމުރުފުޅުން 78 އަހަރުގެ ހަސީނާ ނިއުދިއްލީގެ އިވެންޓުގައި ވީޑިއޯ މެދުވެރިކޮށް ތަގުރީރު ކުރައްވާނީ އޭނާގެ ދަރިފުޅު ސަޖީބް ވަޒީދު ޖޯއީ އާއި އެހެން ބޭފުޅުންނާ ވެސް އެކު ކަމަށެވެ.
"ފިލައިގެން އުޅޭ ތުހުމަތު ކުރެވޭ ފަރާތްތަކުގެ ބަޔާންތަކުން އިންޑިއާ އާއި ބަންގްލަދޭޝްގެ ގުޅުމަށް ގެއްލުމެއް ލިބޭކަށް އަޅުގަނޑުމެން ބޭނުމެއް ނޫން،" އިންޑިއާއިން ކުރިން އިޝާރާތްކޮށްފައި ވަނީ ފިލައިގެން އުޅޭ މީހުން އެ ގައުމުގެ ސަރަހައްދުން ސިޔާސީ ހަރަކާތްތަކެއް ހިންގާނެ ކަމަށް އުންމީދު ނުކުރާ ކަމަށެވެ.
މި ހަރަކާތަކީ އިންޑިއާ ސަރުކާރުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ހަރަކާތެއް ނޫންކަން ފާހަގަކުރައްވަމުން އިސްލާމް ވިދާޅުވީ ބޭނުންވެއްޖެނަމަ ބަންގްލަދޭޝް އިން އެ މައްސަލަ ޑިޕްލޮމެޓިކް ޗެނަލްތަކެއް މެދުވެރިކޮށް އުފުލާނެ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން އިންޑިއާގެ ޚާރިޖީ ވުޒާރާއިން ވަކި އެއްޗެއް ހާމަލޮށްފައެއް ނުވެއެވެ.
ހަސީނާ ވެރިކަމުން ވަކިކުރި ފަހުން އިންޑިއާއާއި ބަންގްލަދޭޝްގެ ގުޅުން ގޯސްވެފައިވާއިރު، ފެބްރުއަރީ މަހުގެ އިންތިޚާބަށް ފަހު ތާރިކް ރަހުމާން ބަންގްލަދޭޝްގެ ވެރިކަމާ ހަވާލުވި ފަހުން ދެ ފަރާތުން ވެސް ދާދި ފަހުން ވަނީ ގުޅުންތައް އަލުން ބިނާކުރަން ބޭނުންވާ ކަމުގެ އިޝާރާތެއް ދީފައެވެ.
ހަސީނާ އިންޑިއާގައި ހުންނެވީ އޭނާގެ ސަރުކާރު ވައްޓާލި ފަހުން ހަފްތާތަކެއް ވަންދެން މަރުގެ މުޒާހަރާތަކަށް ފަހު އެވެ. އޭގެ ފަހުން ބަންގްލަދޭޝް އިން ވަނީ އެކަމަނާ ވެރިކަމުން ދުރުކުރި ފަހުން ހަސީނާގެ މައްޗަށް ޣައިރު ހާޒިރުގައި ގިނަ މައްސަލަތަކެއް ސާބިތުވެފައިވާއިރު، އޭގެ ތެރޭގައި ވެރިރަށް ޑާކާގެ އަގުބޮޑު ސަރަހައްދަކުން ގޯތި ބެހި މައްސަލައެއްވެސް ހިމެނެއެވެ. މީގެ އިތުރުން، އިންސާނިއްޔަތާ ހިލާފު ޖަރީމާތައް ހިންގުމުގެ ކުށުގައި ކޯޓުން ވަނީ ހަސީނާ މަރަން ވެސް މިދިޔަ އަހަރު ވަނީ ހުކުމް ކޮށްފައެވެ.