އަލީބާބާގެ އޭއައި މޮޑެލް "ކިއުވެން 3.8 މެކްސް" އާންމުކޮށް ދޫކޮށްފި

އެއްފަހަރާ އެއް މިލިއަން ޓޯކަންގެ މަޢުލޫމާތު ޕްރޮސެސްކުރުމުގެ ގާބިލުކަން މި މޮޑެލަށް ލިބިފައިވޭ ----

ޗައިނާގެ މަޝްހޫރު އަލީބާބާ ގްރޫޕުން އެ ކުންފުނީގެ އެންމެ ފަހުގެ އަދި އެންމެ ކުރިއަރާފައިވާ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މޮޑެލް "ކިއުވެން 3.8-މެކްސް" މުޅި ދުނިޔޭގެ ބޭނުންކުރާ ފަރާތްތަކަށް އާންމުކޮށް ހުޅުވާލައިފިއެވެ.

ކުރިއަށް އޮތް ހަފުތާގައި މީގެ އޯޕަން-ވެއިޓްސް ރިލީޒްކުރުމަށް ހަމަޖެހިފައިވާއިރު، މިއީ ފަހަކަށް އައިސް އަލީބާބާއިން ގެންގުޅުނު ސިޔާސަތު ބަދަލުކޮށް، އެންމެ މަތީ ފެންވަރުގެ މޮޑެލްތައް އޯޕަން-ސޯސްކުރުމަށް އެނބުރި އައިކަން ރަމްޒުކޮށްދޭ ނިންމުމެކެވެ.

މިއާއެކު އެމެރިކާގެ އެންމެ ކުރިއަރާފައިވާ އޭއައި ކުންފުނިތަކާއި ޗައިނާގެ ކުންފުނިތަކާ ދެމެދު އޮތް ފަރަގު ވަރަށް ބޮޑަށް ކުޑަވެގެން ގޮސްފައިވާކަން ފާހަގަކުރެވެއެވެ.

https://sun.mv/224356

އެއްފަހަރާ އެއް މިލިއަން ޓޯކަންގެ މަޢުލޫމާތު ޕްރޮސެސްކުރުމުގެ ގާބިލުކަން ލިބިފައިވާ މިމޮޑެލްއަކީ 2.4 ޓްރިލިއަން ޕަރާމީޓަރުގެ މައްޗަށް އެކުލެވިގެންވާ ފަހުގެ މޮޑެލްއަކީ މޮޑެލްއެކެވެ. މިއީ އެއްފަހަރާ ގާތްގަނޑަކަށް 750,000 ބަސް ނުވަތަ އެއާ އެއްވަރުގެ މަޢުލޫމާތު ދެނެގަތުމުގެ ގާބިލުކަމެކެވެ.

މި މޮޑެލް މިހާރު އަލީބާބާ ކްލައުޑްގެ މޮޑެލް ސްޓޫޑިއޯ އޭޕީއައިގެ އިތުރުން އެކުންފުނީގެ އާ މަސައްކަތު އޭއައި ޕްލެޓްފޯމް "ކިއުވެންވޯކް" މެދުވެރިކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ޑިވެލޮޕަރުންނަށް ބޭނުންކުރެވޭނެއެވެ.

މި ޚަބަރާއެކު ހޮންކޮންގް ސްޓޮކް އެކްސްޗޭންޖްގައި އަލީބާބާގެ ހިއްސާގެ އަގު ވަނީ ހަތް އިންސައްތައަށް އުފުލި، ހިއްސާއެއްގެ އަގު 125.20 ހޮންކޮންގް ޑޮލަރަށް އަރާފައެވެ.

އަލީބާބާއިން އަލަށް ތައާރަފުކުރި "ކިއުވެންވޯކް" އަކީ އަމިއްލަ ފަރުދުންނާއި ކުންފުނިތަކަށް ޚާއްސަކޮށްގެން ތައްޔާރުކޮށްފައިވާ އުފެއްދުންތެރިކަން އިތުރުކޮށްދޭ އޯލް-އިން-ވަން ޕްލެޓްފޯމެކެވެ.

މި ޕްލެޓްފޯމަކީ ޓެންސެންޓްގެ ވޯކްބަޑީ، މޫންޝޮޓް އޭއައިގެ ކިމީ ވޯކް އަދި ބޭރުގެ ކްލޯޑް ކޯވޯކް އަދި ޗެޓްޖީޕީޓީ ވޯކް ފަދަ ވާދަވެރި ޚިދުމަތްތަކާ ވާދަކުރުމަށް ނެރުނު ޚިދުމަތެކެވެ.

މީގެއިތުރުން، ކިއުވެން 3.8-މެކްސް އަކީ މަލްޓިމޯޑަލް ފައުންޑޭޝަން މޮޑެލްއަކަށްވާތީ، ދިގު ލިޔެކިޔުންތަކުން ފެށިގެން ޓީވީ ސީރީޒްތަކާއި ލައިވް ސްޓްރީމްތައް ފަދަ ތަފާތު ބާވަތްތަކުގެ މަޢުލޫމާތު އެނަލައިޒްކޮށް ހޯދޭނެ ނޮލެޖް ބޭސްތައް އުފެއްދުމުގެ ގާބިލުކަން މީގައި އެކުލެވިގެންވެއެވެ.

މި މޮޑެލްގެ އެހީގައި ސޮފްޓްވެއާ އެޕްލިކޭޝަންތަކުގެ ސްކްރީންޝޯޓްތަކުން އެ އެޕްލިކޭޝަނެއް އަލުން އުފެއްދުމާއި، އިންޓަރެކްޓިވް ގޭމްތަކާއި ތަޢުލީމީ ޝެޝަންތައް ތައްޔާރުކުރުމުގެ އިތުރުން 2ޑީ ފްލޯ ޕްލޭންތައް 3ޑީ މަންޒަރުތަކަށް ބަދަލުކޮށްދެއެވެ.

އަލީބާބާއިން ހާމަކުރި ގޮތުގައި މިއީ ޚާއްސަކޮށް އަމިއްލައަށް ކޯޑުކުރުމާއި، އެކި ބާވަތުގެ ދިރާސާތައް ކުރުން ފަދަ ދިގު މުއްދަތުން ނިންމަންޖެހޭ އުނދަގޫ މަސައްކަތްތަކަށް ވަރަށް އެކަށީގެންވާ މޮޑެލްއެކެވެ. އަދި އޭއައި ލީޑާބޯޑުތަކުން މި މޮޑެލް ވަނީ ޓެކްސްޓް އެރީނާއިން ފަސްވަނަ އަދި ވިޜަން އެރީނާއިން ދެވަނަ ހޯދާފައެވެ.

ފަންނީގޮތުން ބަލާއިރު، ކިއުވެން 3.8-މެކްސް ތައްޔާރުކޮށްފައިވަނީ "ސްޕާސް މިކްސްޗަރ-އޮފް-އެކްސްޕާޓްސް" އާކިޓެކްޗާއާއި ހައިބްރިޑް އެޓެންޝަން މެކޭނިޒަމް ބޭނުންކޮށްގެންނެވެ. މުޅި މޮޑެލްގައި 2.4 ޓްރިލިއަން ޕަރާމީޓަރު ހިމެނުނު ނަމަވެސް، މަސައްކަތް ކުރާއިރު ބޭނުންކުރަނީ އޭގެ ތެރެއިން އެންމެ 95 ބިލިއަން (ނުވަތަ 4 އިންސައްތަ) ޕަރާމީޓަރެވެ. މީގެ ސަބަބުން ކޮމްޕިއުޓިން ޚަރަދު ކުޑަވެ، މަސައްކަތުގެ ހަލުވިކަން އިތުރުވެގެންދެއެވެ.

މި އައު މޮޑެލް ނެރެފައިވަނީ ޗައިނާގެ އޭއައި ކުންފުނިތަކުގެ މެދުގައި ކޯޑިން އެޖެންޓުންނާއި މަލްޓިމޯޑަލް ސިސްޓމްތައް އުފެއްދުމުގެ ވާދަވެރިކަން ވަރަށް ބޮޑަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން ވޭތުވެދިޔަ މަހު މޫންޝޮޓް އޭއައިއިން ވަނީ "ކިމީ ކޭ3" ނަމުގައި 2.8 ޓްރިލިއަން ޕަރާމީޓަރުގެ މޮޑެލްއެއް ނެރެފައެވެ. އަދި ޑީޕްސީކް އިންވެސް ވަނީ އެކުންފުނީގެ ވީ4-ފްލޭޝް އޭޕީއައި އިތުރަށް ފުރިހަމަކޮށް، އޭއައި އެޖެންޓުންގެ ގާބިލުކަން އިތުރުކުރުމުގެ މަސައްކަތް ފަށާފައެވެ.

comment ކޮމެންޓް