ރާއްޖޭގައި އުޅޭ ބިދޭސީން ގަވާއިދާ ޚިލާފަށް ހިންގަމުންދިޔަ 107 ވިޔަފާރިއެއް، އިކޮނޮމިކް މިނިސްޓްރީން ބަންދުކޮށްފިއެވެ.
އެ ވުޒާރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި ވިޔަފާރިތައް ބަންދުކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުން ފެށިގެން ނިމިދިޔަ ޖުލައި މަހުގެ ނިޔަލަށް މާލެއާއި އަތޮޅުތެރޭގައި ހިންގި ޚާއްޞަ އޮޕަރޭޝަންތަކުގެ ތެރެއިންނެވެ.
މި މުއްދަތުގެ ތެރޭގައި ގަވާއިދާ ޚިލާފަށް ހިންގާ ވިޔަފާރިތަކާ ގުޅޭގޮތުން ޖުމްލަ 447 ޝަކުވާއެއް އެ ވުޒާރާއަށް ހުށަހަޅާފައިވެއެވެ. މި ޝަކުވާތަކާ ގުޅިގެން، ކަމާބެހޭ ފަރާތްތަކުން ވަނީ 274 ވިޔަފާރިއެއް ބަލައި ފާސްކޮށްފައެވެ. އޭގެ ތެރެއިން މައްސަލަތައް ފާހަގަކުރެވުނު 107 ތަނެއް ވަގުތުން ބަންދުކުރިއިރު، އިސްލާޙުކުރަން އެންގި ކަންކަން ރަނގަޅުކުރުމުން 68 ވިޔަފާރިއެއް އަލުން ހުޅުވުމުގެ ހުއްދަ ވަނީ ދީފައެވެ.
މި ތަފާސްހިސާބުތަކަށް ބަލާއިރު، ބަލައި ފާސްކުރި ތަންތަނުގެ ތެރެއިން ގާތްގަނޑަކަށް 40 އިންސައްތަ ވިޔަފާރި ވަނީ ގަވާއިދާ ޚިލާފުވުމުގެ ސަބަބުން ބަންދުކުރަން ޖެހިފައެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގި އޮޕަރޭޝަންގެ ތެރެއިން-- ސަން ފޮޓޯ: ޝާތިއު އަބްދުالله
މި އިންސްޕެކްޝަންތަކަކީ ބިދޭސީން ގަވާއިދާ ޚިލާފަށް ރާއްޖޭގައި ހިންގާ ވިޔަފާރިތައް ހުއްޓުވުމަށް ސަރުކާރުން ފަށާފައިވާ ޚާއްޞަ ކެމްޕޭނުގެ ދަށުން ކުރިއަށްގެންދާ ހަރަކާތްތަކެކެވެ. އިގުތިސާދީ ވުޒާރާއިން ބުނި ގޮތުގައި، މި މަސައްކަތުގެ މައިގަނޑު މަގުސަދަކީ ގާނޫނު ނެގެހެއްޓުމާއެކު، ހުރިހާ ފަރާތްތަކަށްވެސް އިންސާފުވެރި އަދި ހަމަހަމަ ވިޔަފާރީގެ މާހައުލެއް ކަށަވަރުކޮށްދިނުމެވެ. ޚާއްޞަކޮށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އޮންނަ ފުރުޞަތުތައް ހަނިވާ ގޮތަށް، ބިދޭސީން ފަރުދާގެ ފަހަތުގައި ތިބެގެން ހިންގާ ރީޓެއިލް ވިޔަފާރިތައް ހޯދައި ފިޔަވަޅު އެޅުމަށް އެ ވުޒާރާއިން ދަނީ ޚާއްސަ ސަމާލުކަމެއް ދެމުންނެވެ.
މިގޮތުން، ކަންމަތީ ފިހާރަތަކާއި، ކާބޯތަކެތި ވިއްކާ ތަންތަނުގެ އިތުރުން، އެކި ބާވަތުގެ ޚިދުމަތްދޭ ތަންތަން ބިދޭސީން އަމިއްލައަށް ކޮންޓްރޯލްކޮށްގެން ހިންގާ މައްސަލައަކީ އާންމުންގެ ފަރާތުންވެސް ގިނަ ޝަކުވާތަކެއް ލިބެމުންދާ ކަމެކެވެ. ގާނޫނުގައިވާ ގޮތުން، ބިދޭސީންނަށް ރާއްޖޭގައި އަމިއްލަ ނަމުގައި ކުދި ވިޔަފާރިތައް ހިންގުމަކީ މަނާކަމެކެވެ. ނަމަވެސް ދިވެހިންގެ ނަމުގައި ރަޖިސްޓަރީކޮށްގެން، އޭގެ ހަގީގީ މަންފާ ބިދޭސީންނަށް ލިބޭ ގޮތަށް ހިންގާ ތަންތަން ގިނަވުމަކީ އިގުތިސާދަށް އޮތް ބޮޑު ގޮންޖެހުމެއް ކަމަށް ކަމާބެހޭ ފަރާތްތަކުން ފާހަގަކުރެއެވެ.
މި މައްސަލަ ޙައްލުކުރުމަށްޓަކައި، އިގުތިސާދީ ވުޒާރާއާއި، މޯލްޑިވްސް އިމިގްރޭޝަން އަދި ފުލުހުން ގުޅިގެން ދަނީ މާލެއާއި އަތޮޅުތެރޭގައި މެދުކެނޑުމެއްނެތި އޮޕަރޭޝަންތައް ހިންގަމުންނެވެ. އެ ވުޒާރާއިން ބުނި ގޮތުގައި، ކުރިއަށް އޮތް ތަނުގައިވެސް ޝަކުވާތައް ބަލައި ފާސްކުރުމުގެ މަސައްކަތް ހަރުދަނާކޮށް، ގަވާއިދާ ޚިލާފަށް ހިންގާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅުން ކުރިއަށް ގެންދާނެއެވެ. އަދި މިފަދަ ކަންކަން ފާހަގަކުރެވޭނަމަ، ލަސްނުކޮށް ކަމާބެހޭ ފަރާތްތަކަށް ރިޕޯޓުކުރުމަށް އެ ވުޒާރާއިން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.