ރާއްޖޭގެ އިގުތިޞާދު ހަލާކުވީ، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ 'ވިޔާނުދާ ލެގަސީ'، ރައީސް ޑރ. މުޙައްމަދު މުއިއްޒު ދަމަހައްޓަވަން ފެށި ހިސާބުން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިރޭ ތުހުމަތުކުރައްވައިފިއެވެ.
އެ މަނިކުފާނުގެ ޕާޓީ ޕީއެންއެފުން ބާއްވާ ޓައުންހޯލް ޖަލްސާތަކުގެ ތެރެއިން މިރޭގެ ޖަލްސާގައި އެ މަނިކުފާނު ވަނީ ރާއްޖޭގެ އިގުތިޞާދީ ހާލަތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަފާއެވެ.
ޔާމީން ވިދާޅުވީ، އަބަދު 'ނޫޓެއް ނުޖެހޭނެ' ކަމަށާއި އެމްއެމްއޭއިން އަބަދު ފައިސާއެއް ނުނެރެވޭނެ ކަމަށެވެ. މިގޮތުން، އެ ބެންކުން ޑޮލަރު ނެރެފި ނަމަ، ޑޮލަރެއްގެ އަގު 25އަށް އަރާނެ ކަމަށާއި މިހާރު މި ފެންނަނީ ބެންކުން ޑޮލަރު ނެރުމުގެ ނަތީޖާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް -- ސަން ފޮޓޯ/ މޫސާ ނަދީމް"ތިމަންނަ ނޫޓެއް ނުޖަހާނަމޭ ކިޔާފައި، އެމްއެމްއޭގެ ތެރެއިން ސާކިއުލޭޝަންގައި ނެތް ފައިސާއެއް ސާކިއުލޭޝަނަށް ނެރުނީމައި މިހާވަރު ވެގެން މި ދަނީ. ޑޮލަރު މި ތަނަށް ވަތް ވަރު މަދުވެގެނެއް ނޫން މިއުޅެނީ. އެ ގަންނަން ދުވާ ދިވެހި ރުފިޔާ މާ ގިނަވަގެން މިއުޅެނީ،" ޔާމީން ތަފުސީލުކޮށްދެއްވިއެވެ.
އެހެންވެ، ރައީސް މުއިއްޒަށް މިދިޔަ ތިން އަހަރު ނުކޮށްދެވުނު ކަމެއް އަންނަން އޮތް ދެ އަހަރު ނުކޮށްދެވޭނެ ކަމަށް އެ މަނިކުފާނު ގަބޫލުކުރައްވައެވެ.
ޔާމީން ތުހުމަތުކުރެއްވި ގޮތުގައި، ރައީސް މުއިއްޒު ދަމަހައްޓަވަނީ ރައީސް ޞާލިހުގެ 'ވިޔާނުދާ ލެގަސީ'އެވެ. އަދި، ރާއްޖޭގެ އިގުތިޞާދު ހަލާކުވީ އެ ހިސާބުން ކަމަށް އެ މަނިކުފާނު ގަބޫލުކުރައްވައެވެ.
ފާހަގަކުރެވޭ ގޮތުގައި، ރާއްޖޭގެ އިގުތިޞާދު ދަށްވެ، ޑޮލަރެއްގެ އަގު ދުވަހެއް ދުވަހަކަށް އަންނަނީ އުފުލެމުންނެވެ. އެގޮތުން، މިހާރު ވެސް ޑޮލަރެއްގެ އަގު 20 ރުފިޔާއިން މަތީގައި ހުންނަތާ އެތައް ދުވަހެއް ވެއްޖެއެވެ. ސަރުކާރުން ޑޮލަރުގެ އަގު ދަށްކުރާނެ ކަމަށް އެތައް ތާރީޚުތަކެއް ދިން ނަމަވެސް މިހާތަނަށް އެ ކަން ކާމިޔާބުވެފައެއް ނުވެއެވެ.
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ، ކޮރަޕްޝަނުގެ ދައުވާތަކެއް ސާބިތުވެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދެވުމުން، ޔާމީނަށް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ގެއްލުމުން އެ މަނިކުފާނުގެ ތާއިދާއެކުގައެވެ. ނަމަވެސް ވެރިކަން ފެށުނުތާ ހަފުތާއެއް ވެސް ނުވަނީސް ދެ ބޭފުޅުންގެ ގުޅުން ގޯސްވެ، ޔާމީން ވެރިކަން ކުރާ ކޯލިޝަނުން ވަކިވެވަޑައިގެން އަމިއްލަ ޕާޓިއަށް އުފެއްދެވީއެވެ. އޭގެ ފަހުން ޔާމީން ގެންދަވަނީ ރައީސާއި މި ސަރުކާރަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވަމުންނެވެ.