މިދިޔަ ޖޫން މަހު މުދަލު ޒަކާތަށް ލިބުނު އަދަދު ދެގުނަވެ، 21.3 މިލިއަނަށް

ފިތުރު ޒަކާތް ބަލައިގަތުން: މިދިޔަ ޖޫން މަހު މުދަލު ޒަކާތަށް ލިބުނު އަދަދު ދެގުނަވެ، 21.3 މިލިއަން ރުފިޔާ ވަނީ ލިބިފައި -- ފޮޓޯ/ ޒަކާތު ހައުސް

މިދިޔަ ޖޫން މަހު މުދަލު ޒަކާތުގެ ގޮތުގައި ލިބުނު އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު ދެގުނަވެ، ޒަކާތަށް ލިބުނު އަދަދު 21.3 މިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް ޒަކާތު ހައުސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޒަކާތު ހައުސްއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި އަހަރުގެ ދެވަނަ ކުއާޓަރުގައި މުދަލު ޒަކާތުގެ ގޮތުގައި 34.40 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 26.73 މިލިއަން ރުފިޔާއާ އަޅާބަލާއިރު 28.73 އިންސައްތައިގެ އިތުރުވުމެކެވެ.

މީގެ އިތުރުން، މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި މުދަލު ޒަކާތުގެ ގޮތުގައި ޖުމްލަ 79.73 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 29.48 އިންސައްތައިގެ ކުރިއެރުމެކެވެ.

ޖޫން މަހުގެ ތެރޭގައި މޯލްޑިވްސް ޒަކާތު ހައުސްއިން ވަނީ ޒަކާތުގެ ބެހެނިވެރީންގެ އެކި ދާއިރާތަކަށް ޖުމުލަ 18,824,537.13 ރުފިޔާ ދޫކޮށްފައެވެ.

މީގެ ތެރެއިން އެންމެ ބޮޑު ބައެއް ހޭދަކޮށްފައިވަނީ ފަގީރުންނާއި މިސްކީނުންގެ ދާއިރާއަށެވެ. އެ ދާއިރާއަށް ޖުމުލަ 16,995,735.75 ރުފިޔާ ހޭދަކޮށްފައިވެއެވެ.

މުދަލު ޒަކާތަށް ގިނަ އަދަދެއްގެ ފައިސާ ލިބުންއިރު، ޒަކާތު ފަންޑުން މިސްކީނުންނާއި ފަގީރުންގެ ބޭސްފަރުވާއަށް އެތައް މިލިއަނެއް ޚަރަދުކުރެއެވެ. އޭގެތެރޭގައި، ކެންސަރު ބައްޔާއި ބޯންމެރޯ ހިމެނެއެވެ.

comment ކޮމެންޓް