އީރާނާ ދެކޮޅަށް އެމެރިކާއިން ދޭން ރާވާފައި އޮތް ވަރުގަދަ އަސްކަރީ ހަމަލާތަކެއް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކެންސަލްކުރައްވައިފިއެވެ.
ޓްރަމްޕް ވިދާޅުވި ގޮތުގައި، މި ހަމަލާތައް ކެންސަލްކުރީ އިސްރާއީލާ މަޝްވަރާކުރުމަށްފަހު، ހަނގުރާމަ ހުއްޓާލުމުގެ ދާއިމީ އެއްބަސްވުމެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާތީއެވެ. ޓްރޫތު ސޯޝަލްގައި އޭނާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދެ ފަރާތުގެ ދެމެދުގައި ކުރިއަށްދާ މަޝްވަރާތަކުގެ އަލީގައި ވަރަށް އަވަހަށް އެއްބަސްވުމަކާ ހަމައަށް އާދެވިދާނެ ކަމަށެވެ. މި އެއްބަސްވުމުގެ މައިގަނޑު ޝަރުތުތަކުގެ ތެރޭގައި، އީރާނުން ބަންދުކޮށްފައިވާ މުހިންމު ވިޔަފާރި މަގު ކަމަށްވާ ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވުމާއި، އީރާނުގެ ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ ޕްރޮގްރާމް އެއްކޮށް ހުއްޓާލުން ހިމެނޭ ކަމަށް ޓްރަމްޕް ފާހަގަކުރެއްވިއެވެ.
ހަމަލާ ދިނުން މަޑުޖައްސާލީ، ސުލްހައިގެ އެއްބަސްވުމަކަށް އައުމަށް ފުރުސަތު ދިނުމުގެ ގޮތުން އެއްވެސް ހަމަލާއެއް ނުދިނުމަށް އީރާނާއި މެދުއިރުމަތީގެ އެހެން ގައުމުތަކުން އެދުމުން ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. ނަމަވެސް، ދެވަނަ ބޮޑު ހަނގުރާމައަށްފަހު އެމެރިކާގެ އަސްކަރިއްޔާ ނުދެކޭހާ ވަރުގަދަ ކަމަށާއި، އީރާނަށް ހަމަލާއެއް ދޭން ޖެހިއްޖެ ހާލަތެއްގައި އެމެރިކާ އޮތީ ފުރިހަމައަށް ތައްޔާރަށް ކަމަށް އޭނާ އިންޒާރުދެއްވިއެވެ. ޓްރަމްޕްގެ މި ނިންމެވުމާ ގުޅިގެން އީރާނުގެ ރަސްމީ ފަރާތްތަކުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
މިދިޔަ ހަފްތާ ބަންދުގައި އީރާނަށް އާ ހަމަލާތަކެއް ދިނުމަށް އެމެރިކާއިން ރާވާފައިވާ ކަމަށް އެމެރިކާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. ބީބީސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެމެރިކާއާއި އިސްރާއީލުން ގުޅިގެން ރާވަމުން ދިޔައީ އީރާނުގެ ހަކަތަ އުފައްދާ އިންފްރާސްޓްރަކްޗަރަށް އަމާޒުކޮށް މިހާތަނަށް ދޭނެ އެންމެ ހަރުކަށި ހަމަލާ ދިނުމަށެވެ. މި ޕްލޭން އެކުލަވާލާފައިވަނީ ހުކުރު ދުވަހު ބޭއްވި ޓްރަމްޕްގެ ކެބިނެޓް ބައްދަލުވުމެއްގައި ކަމަށްވެސް އެ ނޫހުން ބުނެފައިވެއެވެ. މީގެ އިތުރުން، އީރާނުގެ ތެޔޮ ސާފުކުރާ ކާރުޚާނާތަކާއި ކަރަންޓު އުފައްދާ މަރުކަޒުތަކަށް ހަމަލާ ދިނުމަށްވެސް މަޝްވަރާކުރެވިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އީރާނުން ދީފާނެ ހަމަލާއަކަށް ތައްޔާރުވެ ތިބުމަށް އެމެރިކާގެ ރައްޔިތުންނަށް ވަނީ އަންގާފައި. ފޮޓޯ/ބީބީސީ
މި ދަނޑިވަޅުގައި، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މެދުއިރުމަތީގައި ތިބި އެމެރިކާގެ ރައްޔިތުން ސަމާލުވުމަށް އަންގައި ސެކިއުރިޓީ އެލާޓެއް ނެރެފައެވެ. ހޮނިހިރު ދުވަހު ނެރުނު މި އެލާޓުގައި ބުނެފައިވަނީ، ސަރަހައްދުގެ މަސްރަހު ގޯސްވެއްޖެނަމަ ފުރަން ތައްޔާރަށް ތިބުމަށް އިލްތިމާސްކުރާ ކަމަށެވެ.
"މިހާރު މެދުއިރުމަތީގައި ތިބި އެމެރިކާ މީހުން ސަމާލުކަން ދޭން ޖެހޭއިރު، ފްލައިޓް ކެންސަލް ކުރުމާއި، ވަކިވަކިން ވައިގެ ސަރަހައްދު ބަންދުވުމާއި، ދަތުރުފަތުރުގައި ބުރޫ އަރާފާނެ ކަންކަމަށް ތައްޔާރަށް ތިބެން ޖެހޭނެ،" އެމެރިކާއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
މިދިޔަ އޭޕްރީލް މަހު އެކުލަވާލި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފަށް، އެމެރިކާއާއި އީރާނުން އަންނަނީ ދޭތެރެ ދޭތެރެއިން ހަމަލާތައް ބަދަލުކުރަމުންނެވެ.
އެގޮތުން، މެދުއިރުމަތީގައި ތިބި އެމެރިކާ ސިފައިންނަށް އަމާޒުކޮށް އީރާނުން ބެލިސްޓިކް މިސައިލް ހަމަލާއެއް ދޭން އުޅުނު ކަމަށް ބުނެ، މި ހަފްތާގެ ކުރީކޮޅު އެމެރިކާއިން ވަނީ އީރާނަށް ހަމަލާތަކެއް ދީފައެވެ.
މީގެ އިތުރުން، އެމެރިކާއިން އީރާނުގެ ބަނދަރުތައް ބަންދުކޮށް ބައެއް ތަންތަނަށް ބޮން އަޅާފައިވާއިރު، އީރާނުން ވަނީ ސަރަހައްދުގައި ހުރި އެމެރިކާގެ މުދާތަކަށާއި މަރުކަޒުތަކަށް މިސައިލާއި ޑްރޯން ހަމަލާތައް ދީފައެވެ.
މި ހަމަނުޖެހުންތަކާ ގުޅިގެން މީގެ ކުރިން އީރާނުން ވަނީ، އެމެރިކާއިން ސަރަހައްދުގައި ހަމަނުޖެހުން އުފައްދަމުންދާ ކަމަށް ތުހުމަތުކޮށްފައެވެ. އަދި އެމެރިކާއަށް އެއްބާރުލުންދޭ ސަރަހައްދީ ކޮންމެ ގައުމެއް ހަނގުރާމައިގެ އަލިފާންގަނޑުގެ ތެރެއަށް ވަދެގެންދާނެ ކަމުގެ އިންޒާރު އީރާނުން ދީފައިވެއެވެ. އީރާނުގެ ރަސްމީ ފަރާތްތަކުން މިހާތަނަށް ސުލްހައިގެ އެއްބަސްވުމާ ގުޅޭގޮތުން ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ.