ގިނަ ބަޔަކަށް ކަންފަތަށް ލައްވާ 'އިއަޕްލަގް' އަކީ ގުގުރިދެމުމާއި، ދަތުރުފަތުރުގެ އަޑުތަކާއި ނިދުމަށް ހުރަސްއަޅާ އެހެނިހެން އަޑުތަކުން ސަލާމަތްވުމަށް އޮތް ފަސޭހަ ހައްލެކެވެ.
ނަމަވެސް، ކޮންމެ ރެއަކު ގިނަ ވަގުތުތަކެއް ވަންދެން ކަންފަތުގެ ތެރޭގައި އެއްޗެއް ބާއްވައިގެން ނިދުމުން ދިގު މުއްދަތުގެ ސިއްހީ މައްސަލަތަކެއް ކުރިމަތިވެދާނެ ކަމާމެދު ގިނަ ބައެއްގެ ހިތުގައި ސުވާލު އުފެދެއެވެ.
އެސްޓަ ވައިޓްފީލްޑް ހޮސްޕިޓަލުގެ އީއެންޓީ ޑިޕާޓްމަންޓުގެ ހެޑް އަދި ލީޑް ކޮންސަލްޓަންޓް ޑރ. ޖޯތިރްމޭ އެސް. ހެގްޑޭ ވިދާޅުވާ ގޮތުގައި، ސިއްހަތު ސަލާމަތުން ހުރި މީހަކު، ކަންފަތަށް އެކަށީގެންވާ ސައިޒުގެ 'އިއަޕްލަގް'އެއް ރަނގަޅަށް ސާފުކޮށްގެން ބޭނުންކުރާނަމަ، އެއީ އާންމުގޮތެއްގައި ރައްކާތެރި ކަމެކެވެ.
ހާއްސަކޮށް، ގުގުރިދެމުމުގެ އަޑާއި މަގުމަތީގެ އަޑުގަދަވުމުގެ ސަބަބުން ނުނިދޭ މީހުންނަށާއި، ޑިއުޓީ އުސޫލުން މަސައްކަތްކުރާ ފަރާތްތަކަށް މިއީ އަރާމު ނިދި ލިބުމަށް އެހީތެރިވެދޭނެ ކަމެކެވެ. ނަމަވެސް، ކަންފަތުގެ ސައިޒާ އެކަށޭނަ 'އިއަޕްލަގް'އެއް އިހްތިޔާރު ކުރުމާއި، ކަންފަތުގެ މާ ފުންމިނަށް އެ ނުލެއްވުމަށް ޑޮކްޓަރުން އިރުޝާދު ދެއްވައެވެ.

'އިއަޕްލަގް' ބޭނުންކުރުމުގައި ދެވަނަ ފަހަރަށްވެސް ބޭނުންކުރެވޭނެ ފަދަ އުފެއްދުމެއް ހިޔާރުކުރެވިދާނެ--ފޮޓޯ/އިންޑިއަންއެކްސްޕްރެސް
މިގޮތަށް ގަވާއިދުން 'އިއަޕްލަގް' ބޭނުންކުރާ ފަރާތްތަކުން ކަންފަތުގެ ސާފުތާހިރުކަމަށް ވަރަށް ބޮޑަށް ސަމާލުވާންޖެހެއެވެ. ޑރ. ހެގްޑޭ ވިދާޅުވާ ގޮތުގައި، ކަންފަތުގައި އުފެދޭ 'އިއަވެކްސް' އަކީ، އަމިއްލައަށް ބޭރަށް ނިކުންނަ އެއްޗަކަށް ވީނަމަވެސް، ކަންފަތަށް 'އިއަޕްލަގް' ލެއްވުމުގެ ސަބަބުން މި ތަބީއީ މަސައްކަތަށް ހުރަސް އެޅެއެވެ.
އަދި ހަޑިވެފައިވާ 'އިއަޕްލަގް' ބޭނުންކުރުމުން ކަންފަތުގެ ތެރެއަށް ބެކްޓީރިއާ ނުވަތަ ފަންގަސް ވާސިލުވެ، "އޮޓައިޓިސް އެކްސްޓަނާ" ފަދަ އިންފެކްޝަންތައް ޖެހުމުގެ ފުރުސަތު ބޮޑުވެއެވެ. މީގެ އިތުރުން، ގަވާއިދާ ހިލާފަށް ނުވަތަ މާ ބާރަށް 'އިއަޕްލަގް' ލެއްވުމުން ކަންފަތުގެ ތެރޭގައި ފާރު އުފެދުމާއި، ދުޅަވުން ފަދަ ކަންކަން މެދުވެރިވެދާނެ ކަމަށް ޑރ. ހެގްޑޭ ވިދާޅުވެއެވެ.
އެހެންކަމުން، 'އިއަޕްލަގް' ލައްވާއިރު އެ އުފެއްދި ފަރާތުގެ އިރުޝާދާ އެއްގޮތަށް އެ ބޭނުންކުރުމަށް ސަމާލުކަންދިނުމަށް އޭނާ އިރުޝާދު ދެއްވައެވެ.
ތަކުރާރުކޮށް ކަންފަތުގައި އިންފެކްޝަން އުފެދޭ މީހުން، 'އެކްޒީމާ' ނުވަތަ ހަމުގެ ބަލި ހުންނަ މީހުން، ކަންފަތުގެ ހޮޅި އާދަޔާ ހިލާފަށް ހަނި މީހުން، ކަންފަތުގައި މާގިނައިން 'އިއަވެކްސް' އުފެދޭ މީހުން އަދި ކަންފަތުގެ އޮޕަރޭޝަނެއް ކޮށްފައިވާ މީހުން ނުވަތަ ކަންފަތުގެ 'އިއަޑްރަމް' ލޯވެފައިވާ މީހުން ކަންފަތަށް 'އިއަޕްލަގް' ލެއްވުމުގެ ކުރިން ޑޮކްޓަރެއްގެ ލަފާ ހޯދުން މުހިއްމެވެ.

ތަކުރާރުކޮށް ކަންފަތުގައި އިންފެކްޝަން އުފެދޭ މީހުން އަދި 'އެކްޒީމާ'ފަދަ ހަމުގެ ބަލި ހުންނަ މީހުން 'އިއަޕްލަގް' ބޭނުންކުރުމުގެ ކުރިން ޑޮކްޓަރެއްގެ މަޝްވަރާ ހޯދުން މުހިއްމު ކަމަށް ސިއްހީ މާހިރުން ވިދާޅުވޭ--ފޮޓޯ/އިންޑިއަންއެކްސްޕްރެސް
'އިއަޕްލަގް' ބޭނުންކުރުމުގައި އެ ބޭނުންކޮށް ނިމުމުން ސައިބޯނި ފެނުން ދޮވެ، ރަނގަޅަށް ހިއްކާލެވޭ ކަހަލަ އެއްޗެއް ގެންގުޅުމަކީ ރައްކާތެރި ފަސޭހަގޮތެކެވެ. ނަމަވެސް އޭގެ ކުލަ ބަދަލުވުމުން ނުވަތަ ހަރުވުމުން ބަދަލުކުރަން ސަމާލުކަންދޭންވާނެއެވެ. އެއްފަހަރު ބޭނުންކޮށްފައި އުކާލާ 'އިއަޕްލަގް' އެއްވެސް ހާލެއްގައި ތަކުރާރުކޮށް ބޭނުންކުރުމަކީ ރައްކާތެރިގޮތެއް ނޫނެވެ.
ކަންފަތަށް 'އިއަޕްލަގް' ލެއްވުމުން ތަދުވުމަކީ ނުވަތަ އިވުމަށް ބަދަލު އައުމަކީ އާދައިގެ ކަމެއް ނޫނެވެ. ކަންފަތުގައި ރިއްސާ، ކަންފަތް ރަތްވެ ނުވަތަ ދުޅަވެ، ކަންފަތުން ލޭ އައުންފަދަ ކަމެއް ފާހަގަކުރެވިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދައްކަންވާނެއެވެ.
ކަންފަތުގައި އުފެދޭ 'އިއަވެކްސް' ސާފުކުރުމަށް ކަފަބުރު ނުވަތަ ތޫނު އެއްޗެހި ބޭނުން ނުކުރުމަށް ޑޮކްޓަރު އިލްތިމާސް ކުރައްވާއިރު، މީގެ ސަބަބުން 'އިއަވެކްސް' އިތުރަށް އެތެރެއަށް ގޮސް ކަންފަތަށް ގެއްލުން ލިބުމުގެ ފުރުސަތު އޮންނަ ކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ.