ކުއްޖާގެ ހެދިބޮޑުވުމުގައްޔާއި، ވާހަކަދެއްކުމުގެ ހުނަރާއި، މޫނުމަތީގެ ބައްޓަން ދެމެހެއްޓުމުގައި ދުޅަހެޔޮ ކިރުބޯ ދަތްތަކަކީ ނުހަނު މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ.
ކުޑަކުދިންގެ ކިރުބޯ ދަތްތަކަކީ ވަގުތީ އެއްޗަކަށް ވާތީ، ބައެއް ބެލެނިވެރިން އެ ދަތްތަކުގެ މުހިންމުކަމާ މެދު ފަރުވާކުޑަކުރެއެވެ. ނަމަވެސް، ކުރިމަގުގައި ފަޅާނެ ދާއިމީ ދަތްތަކަށް ބޭނުންވާ ޖާގަ ކަށަވަރުކޮށްދެނީ ވެސް މި ދަތްތަކެވެ.
އާންމުކޮށް ކުއްޖާގެ އުމުރުން ހަ މަހުގައި ދަތް ފަޅަން ފަށައި، ތިން އަހަރު ފުރޭއިރު 20 ދަތް ފަޅައި ނިމެއެވެ. މި ދަތްތަކުގެ މައިގަނޑު ބޭނުންތަކުގެ ތެރޭގައި ކާތަކެތި ރަނގަޅަށް ހަފަން އެހީތެރިވެދީ، ހަށިގަނޑަށް ބޭނުންވާ ކާނާ ލިބުމަށް މަގުފަހިކޮށްދިނުން ހިމެނެއެވެ.
އަދި ބަސްމަގު ތަރައްގީވުމާއި، އަކުރުތައް ރަނގަޅަށް މަޚްރަޖުން ކިޔުމަށް އެހީތެރިވުމުގެ އިތުރުން، ދާއިމީ ދަތްތައް ފަޅަންވާ ތަރުތީބުން ފަޅަން ބޭނުންވާ ޖާގަ ހިފަހައްޓައިދީ، ކުއްޖާގެ އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ބޮޑުކޮށްދެއެވެ.

ކިރުބޯ ދަތް ފަނިކެއުމަކީ އާދައިގެ ކަމެއްގެ ގޮތުގައި ދެކި އެކަމަށް ފަރުވާ ނުދީ ދޫކޮށްލުމަކީ ކުއްޖާއަށް އޭގެއިން ގިނަ ވޭންތަކެއް ތަހައްމަލުކުރަން މަގުފަހިކުރުވާނެ ކަމެއް ކަމަށް ސިއްހީ މާހިރުން ވިދާޅުވޭ--ފޮޓޯ/އީއެމްސީ
ކިރުބޯ ދަތް ފަނިކެއުމަކީ އާދައިގެ ކަމެއްގެ ގޮތުގައި ދޫކޮށްލެވެން ނެތްއިރު، ފަރުވާ ނުދީ ދޫކޮށްލާ ދަތްތަކުގެ ސަބަބުން ކުއްޖާއަށް ތަދުވުމާއި، ނިދަން އުނދަގޫވުމާއި، އިންފެކްޝަން އުފެދުން ފަދަ ސިއްހީ މައްސަލަތައް ކުރިމަތިވެދާނެއެވެ. އަދި ދަތް މާ އަވަހަށް ހަލާކުވެގެން ވެއްޓިއްޖެނަމަ، ދާއިމީ ދަތްތައް ފަޅާއިރު އޭގެ ތަރުތީބު ގެއްލުމުގެ ފުރުސަތު ބޮޑުކަމަށް އިންޑޮނޭޝިއާގެ ދަތުގެ ޚާއްސަ ޑޮކްޓަރެއް ކަމަށްވާ ޑރ. މޯނާ ފްރިސްކާ ސިތޮހަންގް ވިދާޅުވެފައިވެއެވެ.
ޑރ. މޯނާ ވިދާޅުވި ގޮތުގައި އާންމުކޮށް އުމުރުން ހަ އަހަރާއި 13 އަހަރާ ދެމެދު ދަތްތައް ބަދަލުވަމުންދެއެވެ. މި ދުވަސްވަރު ދަތްތައް ހަލުވުމާއި، ވެއްޓުމަށްފަހު އާ ދަތްތައް ފަޅާ ތަރުތީބަށް ބެލެނިވެރިން ވަރަށް ބޮޑަށް ސަމާލުވާންވާނެ ކަމަށް އޭނާ އިރުޝާދު ދެއްވައެވެ.
ކިރުބޯ ދަތް ނުވެއްޓި ހުއްޓާ އޭގެ ފަހަތުން ދާއިމީ ދަތް ފަޅަން ފެށުމާއި، ދަތްތައް މާ ބޮޑަށް ތަރުތީބުނުވެ ފަޅަމުންދިއުމާއި، އުމުރާ އަޅާބަލާއިރު ދަތް ފަޅަން މާ ބޮޑަށް ލަސްވުން އަދި ތަލި ނުވަތަ ދަތްދޮޅިއަށް އެއްވެސް ކަހަލަ އަނިޔާއެއް ލިބިއްޖެ ހާލަތެއްގައި ލަސްނުކޮށް ދަތުގެ ޑޮކްޓަރެއްގެ އިރުޝާދު ހޯދުމަކީ މުހިއްމު ކަމެއް ކަމަށް ޑރ. މޯނާ ވިދާޅުވެއެވެ.

ދަރިފުޅުގެ ދަތުގެ ސިއްހަތު ސަލާމަތްކުރުމަށްޓަކައި ފޮނި އެއްޗެހި ކެއުން މަދުކޮށް، ގިނައިން ފެން ބުއިމަށް ކުދިންނަށް ބާރުއަޅަންވާނެ ކަމަށް ޑޮކްޓަރުން އިލްތިމާސްކުރައްވާ--ފޮޓޯ/އީއެމްސީ
ދަރިފުޅުގެ ދަތުގެ ސިއްހަތު ސަލާމަތްކުރުމަށްޓަކައި، ދުވާލަކު ދެ ފަހަރު (ހެނދުނާއި ރޭގަނޑު) ފްލޮރައިޑް އެކުލެވޭ ބޭހުން ދަތް އުނގުޅުމުގެ އާދަ އަށަގަންނުވަންޖެހެއެވެ. އަދި ފޮނި އެއްޗެހި ކެއުން މަދުކޮށް، ގިނައިން ފެން ބުއިމަށް ބާރުއަޅަންވާނެއެވެ.
ވަކިން ޚާއްސަކޮށް، ކިރުފުޅި ޖަހައިގެން ނިދުމަކީ ދަތް ފަނިކެއުމަށް މެދުވެރިވާ މައިގަނޑު ސަބަބަކަށްވާތީ އެކަމުން ކުދިން ދުރުހުލިކުރުވުމަށް ޑރ. މޯނާ ބެލެނިވެރިންނަށް އިލްތިމާސްކުރައްވާފައިވެއެވެ.
މީގެ އިތުރުން، ކޮންމެ ހަ މަހަކުން އެއްފަހަރު ގަވާއިދުން ދަތުގެ ޗެކަޕް ހެދުމަކީ މައްސަލަތައް ކުރީބައިގައި ދެނެގަތުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ. ދަރިފުޅުގެ ދަތުގައި ރިއްސަންދެން މަޑުނުކޮށް، ދުޅަހެޔޮ ހިނިތުންވުމަކަށްޓަކައި މިއަދުން ފެށިގެން ދަރިފުޅުގެ ދަތްތަކަށް އަޅާލުން އިތުރުކުރުމަކީ މުހިއްމު ކަމެކެވެ.