ބޮލީވުޑްގެ އެކްޓަރު ޝާހްރުކް ޚާންގެ ކުރިއަށް އޮތް ފިލްމު "ކިންގް"ގައި ޒުވާން ތަރި ރާގަވް ޖުޔަލް ނުބައިބައި ކުޅޭ އެކްޓަރެއްގެ ޒުވާން ދުވަސްވަރުގެ ރޯލުން ފެންނާނެ ކަމަށް ދެކެވޭ ވާހަކަތައް ރާގަވް ދޮގުކޮށްފިއެވެ.
މީގެ ކުރިން ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ރާގަވް "ކިންގް"ގައި ކުޅެނީ ޖެކީ ޝްރޮފްގެ ކުއްޖެއްގެ ރޯލެވެ. އަދި ފިލްމުގައި އޭނާ ޝާހްރުކް ޚާންގެ ޒުވާން ދުވަސްވަރުގެ ކެރެކްޓާއާ ކުރިމަތިލާ މަންޒަރުތަކެއް ފެންނާނެ ކަމުގެ އަޑުތަކެއް ވެސް ފެތުރުނެވެ.
ނަމަވެސް "މޫވީ ޓޯކީ"އަށް ދިން އިންޓަވިއުއެއްގައި ރާގަވް ބުނީ އެއީ އެއްވެސް ހަގީގަތެއް އެކުލެވިގެންވާ ވާހަކަތަކެއް ނޫން ކަމަށެވެ.
"އެއީ މުޅިން ތަފާތު ވާހަކައެއް، ވަރަށް އާދަޔާ ހިލާފު ޕްލޮޓެއް،" ރާގަވް ބުނެފައިވެއެވެ.
އޭނާގެ ރޯލާ ބެހޭ އިތުރު ތަފްސީލެއް ހާމަކުރުމެއް ނެތި ރާގަވް ބުނީ، އޭނާ ކުޅެނީ ކޮން ކަހަލަ ރޯލެއްކަން އެނގޭނީ ފިލްމު ބެލުމުން ކަމަށެވެ.
މީގެ އިތުރުން، މި ފިލްމުގެ ޑައިރެކްޓަރު ސިިދާތު އާނަންދުގެ މަސައްކަތަށް ރާގަވް ވަނީ ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ. އޭނާ ބުނި ގޮތުގައި ސިދާތު މި ފިލްމު ތައްޔާރުކުރަމުންދަނީ ވަރަށް ތަފާތު އަދި އެހާމެ އާދަޔާ ހިލާފު ގޮތަކަށެވެ. އަދި މި ފިލްމުގައި އޭނާ ފެންނާނީ މީގެ ކުރިން ދުވަހަކު ވެސް ފެނިފައި ނުވާ ފަދަ މުޅިން ތަފާތު "ލުކް"އެއްގައި ކަން ވެސް ރާގަވް ފާހަގަކުރިއެވެ.

ރާގަވް އެންމެފަހުން ބެލުންތެރިންނަށް ގެނެސްދިން ފިލްމު "ބާއި ތެރަ ސްޓާ ހޭ"ގެ މަންޒަރެއްގައި ބަތަލާ ނިހާރިކާއާ އެކު -- ފޮޓޯ/ ރެޑިފް
މި އަހަރުގެ ޑިސެމްބަރު މަހުގެ 24ގައި ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތް "ކިންގް" އަކީ ޝާހްރުކް އާއި އޭނާގެ ދަރިފުޅު ސުހާނާ ޚާން އެކުގައި ސްކްރީނުން ފެންނާނެ ފުރަތަމަ ފިލްމެވެ.
ޝާހުގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް "ރެޑް ޗިލީޒް އެންޓަޓެއިންމަންޓް"އިން މި ފިލްމުގެ ޓީޒާ އާންމުކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެކްޓަރުގެ 60 ވަނަ އުފަންދުވަހާ ދިމާކޮށެވެ. ޓީޒާއިން ފެންނަ ގޮތުގައި "ކިންގް"ގެ ގޮތުގައި މަޝްހޫރުވެފައިވާ ޝާހުގެ ކެރެކްޓަރަކީ ކުރީގެ ގޭންގްސްޓަރެކެވެ.
މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ދީޕިކާ ޕަދުކޯން، އަބީޝެކް ބައްޗަން، ރާނީ މުކަރްޖީ، ޖެކީ ޝްރޮފް، ސޯރަބް ޝުކްލާ، އަރުޝަދު ވަރްސީ، އަނިލް ކަޕޫރު، ޖައިދީޕް އަހްލާވަތު އަދި އަބޭ ވަރުމާ ހިމެނެއެވެ.