އޮސްޓްރޭލިއާގެ ގާނޫނުހަދާ މަޖިލީހުގެ އަންހެން މެންބަރަކަށް ހަމަލާދީ ޒަޚަމްކޮށްލައިފި

އޮސްޓްރޭލިއާގެ ގާނޫނުހަދާ މަޖިލީހުގެ މެންބަރެއް ކަމަށްވާ ހެލެން ހެއިންސްގެ އޮފީސް ކައިރިން އޭނާއަށް އަމާޒުކޮށް ދިން ނުރައްކާތެރި ހަމަލާއެއްގައި ސީރިއަސް އަނިޔާތަކެއް ވެއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ ހޯމަ ދުވަހު، ވިކްޓޯރިއާގައި ހުންނަ އޭނާގެ ދާއިރާގެ އޮފީސް ބޭރުގައެވެ. އޮސްޓްރޭލިއާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހާދިސާގައި އޭނާއަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެ، ފުރާނައަށް ނުރައްކާވާ ފަދަ ހާލަތަކަށް ގޮސްފައެވެ. ފުލުހުން ވަނީ އޭނާއަށް ލިބިފައިވަނީ "ސީރިއަސް އަނިޔާތަކެއް" ކަން ކަށަވަރުކޮށްދީފައެވެ.

އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތަނީ އަލްބަނީޒް ވިދާޅުވީ، ހެލެން ހެއިންސް ޒަޚަމްވެފައިވަނީ "ނުރައްކާތެރި ހާދިސާއެއްގައި" ކަމަށާއި، މި މައްސަލައާ ގުޅިގެން ތުހުމަތުކުރެވޭ މީހަކު މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

"މި ދަތި އުނދަގޫ ދަނޑިވަޅުގައި އަޅުގަނޑުމެންގެ ހެޔޮދުއާއާއި ވިސްނުން ވަނީ ހެލެންއާއި، އޭނާގެ އާއިލާއާއި، ރަހުމަތްތެރިންނާއި، ޓީމު އަދި އޭނާ ނިސްބަތްވާ މުޖުތަމައުއާ އެކުގައި. އަޅުގަނޑުމެން އެދެނީ އޭނާއަށް އަވަސް ޝިފާއެއް މިންވަރުކުރެއްވުން،" ބޮޑުވަޒީރު ވިދާޅުވިއެވެ.

މި ހަމަލާ ދޭން މެދުވެރިވި ސަބަބެއް އަދި މިހާތަނަށް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. އަދި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް އެ ގައުމުގެ ފުލުހުން ބުނެއެވެ.

comment ކޮމެންޓް