ކެނެޑާގެ ވިންނިޕެގްގައި ހުންނަ މިސްކިތަކަށް ބަޑިން ހަމަލާދީ، އެ ތަނަށް ގެއްލުންދިން މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.
ރަހްމާ އިސްލާމިކް ސެންޓަރުން ބުނި ގޮތުގައި، ބުދަ ދުވަހުގެ ރޭ ދިން މި ހަމަލާގައި ކާރެއްގައި ދިޔަ ދެ މީހަކު ވަނީ މިސްކިތަށް ބަޑިޖެހުމަށްފަހު، އެއްޗަކުން ޖަހައި މިސްކިތުގެ ބިއްލޫރިތައް ތަޅާލާފައެވެ. މި ހާދިސާ ހިނގިއިރު މިސްކިތުގެ އެތެރޭގައި މީހުން ތިއްބެވެ. ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
މިސްކިތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއީ އޭގެ ކުރިން އެ ދުވަހު މިސްކިތް ކައިރީގައި ތިބި ބަޔަކާ ދިމާއަށް ނަސްލީ ގޮތުން ދިމާކޮށް ހަޑިހުތުރު ބަހުން މުއާމަލާތްކުރި ދެ މީހުން ކަމަށް ބެލެވޭ ކަމަށެވެ. އަދި މި ހަމަލާގެ ސަބަބުން އެ ސެންޓަރުގެ މުވައްޒަފުންނާއި އާންމުންނަށް ފުން އަސަރުތަކެއް ކޮށްފައިވާ ކަމަށް ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ވިންނިޕެގް ފުލުހުން ބުނި ގޮތުގައި، ބުދަ ދުވަހުގެ ރޭ 11:30 ހާއިރު ހިނގި މި ހާދިސާގައި މިސްކިތަށް 3،000 ކެނޭޑިއަން ޑޮލަރަށް ވުރެ ބޮޑު ގެއްލުމެއް ލިބިފައިވެއެވެ.
މި މައްސަލަ ފުލުހުންގެ މޭޖާ ކްރައިމްސް ޔުނިޓާއި ހޭޓް ކްރައިމް ކޯޑިނޭޓަރުން އަންނަނީ ތަހުގީގުކުރަމުންނެވެ. އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
މި ހަމަލާ ކުށްވެރިކުރައްވައި ކެނެޑާގެ ބޮޑުވަޒީރު މާކް ކާނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ އިސްލާމްދީނާ ދެކޮޅަށް ހިންގި ބިރުވެރި އަމަލެއް ކަމަށާއި، ކެނެޑާގައި މިފަދަ ކަންކަމަށް ޖާގަ ނޯންނާނެ ކަމަށެވެ. އަދި ކުށްވެރިން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ފުލުހުން ކުރާ މަސައްކަތަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ނޭޝަނަލް ކައުންސިލް އޮފް ކެނޭޑިއަން މުސްލިމްސް (އެންސީސީއެމް) އިން ބުނި ގޮތުގައި، މިއީ ފަހަކަށް އައިސް ކެނެޑާގައި މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ހަމަލާތައް އިތުރުވަމުންދާ ކަމުގެ ހެއްކެކެވެ. އެ ޖަމާއަތުން ފާހަގަކުރި ގޮތުގައި ފާއިތުވި ހަފުތާތަކުގައި ކެނެޑާގެ އެކި ކަންކޮޅުތަކުގައި ކޮންމެ ދުވަހަކުހެން މިފަދަ ހަމަލާތައް އަންނަނީ ދެމުންނެވެ.