ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި

އެޗްއާރުސީއެމްގެ މެންބަރު ސަމާއު: އެ ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލާން ވަނީ ހުޅުވާލައިފައި -- ފޮޓޯ/ އެޗްއާރުސީއެމް

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ މެންބަރު ކަމަށް ކުރިމަތިލާން ފުރުސަތު ހުޅުވާލައިފިއެވެ.

ރައީސް އޮފީހުން ބުނީ، އެޗްއާރްސީއެމްގައި މިހާރު ތިއްބެވި މެންބަރުންގެ ތެރެއިން މެންބަރެއްގެ ދައުރު ހަމަވާތީ އެ ކޮމިޝަނަށް މެންބަރަކު ޢައްޔަންކުރެއްވުމަށް ޓަކައި، މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު، އެ އޮފީހުން މިއަދު ހުޅުވާލައިފައިވާ ކަމަށެވެ.

ރައީސް އޮފީހުން ބުނީ، އެ ކޮމިޝަނުގެ މެންބަރުކަމުގެ މަގާމަށް އެދި ހުށައަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސް ދުވަހުގެ ހެނދުނު 08:30 އިން މެންދުރު 12:00 އަށް، ރައީސް އޮފީހުން ކަމަށެވެ.

އެ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެކަން އިއުލާނުގައި ފާހަގަކޮށްފައިވެއެވެ.

އެޗްއާރުސީއެމްގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 10ވާ ހޯމަ ދުވަހުގެ 12:00 އެވެ.

އެޗްއާރުސީއެމްގައި ފަސް މެންބަރުން ތިއްބަވާއިރު، އޭގެ ތެރެއިން މަގާމުގައި އެންމެ ދުވަސްވީ މެންބަރަކީ ސަމާއު އަހުމަދު ނަޖީބެވެ. އޭނާ މަގާމަށް އައްޔަންކޮށްފައިވަނީ އޮކްޓޫބަރު 3، 2021ގައެވެ.

comment ކޮމެންޓް