ދިރާގު ބިޒްނަސް ސަޕޯޓް ސިސްޓަމްގެ މުހިންމު މެއިންޓެނަންސް މަސައްކަތެއް ކުރާތީ، މާދަމާ ރޭ ބައެއް ޚިދުމަތްތައް މެދުކެނޑޭނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
ދިރާގުން ނެރުނު ޚާއްސަ ދަންނަވާލުމެއްގައި ވަނީ، މާދަމާ ރޭ އިރު އޮއްސި 06:00އިން ފެށިގެން ހޮނިހިރު ދުވަހުގެ މެންދުރު 12:00އާ ހަމައަށް މެއިންޓެނަންސް މަސައްކަތް ކުރިއަށްގެންދާނެ ކަމަށެވެ.
އެ މަސައްކަތް ކުރަމުންދާ ވަގުތުތަކުގައި ދިރާގުއެޕް، މައިއެކައުންޓް އަދި މަމެން އެޕްގެ ޚިދުމަތް ވަގުތީ ގޮތުން މެދުކެނޑޭނެ ކަމަށް ދިރާގުން ބުންޏެވެ. އޭގެ ތެރޭގައި، ރީލޯޑްއާއި ރީޗާޖްގެ ޚިދުމަތްތަކާއި ބިލަށް ފައިސާ ދެއްކުމާއި ޚިދުމަތްތައް އެކްޓިވޭޓްކުރުން ހިމެނޭކަން ކުންފުނިން ފާހަގަކުރިއެވެ.
އެހެންނަމަވެސް، މާދަމާ އިރު އޮއްސި 06:00އިން މެންދަމު 12:00އާ ހަމައަށް ދިރާގުގެ ޕާޓްނަރު ފިހާރަތައް މެދުވެރިކޮށް ރީލޯޑް އަދި ރީޗާޖްގެ ޚިދުމަތްތައް ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ.
"މީގެ އިތުރުން، މި މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި ވެސް ކަސްޓަމަރުންނަށް ފޯނު ކޯލު، އެސްއެމްއެސް، އަދި މޮބައިލް ޑޭޓާގެ ޚިދުމަތްތައް ކުރިއެކޭ ވެސް އެއްފަދައިން ލިބިވަޑައިގަންނަވާނެއެވެ." އެ ކުންފުނިން ބުންޏެވެ.
ދިރާގުން ވަނީ އެ ކުންފުނީގެ ޚިދުމަތްތަކުގެ ފެންވަރު ދެމެހެއްޓުމަށް ކުރަމުންދާ މަސައްކަތްތަކަށް ކަސްޓަމަރުން ދެއްވާ އެއްބާރުލެއްވުމާއި ކުރައްވާ އިތުބާރަށް ޝުކުރު އަދާކޮށްފައެވެ.