މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލުކުރާނެ އިލެކްޓެޑް ޑައިރެކްޓަރެއް ހޮވުމަށްޓަކައި، އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އެ ބޭންކުން މިއަދު ރަސްމީކޮށް ހުޅުވާލައިފިއެވެ.
އެމްއައިބީން މައުލޫމާތު ދޭ ގޮތުގައި، މި މަގާމަށް ކުރިމަތިލާ ފަރާތަކީ ބޭންކުގެ ހިއްސާދާރަކަށް ވާންޖެހޭނެއެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ ބޭންކިން ގާނޫނާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވާއިދުތަކާއި، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގެ އުސޫލުތަކުގެ އިތުރުން ބޭންކުގެ ހިންގާ ގަވާއިދުގައި ބަޔާންކޮށްފައިވާ އެންމެހާ ޝަރުތުތައް އެ ފަރާތެއްގެ ކިބައިގައި ފުރިހަމަވާން ޖެހެއެވެ.
އަދި މި މަގާމަށް ކުރިމަތިލާ ފަރާތްތަކަކީ އުމުރުން 30 އަހަރާއި 70 އަހަރާ ދެމެދުގެ ފަރާތްތަކަކަށް ވާންޖެހޭނެ ކަމަށް ވެސް އެ ބޭންކުން ބަޔާންކުރެއެވެ.
މި މަގާމަށް ހޮވޭ ފަރާތްތަކުގެ ތައުލީމީ ޝަރުތުތަކުގެ ތެރޭގައި، ބޭންކިން، ފައިނޭންސް، އެކައުންޓިން ނުވަތަ އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން މާސްޓަޒް ޑިގްރީއެއް ނުވަތަ ބެޗްލަސް ޑިގްރީއެއް އޮތުން ހިމެނެއެވެ. އަދި މި ދާއިރާތަކުން ސްޕެޝަލައިޒްވެފައިވާ އެމްބީއޭއެއް އޮތުން ނުވަތަ ޗާޓަޑް އެކައުންޓިން ބޮޑީއެއްގެ ފުލް ނުވަތަ އެސޯސިއޭޓް މެންބަރަކަށްވުން ވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.
މީގެ އިތުރުން، ކުރިމަތިލާ ފަރާތްތަކަކީ ބޭންކިން އަދި މާލީ ދާއިރާގެ އެކަށީގެންވާ މައުލޫމާތު ލިބިފައިވާ، އަޚުލާގީ ގޮތުންނާއި ނަޒާހާތްތެރިކަމުގެ އެންމެ މަތީ މިންގަނޑުތައް ހިފަހައްޓާ ފަރާތްތަކަކަށް ވާންޖެހެއެވެ. އަދި ހިއްސާދާރުންގެ ދިގު މުއްދަތުގެ މަސްލަހަތު އެންމެ ފުރިހަމައަށް ތަމްސީލުކޮށްދެވޭނެ ގާބިލުކަން ހުންނަންވާނެކަމަށް ވަނީ ބަޔާންކޮށްފައެވެ.
މި މަގާމަށް ކުރިމަތިލާން އެދޭ އާންމު ހިއްސާދާރުން، ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމާއި ބޭނުންވާ ލިޔެކިޔުންތައް މި މަހުގެ 31 ވަނަ ދުވަހުގެ 16:00 ގެ ކުރިން ހުށަހަޅަންޖެހެއެވެ.
އެޕްލިކޭޝަން ހުށަހެޅޭނީ އެމްއައިބީގެ ހެޑް އޮފީހުގެ ފަސް ވަނަ ފަންގިފިލާއަށް ނުވަތަ އީމެއިލް މެދުވެރިކޮށް ކަމަށް އެ ބޭންކުން ބުނެއެވެ. އަދި މަގާމަށް އެދި ހުށަހަޅާ ފޯމު އެމްއައިބީގެ ރަސްމީ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.