މި ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ ކުށް ހިނގުމުގެ ކުރިން އެކަން ދެނެގަނެވޭނެ ނިޒާމެއް ގާއިމްކޮށް، ކުށްކުރުން ހުއްޓުވުން ކަމަށް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަ އެންޑް ޓެކްނޯލޮޖީން ހާމަކޮށްފިއެވެ.
މީހުން ޓްރެފިކްކުރުމާ ދެކޮޅަށް މަސައްކަތްކުރާ ބައިނަލްއަގްވާމީ ދުވަހުގެ މުނާސަބަތުގައި އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މި އަމާޒު ހާސިލްކުރުމަށްޓަކައި ހޭލުންތެރިކަން އިތުރުކުރުމަކީ މުހިންމު ކަމެއް ކަމަށްވާތީ، ބިދޭސީ މަސައްކަތްތެރިންނާއި ވަޒީފާދޭ ފަރާތްތަކަށް އަމާޒުކޮށްގެން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް މިހާރު ފުޅާކުރަމުންދާ ކަމަށެވެ.
މީގެ ތެރޭގައި މަސައްކަތްތެރިން ރާއްޖެ އައުމުގެ ކުރިންނާއި އައުމަށްފަހުވެސް އެ މީހުންގެ ޙައްގުތަކަށް ހޭލުންތެރިކުރުވުމާއި، ދިމާވާ މައްސަލަތައް ހުށަހަޅާނެ ގޮތްތައް ބަޔާންކޮށްދިނުން ހިމެނެއެވެ.
ކުށްކުރުން ހުއްޓުވުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން، ބަޔޯމެޓްރިކް ރަޖިސްޓްރޭޝަނާއި ޑިޖިޓަލް ސިސްޓަމްތަކުގެ އެހީގައި މައިގްރޭޝަން މެނޭޖްމަންޓް ހަރުދަނާކުރުމަށް ސަރުކާރުން ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ.
މިކަމުގެ ސަބަބުން މުޅި ނިޒާމުގެ ނަޒާހަތްތެރިކަން އިތުރުވެ، ބިދޭސީންނާ ގުޅުންހުރި ކަންކަން ބެލެހެއްޓުމުގައި އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް މިނިސްޓްރީން ފާހަގަކުރެއެވެ.
މީހުން ޓްރެފިކްކުރުމާ ދެކޮޅަށް ކުރާ މަސައްކަތްތަކާ ގުޅޭގޮތުން މިނިސްޓްރީން ބުނީ، "މޯލްޑިވްސް އެންޓި-ހިއުމަން ޓްރެފިކިން ސްޓްރެޓީޖިކް ޕްލޭން 2026-2028" ގެ ނަމުގައި ސަރުކާރުގެ އިދާރާތަކުން މިކުށާއި ދެކޮޅަށް މަސައްކަތްކުރާނެ ގޮތުގެ މަގުޗާޓެއް މިހާރު ޝާޢިއުކޮށް ޢަމަލުކުރަން ފަށާފައިވާ ކަމަށެވެ. މި ޕްލޭނުގެ ސަބަބުން މިހާރު ދިމާވެފައިވާ ނިޒާމީ މައްސަލަތައް ހައްލުވެގެންދާނެ ކަމަށް ވެސް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.
މިއަހަރުގެ މީހުން ޓްރެފިކްކުރުމާ ދެކޮޅަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ދުވަހުގެ ޝިއާރަކީ "ޓްރެޕްޑް ބިހައިންޑް ދަ ސްކޭމް" ނުވަތަ "މަކަރާއި ހީލަތުން ގައިދުކޮށްފައި" މިއެވެ.
މި ޝިއާރުން ހަނދާންކޮށްދެނީ ޒަމާނީ ޓެކްނޯލޮޖީއާއި ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން މީހުން ޓްރެފިކްކުރުމުގެ ކުށްތައް ބަދަލުވަމުންދާ މިންވަރުކަމަމަށް ބަޔާނުގައިވެއެވެ.
މި ހުރިހާ ފިޔަވަޅުތަކަކީވެސް ރާއްޖޭގައި ކުށްކުރުން މަދުކޮށް، އަމާން މުޖުތަމަޢެއް ބިނާކުރުމަށް ސަރުކާރުން ގެންގުޅޭ ސްޓްރެޓީޖިކް ޕްލޭންގެ ދަށުން ކުރިއަށްދާ މަސައްކަތްތަކެއް ކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ.
އިންސާނީ ވަގުފާރިއާ ދެކޮޅަށް ފާހަގަކުރާ ބައިނަލްއަގުވާމީ ދުވަހަކީ ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 30 ވަނަ ދުވަހު އދ. އިން ފާހަގަކުރާ ދުވަހެކެވެ.
މި ދުވަހުގެ މައިގަނޑު މަގްސަދަކީ އިންސާނީ ވަގުފާރިއާ މެދު ހޭލުންތެރިކަން އިތުރުކުރުމެވެ.
އިންސާނީ ވަގުފާރީގެ ތެރޭގައި މަޖުބޫރުން މަސައްކަތް ކުރުވުމާއި، ޖިންސީ ގޮތުން ނާޖާއިޒު ފައިދާ ނެގުމާއި، މަޖުބޫރުން ކައިވެނި ކުރުވުން ފަދަ އިންސާނިއްޔަތާ ހިލާފު އެތައް ކަމެއް ހިމެނެއެވެ.
މިއީ އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ ސީރިއަސް މައްސަލައެއްކަން ހަނދާންކޮށްދެމުން، މިއީ ހަމައެކަނި ސަރުކާރުތަކުގެ ޒިންމާއެއް ނޫން ކަމަށާއި، މިކަން ހުއްޓުވުމުގައި ކޮންމެ ފަރުދަކަށްވެސް ފަރުދީ ޒިންމާ އޮތްކަން މި ދުވަހުން ހަނދާންކޮށްދެއެވެ.