ރާއްޖޭގެ އެކި ރަށްރަށަށް ވިއްސާރަކޮށް ބައެއް ރަށްރަށަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް)އިން މިއަދު ލަފާކޮށްފިއެވެ.
މެޓް އޮފީހުން މިއަދު ލަފާކުރާ ގޮތުގައި މިއަދު އިރުއޮއްސި ހައެއް ޖެހުމާ ހަމައަށް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް، ބައެއް ރަށްރަށަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުން އެކަށީގެންވެއެވެ.
ދެކުނުގެ ރަށްރަށަށް އިރު ދެކުނާއި ދެކުނުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށާއި އެހެން ސަރަހައްދުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. އަދި ވިލާގަނޑުގައި ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވާނެ ކަމަށް ވެސް ލަފާކޮށްފައިވެއެވެ.
ދެ ފޫޓާއި ފަސް ފޫޓާ ދެމެދުގެ އުސްމިނެއްގައި ރާޅުތައް ހުންނާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ބުނީ ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ފާހަގަކުރެވޭ ގޮތުގައި މެޓް އޮފީހުން މިދިޔަ ހޮނިހިރު ދުވަހު ވަނީ ސްކޫލު ބަންދު ނިމޭއިރު މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، ޓާމް ބަންދު ޗުއްޓީ ނިންމައިފައި އަންނަ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. ހަމަ އެހެންމެ މުޅި ރާއްޖެއަށް ވެސް މޫސުން ގޯސްވުމުން، ޒަރޫރީ ބޭނުންތަކަށް ފިޔަވައި ކަނޑު ދަތުރުނުކުރަން ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
މީގެ އިތުރުން އުޅަނދުތަކުގައި ސަމާލަތީ ގޮތުން ފުރިހަމަކުރަން ޖެހޭ ކަންކަން ފުރިހަމަ ކުރުމަށާއި އުޅަނދަށް ކަނޑައަޅައިފައިވާ އަދަދަށްވުރެ އިތުރަށް މީހުންނާއި މުދާ ނޭރުވުމަށް ފުލުހުން ވަނީ ހަނދާންކޮށްދީފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މިއީ ސްކޫލްގެ ފުރަތަމަ ޓާމްގެ ޗުއްޓީ ދުވަސްވަރެވެ. ނަމަވެސް އަންނަ ހަފުތާގައި އަލުން ސްކޫލްތަކުގެ ކިޔެވުން ފެށޭއިރު، މިއީ ގިނަ ބަޔަކު ދަތުރުކުރާނެ ދުވަސްވަރެކެވެ.