ހިންދީ ސިނަމާގެ މަޝްހޫރު އެކްޓަރު ރަންވީރު ސިންގްއާ އަންހެން ސަޕޯޓަރަކު ސަމާސާކޮށް ހިތްކިޔާ ފާޑަކަށް ވާހަކަދެއްކުމުން، އޭނާއަކީ މިހާރު ދެ ކުދިންގެ ބައްޕައަކަށް ވާން އުޅޭ މީހެއްކަން ހަނދާންކޮށްދީފިއެވެ.
މި ހާދިސާ ހިނގާފައިވަނީ ދާދި ފަހުން ބޭއްވި ޕްރޮމޯޝަނަލް އިވެންޓެއްގެ ތެރެއިންނެވެ. ރަންވީރު އޭނާގެ އަމިއްލަ ހެލްތު ބްރޭންޑެއް އިޝްތިހާރު ކުރުމަށް ބޭއްވި މި ހަރަކާތުގައި، އަންހެން ފޭނަކު ވަނީ ރަންވީރު ކޮފީ ގިރަން ދަންނަ މިންވަރަށް ތައުރީފުކޮށް އޭނާއާ ގާތްކަމެއް ބަހައްޓަން މަސައްކަތްކޮށްފައެވެ.
"ތިވަރަށް އަހަންނާ ހިތްކިޔައިގެން ވާހަކަ ނުދައްކާ. އަހަރެން މިއީ ދެވަނަ ކުއްޖަކު ލިބެން އުޅޭ ބައްޕައެއް" ސަމާސާ ރާގެއްގައި ރަންވީރު މިހެން ބުނެފައިވާ، ވީޑިއޯ މިހާރު ދަނީ މީސްމީޑިއާގައި ވަރަށް ބޮޑަށް ދައުރުވަމުންނެވެ.

އަމިއްލަ ހެލްތު ބްރޭންޑެއް އިޝްތިހާރު ކުރުމަށް ބޭއްވި އިވެންޓެއްގައި ރަންވީރު--ފޮޓޯ/އިންޑިއާޓުޑޭ
ރަންވީރު އާއި އޭނާގެ އަންހެނުން ބަތަލާ ދީޕިކާ ޕަދުކޯންއަށް ދެވަނަ ކުއްޖަކު ލިބެން އުޅޭކަން އިއުލާންކުރީ މި އަހަރުގެ ކުރީކޮޅުގައެވެ. މި ދެމަފިރިންނަށް ފުރަތަމަ ލިބުނު އަންހެން ދަރިފުޅު، ދުއާ، އުފަންވީ 2024 ސެޕްޓެމްބަރު އަށެއްގައެވެ. ދެވަނަ ކުއްޖަކު ލިބެން އުޅޭކަން ހާމަކުރީ ދަރިފުޅު ދުއާ، ޕްރެގްނަންސީ ޓެސްޓް ކިޓެއް ހިފަހައްޓައިގެން ހުރި ފޮޓޯއަކާ އެކު އިންސްޓަގްރާމް މެދުވެރިކޮށެވެ.
ރަންވީރު އާއި ދީޕިކާ ފުރަތަމަ ބައްދަލުވީ 2013 ވަނަ އަހަރު ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ ގެނެސްދިން ފިލްމު "ގޯލިޔޯން ކީ ރާސީލީލާ ރާމް-ލީލާ"ގެ ސެޓުންނެވެ. އޭގެ ފަހުން ގާތްގަނޑަކަށް ހަ އަހަރު ދުވަހު ރައްޓެހިވެގެން އުޅުމަށްފަހު، ދެ މީހުން ކައިވެނިކުރީ 2018 ވަނަ އަހަރު އިޓަލީގެ ލޭކް ކޯމޯގައެވެ.
މަސައްކަތުގެ ދާއިރާއަށް ބަލާއިރު، ރަންވީރު އެންމެ ފަހުން ފެނިގެންދިޔައީ "ދުރަންދަރު: ދަ ރިވެންޖް"އިންނެވެ. އަދި މިހާރު އޭނާ ތައްޔާރުވަމުންދަނީ "ޕްރަލޭ"ގެ ނަމުގައި އުފައްދާ ތުރިލާ ފިލްމަކަށެވެ.
ބަތަލާ ދީޕިކާގެ ކުރިއަށްހުރި ފިލްމީ މަސައްކަތްތަކުގެތެރޭ ޝާހްރުކް ޚާންއާ އެކު މަސައްކަތް ފަށާފައިވާ ފިލްމު "ކިންގް"ގެ އިތުރުން ދެކުނު އިންޑިއާގެ ކުޅަދާނަ އެކްޓަރު އައްލޫ އަރުޖުންއާ އެކު މަސައްކަތް ފަށާފައިވާ ޑައިރެކްޓަރު އެޓުލީގެ ފިލްމެއް ހިމެނެއެވެ.