އިންޑިއާގެ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ބާދްޝާ އާއި އޭނާގެ އަންހެނުން ޕަންޖާބީ އެކްޓްރެސް އިޝާ ރިކީގެ ކައިވެނީގައި މައްސަލަތަކެއް ޖެހިފައިވާކަމުގެ އިޝާރާތެއް އިޝާ ދީފިއެވެ.
އިޝާ ރިކީ އޭނާގެ އިންސްޓަގްރާމްގައި ކުރި ޕޯސްޓުތަކަކުން ދޭހަވާ ގޮތުގައި، މިހާތަނަށް އެކަމާ ބެހޭގޮތުން އެއްޗެއް ނުބުނެ ހުރީ ބާދްޝާގެ ނުފޫޒާއި ބާރުގެ ސަބަބުން ގަންނަ ބިރުންނެވެ.
މިދިޔަ ހަފުތާގެ ކުރީކޮޅު، ބާދްޝާއާ އެކު ނަގާފައިވާ ފޮޓޯތަކެއް ހިމެނޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ހިއްސާކުރަމުން އިޝާ ބުނީ، ކޮންމެ ތޫފާނަކީވެސް ފިލާވަޅެއް ކަމަށާއި ކޮންމެ ދުއާއަކީ އުންމީދެއް ކަމަށެވެ.
އޭގެ ހަފްތާއެއްފަހުން އިޝާ ސޯޝަލް މީޑިއާގައި ހިއްސާކުރި ނޯޓެއްގައި، އަމިއްލަ ދިރިއުޅުމުގައި ކުރިމަތިވަމުންދާ ހިތްދަތި ކަންތައްތަކަށް އިޝާރާތްކޮށް ބުނެފައިވަނީ، ފިރިމީހާގެ ކިބައިގައި ހުރި ބާރާއި ނުފޫޒާއި ވަސީލަތްތަކުގެ ސަބަބުން އޭނާ ހުރީ ވަރަށް ބޮޑަށް ބިރުގެންފައި ކަމަށެވެ.

ބާދްޝާ އާއި އިޝާ ކައިވެނީގެ ހަފްލާގައި އިޝާގެ މަންމައާ އެކު--ފޮޓޯ/އެންޑީޓީވީ
ފެންނަން ނެތް ނަމަވެސް، ނުފިލާނެ ފުން ޒަޚަމްތަކެއް ދޭ ހަނގުރާމަތަކެއް ހުރޭ. އަހަރެން މިހާ ދުވަހު ހަނުހުރީ ބިރުން. އަހަރެން ގަބޫލުކުރީ ފިރިމީހާގެ ބާރާއި ނުފޫޒުގެ ކުރިމަތީގައި އެންމެ ރައްކާތެރި ގޮތަކީ އެއްޗެއް ނުބުނެ މަޑުން ހުރުން ކަމަށް. އެހެންނަމަވެސް، އަހަރެންގެ ހިމޭންކަމަކީ އެކަންކަން ގަބޫލުކުރުމެއް ނޫން. އެއީ ހަމައެކަނި ސަލާމަތްވުމަށް ކުރި ކަމެއް. މިއަދު އަހަރެން މި އިޚްތިޔާރުކުރީ ބިރުގަތުމުގެ ބަދަލުގައި ކެރިގެން ކުރިމަތިލުން. ހުރިހާ ވާހަކައެއް ކިޔައިދޭން އަދި ތައްޔާރު ނޫން ނަމަވެސް، ހުރިހާ ކަމެއް ރަނގަޅު ކަމަށް ދައްކައިގެން ހުންނަން ދެން ބޭނުމެއް ނޫން،" އިޝާ ލިޔެފައިވެއެވެ.
އިޝާގެ މި ޕޯސްޓާ ގުޅިގެން ފިލްމީ އަދި މިއުޒިކް ދާއިރާގެ ގިނަ ބަޔަކު ދަނީ އޭނާއަށް ހިތްވަރު ދެމުންނެވެ. އޭގެ ތެރޭގައި ރެޕް ލަވަކިޔުންތެރިޔާ ކަރަން އައުޖްލާގެ އަންހެނުން ފަލަކް އާއި، ޓީ-ސީރީޒްގެ ވައިސް ޕްރެޒިޑެންޓް ޕޫޖާ ސިންގް ގުޖްރާލް އަދި ބަތަލާ ޖޭސްމިން ބާސިން ހިމެނެއެވެ.
ބަތަލާ ޝްރޫތީ ސޯދީ ބުނެފައިވަނީ އިޝާ އަށް ދިމާވެފައިވާ ހިތްދަތި ކަންތައްތަކުގެ ހެކިވެރިއެއްގެ ގޮތުގައި އޭނާ ހުރި ކަމަށާއި، އިޝާ އަކީ ތެދުވެރި އަދި ހިތްވަރުގަދަ މީހެއް ކަމަށެވެ.
ބާދްޝާ އާއި އިޝާގެ ގުޅުން ސިއްރެއްގެ ގޮތުގައި އޮތުމަށްފަހު، އެގުޅުން އާއްމުވީ މިދިޔަ މޭ މަހު އިޝާގެ މަންމަ ޕޫނަމް ރިކީ އެމީހުންގެ ކައިވެނީގެ ފޮޓޯތަކާއި ވީޑިއޯތައް އިންސްޓަގްރާމްގައި ހިއްސާކުރުމުންނެވެ. އޭގެ މަހެއްހާ ދުވަސް ފަހުން ބާދްޝާ ވެސް ވަނީ އިޝާގެ މޫނު ނުފެންނަ ގޮތަށް އޭނާއާ އެކު ނަގާފައިވާ ފޮޓޯތަކެއް ހިއްސާކޮށްފައެވެ.
މީގެ ކުރިންވެސް ކައިވެންޏެއްކޮށް އެ ކައިވެންޏަށް އަންހެން ކުއްޖަކު ލިބިފައިވާ ބާދްޝާ އާއި އިޝާގެ ކައިވެންޏާ ގުޅޭގޮތުން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.