ކައިވެނިކުރަނީ ކޮންއިރަކުތޯ އަހާ މީހުންނަށް ޖޭސްމިންގެ ރައްދު: 'އެއީ އެއްވެސް މީހަކާ ބެހޭ ކަމެއް ނޫން'

ޓެލެވިޒަން ތަރިން ކަމަށްވާ އަލީ ގޯނީ އަދި ބަތަލާ ޖޭސްމިން ބާސިން--ފޮޓޯ/އެންޑީޓީވީ

ޓެލެވިޒަން އެކްޓަރު އަލީ ގޯނީއާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ބަތަލާ ޖޭސްމިން ބާސިން، އޭނާގެ ކައިވެނީގެ ރޭވުންތަކާ ބެހޭގޮތުން ތަކުރާރުކޮށް ކުރިމަތިވަމުންދާ ސުވާލުތަކާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފިއެވެ.

ޖޭސްމިން ބުނި ގޮތުގައި އޭނާ ބޭނުންވަނީ އަމިއްލަ ދިރިއުޅުމުގެ ވާހަކަތަކަށްވުރެ ބޮޑަށް، އޭނާ ކުރާ މަސައްކަތްތަކަށް މީހުން ތައުރީފު ކުރުމަށެވެ.

ޖޭސްމިން އާއި އަލީގެ ގުޅުމާ ގުޅިގެން ކައިވެނީގެ ސުވާލުތައް އާންމުކޮށް އަމާޒުވެއެވެ. މިކަމާ ގުޅޭގޮތުން ވާހަކަދައްކަމުން ޖޭސްމިން ބުނީ އެއް ސުވާލެއް ތަކުރާރުކޮށް ކުރިމަތިވުމުން މިހާރު ފޫހިވެފައިވާ ކަމަށާއި، އެއީ ހަމައެކަނި އޭނާގެ އަމިއްލަ ނިންމުމެކެވެ.

"އަހަރެން ހިތަށްއަރަނީ އެ ސުވާލުކުރާ މީހުންނަށް އެކަމުން ލިބޭނީ ކޮން ފައިދާއެއްބާވައޭ؟ ކޭޓަރިން ބިލް ދައްކަންޖެހެނީކީ އެމީހުންނެއް ނޫން، ކައިވެނީގެ ކަންކަން ފަރުމާކުރަންޖެހެނީކީވެސް އެމީހުންނެއް ނޫން" ޕިންކްވިލާ އަށް ދިން އިންޓަވިއުއެއްގައި ޖޭސްމިން ބުނެފައިވެއެވެ.

ޖޭސްމިން އާއި އަލީ ރިއަލިޓީ ޝޯ "ބިގް ބޮސް 14"ގައި--ފޮޓޯ/އެންޑީޓީވީ

"ކައިވެނި ކުރާ ދުވަހަކުން އެންމެންނަށްވެސް އެކަން އެނގޭނެ. އެއީ އެއްވެސް މީހަކާ ބެހޭ ކަމެއް ނޫން. މިއީ ހަމައެކަނި މީހުންނަށް މަޖާ ކަމަކަށް ވެފައި އޮތް ކަމެއް. ބައެއް މީހުންގެ ހުންނަނީ އެހެން މީހުންނަށް އުނދަގޫވާތީ އެކަމުން އުފާލިބޭ ކަހަލަ ނުބައި ވިސްނުމެއް. އެމީހުން ހީކުރަނީ މި ސުވާލު ކުރުމުން އަހަރެމެންނަށް އުނދަގޫވާތީއޭ ޖަވާބު ނުދެނީ، އެކަމަކު އެއީ ގަސްތުގައި އަހަރެމެން ނިންމާފައިވާ ނިންމުމެއް" ޖޭސްމިން އިތުރަށް ކިޔައިދިނެވެ.

ޖޭސްމިން ބުނީ، އޭނާ އާއި އަލީއާ ދެ މީހުންނަކީ ވެސް ވަރަށް ބުރަކޮށް ޓެލެވިޒަން ދާއިރާގައި މަސައްކަތްކުރަމުން އަންނަ ތަރިންނަށްވެފައި، އެމީހުން ބޭނުންވަނީ ކުރާ މަސައްކަތް އާއްމުން ބަލައިގަތުމަށެވެ. ދެ މީހުންގެ ޒާތީ ގުޅުމަށް އާއްމުންގެ ސަމާލުކަން މާބޮޑަށް ލިބުމުގެ ނަތީޖާއެއްގެ ގޮތުން އެކްޓިންގް ދާއިރާގައި ކުރާ މަސައްކަތަށް އޭގެ ހިޔަނި އެޅޭކަން ވެސް ޖޭސްމިން ވަނީ ފާހަގަކޮށްފައެވެ.

ޖޭސްމިން އާއި އަލީ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ގިނަ އަހަރުތަކެއް ވެފައިވާއިރު، އެމީހުންގެ ގުޅުން އާންމުކޮށް ހާމަކުރީ މަޝްހޫރު ރިއަލިޓީ ޝޯ 'ބިގް ބޮސް 14'ގެ ތެރެއިންނެވެ.

މަސައްކަތުގެ ދާއިރާއަށް ބަލާއިރު، މި ފެށޭ އޯގަސްޓް މަހުގެ އެއް ވަނަ ދުވަހު ފަށާ ރޯހިތު ޝެޓީގެ 'ޚަތުރޯން ކޭ ކިލާޅީ 15'އިން ޖޭސްމިން ފެނިގެންދާނެއެވެ. އަދި އަލީ މިހާރު ބައިވެރިވަމުން ދަނީ ކުނާލް ކޭމޫ ހުށަހަޅައިދޭ ރިއަލިޓީ ޝޯ 'އެލަޔަންސް'ގައެވެ.

comment ކޮމެންޓް