މާލޭގެ އިއްޒުއްދީން މަގުގައި، ފުޑް ކޯޓު ކައިރީ މިރޭ ކާރަކާއި ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ފިރިހެނަކަށް އަނިއްޔާވެއްޖެއެވެ.
ފުޑް ކޯޓު ކައިރީ އޮންނަ މަގަކީ އާންމު ގޮތެއްގައި ބާރު ބޮޑު މަގަކަށްވާއިރު، "ސަން"އަށް ލިބިފައިވާ ފޮޓޯތަކުން، އެ މަގު މަތީގައި ކާރަކާއި ސައިކަލެއް އެކްސިޑެންޓުވެފައިވާ މަންޒަރު ފެނެއެވެ. އެގޮތުން ސައިކަލުގެ ބައެއް ކާރުގެ ދަށުގައި އޮތް މަންޒަރު ފެންނައިރު، ސައިކަލު ވެއްޓިފައި އޮތީ އަނެއް ލޭނުގައެވެ.

ފުޑް ކޯޓް ކައިރީ އެކްސިޑެންޓުވި ކާރު: އެ ހާދިސާގައި މީހަކަށް ވަނީ އަނިޔާވެފައި -- ސަން ފޮޓޯ/ އަހުމަދު ފިރިޔާލް
ފުޑް ކޯޓް ކައިރީ ހުރި "ސަން"ގެ ނޫސްވެރިއަކު މައުލޫމާތު ދިން ގޮތުގައި، 00:22ހާއިރު ފުލުހުން ދިޔައީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. އެ އެކްސިޑެންޓުގައި އަނިޔާވި ކަމަށް ބެލެވެނީ ސައިކަލު ދުއްވަން އިން މީހާއަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މީހާގެ ބޮލަށް އަނިޔާއެއްވެ، ގައިގެ އެކި ތަންތަނުން މަށައިގެންގޮސްފައިވެއެވެ. އެ އަނިޔާތަކަށް ފަރުވާ ދިނުމަށް އޭނާ ވަނީ އެމްބިއުލާންސެއްގައި ހޮސްޕިޓަލަށް ގެންގޮސްފައެވެ.

ފުޑް ކޯޓް ކައިރީ އެކްސިޑެންޓުވި ދެ އުޅަނދު: އެ ހާދިސާގައި މީހަކަށް ވަނީ އަނިޔާވެފައި -- ސަން ފޮޓޯ/ ފާތިމަތު ސައުނާ މުހައްމަދު
އެ އެކްސިޑެންޓާ ގުޅޭ ގޮތުން މިހާތަނަށް ފުލުހުންގެ ބަހެއް ލިބިފައިނުވެއެވެ.
މާލެ ސަރަހައްދުގައި އެކްސިޑެންޓުތައް ވަރަށް އާންމުވެފައިވާއިރު، ބައެއް އެކްސިޑެންޓުތަކުގައި މީހުންނަށް ބޮޑެތި އަނިޔާތައް ލިބި، މަރުވެފައި ވެސްވެއެވެ.
ފުލުހުންގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް އެ މުއައްސަސާއަށް ދެވަނައަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ޓްރެފިކް އެކްސިޑެންޓުތަކެވެ. އެގޮތުން އެފަދަ 1,794 މައްސަލައެއް މިހާތަނަށް ރިޕޯޓުކޮށްފައިވާ ކަމަށް ތަފާސްހިސާބުގައިވެއެވެ.