އެއް ލޯންޗުން އަނެއް ލޯންޗަށް އަރަން ޖެހުމުގެ މައްސަލަ ހައްލުކުރަން، ކުދިކުދި ޖެޓީތަކެއް ހަދާނެ: ރައީސް

ރައީސް މީގެ ކުރިން ބޮޑުތަކުރުފާނު މަގުގެ މަސައްކަތް ބައްލަވައިލެއްވުން: އެއް ލޯންޗުން އަނެއް ލޯންޗަށް އަރަން ޖެހުމުގެ މައްސަލަ ހައްލުކުރަން، ކުދިކުދި ޖެޓީތަކެއް ހަދާނެ ކަމަށް ރައީސް ވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސް

މާލޭ ބޭރުމަގުގައި ރަސްމީ ފާލަމާ ކައިރީގައި، ރަށްރަށުން އަންނަ ލޯންޗުތައް ކައިރިކުރަން އޮންނަ ސަރަހައްދަށް ބާރުބޮޑުވާ މައްސަލަ ހައްލުކުރަން، އެ ސަރަހައްދުގައި ކުދިކުދި ޖެޓީތަކެއް ހަދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ރަށްރަށުން އަންނަ ލޯންޗުތައް މިހާރު އޮންނަނީ ބަނދަރާ ކައިރީގައި ތޮއްޖެހިފައެވެ. އޭގެ ސަބަބުން، އެ މީހަކު އަރަން ޖެހޭ ލޯންޗާ ހަމައަށް ބައެއް ފަހަރު ދާން ޖެހެނީ އެހެން ލޯންޗުތަކުން މަތިންނެވެ. އޭގެ ސަބަބުން ފުރާ މީހުންނަށް ތަކުލީފުތަކާ ކުރިމަތިވާތާ އެތައް އަހަރެއް ވަނީ ވެފައެވެ.

ދައުލަތުގެ މީޑިއާގެ ނޭޝަން ޗެޓް ޕޮޑްކާސްޓުގައި އެ މައްސަލައަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ، ލޯންޗުތައް މިހާރު ކައިރިކުރާ ސަރަހައްދުގައި އެއްގަމު ތޮށްޓާ ގުޅުވައިފައި ހުންނަ ކުދި ޖެޓީތައް ނުވަތަ ''ފިންގާ ޖެޓީ''ތައް ހަދާނެ ކަމަށެވެ.

https://www.sun.mv/203134

"ގާތްގަނޑަކަށް ހަޔެއްކަ ޖެޓީ ހެދިގެން ދާނެ، ފިންގާ ޖެޓީތަކެއް ނެރެވޭނެ، އޭރުން ހުރިހާ ލޯންޗުތަކަށް އައިސް ސީދާ ޖެޓީއަށް ފޭބޭނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް، ނޭޝަން ޗެޓް ޕޮޑްކާސްޓުގައި: އެއް ލޯންޗުން އަނެއް ލޯންޗަށް އަރަން ޖެހުމުގެ މައްސަލަ ހައްލުކުރަން، ކުދިކުދި ޖެޓީތަކެއް ހަދާނެ ކަމަށް ވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސް

އެ މަނިކުފާނު ވިދާޅުވީ، މާލޭ ވަށައިގެން އޮންނަ ބޮޑުތަކުރުފާނުގެ މަސައްކަތް ނިންމުމުގެ ތެރެއިން އެ ޖެޓީތައް ހެދުމުގެ މަސައްކަތްތައް ވެސް ކުރާނެ ކަމަށެވެ. އަދި އުއްމީދަކީ، ބޮޑުތަކުރުފާނުގެ ބާކީ އޮތް މަސައްކަތްތަކާއެކު އެ މަޝްރޫއު ވެސް އަންނަ ނޮވެންބަރު މަހުގެ ނިޔަލަށް ނިންމާލުން ކަމަށް ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ބޮޑުތަކުރުފާނު މަގުގެ ބާކީ މަސައްކަތްތަކުގެ ތެރެއިން، އެމްޕީއެލް ސަރަހައްދުން ފެށިގެން ސުނާމީ ބިނާ މައިޒާނާ ހަމައަށް ތަރައްގީކުރާނެ ކަމަށެވެ. އެ މަސައްކަތް ނިމޭއިރު ކޮޅަކަށް ދެ ލޭން އޮންނަ މަގެއް އޮންނާނެ ކަމަށާއި، އޭގެ ސަބަބުން މާލެ ތެރެއަށް ވެސް ވަރަށް ބޮޑު ލުޔެއް ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

https://sun.mv/192288

ފާހަގަކޮށްލެވޭ ގޮތުގައި، ބޮޑުތަކުރުފާނު މަގު ފުޅާކޮށް މަރާމާތުކުރުމުގެ މަސައްކަތުގެ ދަށުން ސެގްމެންޓް ދެއަކުން ފެށިގެން ފަހަކާ ހަމައަށް ހިމެނޭ ސަރަހައްދުގެ މަސައްކަތް ނިމިފައިވާތީ، އެ ސަރަހައްދު އާންމު ދަތުރުފަތުރަށް ހުޅުވާލީ ހުކުރު ދުވަހުގެ ހަވީރެވެ.

ދައުލަތުގެ ބަޖެޓުން 144 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ އެ މަޝްރޫއުގެ ދަށުން މަގު ފުޅާކޮށް، ޒަމާނީ ފެންވަރަށް ތާރުއެޅުމުގެ މަސައްކަތްކުރެއެވެ. މީގެ އިތުރުން ފެނާއި ނަރުދަމާގެ ނިޒާމު އަޕްގްރޭޑް ކުރުމާއި، ފެން ހިންދާ ޒަމާނީ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން ކުރެއެވެ.

comment ކޮމެންޓް