ޕެންޝަން ސުކީމަށް ފައިސާ ނުދައްކާ 90 ފަރާތެއްގެ ނަން އާންމުކޮށްފި

ޕެންޝަން ސުކީމްގައި ބައިވެރިވެ ޕެންޝަން ފަންޑަށް ފައިސާ ނުދައްކާ 90 ފަރާތެއްގެ ނަން ޕެންޝަން އޮފީހުން މިއަދު އާންމުކޮށްފި އެވެ.

ޕެންޝަން އޮފީހުން މިއަދު އާންމުކޮށްފައިވާ ނަންތަކުގެ ތެރޭގައި ރާއްޖޭގައި ފުޅާދާއިރާއެއްގައި ވިޔަފާރި ކުރަމުން އަންނަ ފަރާތްތައް ވެސް ހިމެނެ އެވެ. އޭގެ ތެރޭގައި އައިމާ ކޮންސްޓުރަކްޝަން ކޮމްޕެނީ އާއި ޔޮޓް ޓުވާސް ޕްރައިވެޓް ލިމިޓެޑާއި ގަން އެއާޕޯޓް ކޮމްޕެނީގެ އިތުރުން ހެވީލޯޑް މޯލްޑިވްސް އާއި އެމްވީކޭ އާއި ޑައިނަމޯ ވެސް ހިމެނެ އެވެ.

ޕެންޝަން އޮފީހުގެ އޮފިޝަލަކު މިއަދު ވިދާޅުވީ ޕެންޝަން ނުދައްކާ ފަރާތްތަކުގެ ނަންތައް އާންމުކުރީ ތަކުރާރުކޮށް ފައިސާ ދެއްކުމަށް އެންގުމުން ވެސް ފައިސާ ނުދެއްކުމުން ކަމަށާއި ޕެންޝަން ގާނޫނުގައި ބުނެފައިވާ ގޮތުން ނަންތައް އާންމުކުރާތާ 15 ދުވަހުގެ ތެރޭގައި އެ ފައިސާ ނުދައްކައިފި ނަމަ ގާނޫނީ ފިޔަވަޅު އެޅުމަށް ކޯޓަށް ހުށައަޅާނެ ކަމަށެވެ.

"މިހާރު ކުރިއަށް ދަނީ ކޯޓް މަރުހަލާއަށް ހުށައެޅުން. އޭގެ ކުރިން އެ ފަރާތްތަކުން ފައިސާ ދައްކައިފި ނަމަ ކޯޓަށް ނުގެންގޮސް މައްސަލަ ނިންމާލެވެނެ،" ޕެންޝަން އޮފީހުގެ އޮފިޝަލް ވިދާޅުވި އެވެ.

ދިވެހި ރާއްޖޭގެ ޕެންޝަނާ ބެހޭ ގާނޫނުގައި ބުނެފައި ވަނީ މުއްދަތު ހަމަވުމުގެ ކުރިން ސުކީމަށް ދައްކަން ޖެހޭ ފައިސާ ވަޒީފާ ދޭފަރާތުން ނުދައްކައިފި ނަމަ ނުދައްކާ ފައިސާ އާއި އެކު، އެ ފައިސާ ޕެންޝަން އޮފީހުން ކަނޑައަޅާ ޖޫރިމަނާއާ އެކު ވަޒީފާދޭ ފަރާތުން ދައްކަން ޖެހޭނެ ކަމަށެވެ.

އަމިއްލަ ކުންފުނިތަކުގެ މުވައްޒިފުންނާ އެކު 70000 އަށް ވުރެ ގިނަ މުވައްޒަފުން ބައިވެރިވެފައިވާ ރިޓަޔާމެންޓް ޕެންޝަން ސުކީމްގެ ރިޓަޔާމަންޓް ސޭވިންގް އެކައުންޓަށް ޖަމާކުރާ ފައިސާ ލިބޭނީ އެ މީހެއްގެ އުމުރުން 65 އަހަރުވުމުން މަހުން މަހަށް ލިބޭ ފައިސާގެ ގޮތުގަ އެވެ.
---------------
ނޯޓު މި ހަބަރު ކުރިން ޝާއިއު ކުރި އިރު، އެލިޔާ ކޮންސްޓަރަކްޝަނުން ޕެންޝަން ސުކީމަށް ފައިސާ ނުދައްކާ ކަމަށް ލިޔެވިފައި ވަނީ އޮޅުމަކުންނެވެ. ރަނގަޅު ގޮތަކީ އައިމާ ކޮންސްޓަރަކްޝަނުން ފައިސާ ނުދައްކައި އޮތުމެވެ. ވީމާ މި ކުށަށް އެލިޔާ ކޮންސްޓްރަކްޝަނާއި ކިއުންތެރިންގެ ކިބައިން މައާފަށް އެދެމެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު