ސައުދީ އަރަބިއްޔާގެ ތެލުގެ ވަސީލަތްތަކަށް އަމާޒުކޮށް އިއްޔެ ދިން ހަމަލާތައް ދިވެހި ސަރުކާރުން މިއަދު ކުށްވެރިކޮށްފިއެވެ.
ސައުދީގެ ޑިފެންސް މިނިސްޓްރީން އިއްޔެ ވަނީ އެ ގައުމުގެ އިރުމަތީ ޕްރޮވިންސާއި ވެރިރަށް ރިޔާދާއި ތެލުގެ ވަސީލަތްތަކަށް އަމާޒުކޮށް ދިން ޑްރޯން ހަމަލާތަކެއް ނާކާމިޔާބުކޮށްފައިވާ ކަމަށް ބުނެފައެވެ. އެ މިނިސްޓްރީން ބުނި ގޮތުގައި ހަމަލާ ފޮނުވާލައިފައިވަނީ އީރާނުން ވާގިވެރިވާ ޖަމާއަތަކުން، އިރާގުގައި ތިބެގެންނެވެ.
އެ ހަމަލާތަކާ ގުޅިގެން ދިވެހި ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ އެއީ ސަރަހައްދީ ހަމަޖެހުމަށް އޮތް ނުރައްކަލެއްގެ ގޮތުގައި ސިފަކޮށް، ހަރުކަށި އިބާރާތަކުން ކުށްވެރިކޮށްފައެވެ.
ދިވެހި ސަރުކާރުން ވަނީ ރާއްޖެ އޮންނާނީ ސައުދީ އަރަބިއްޔާއާއެކުކަން ފާހަގަކޮށް، އެ ގައުމުގެ ސަލާމަތާއި އިސްތިގުލާލު ރައްކާތެރިކުރުމަށް އަޅާ ކޮންމެ ފިޔަވަޅަކަށް ތާއީދުކުރާނެ ކަމަށް ބުނެފައެވެ.
ސައުދީއަށް ހަމަލާތައް އަމާޒުކޮށްފައިވަނީ، އެމެރިކާއާއި އީރާނުން ވަރުގަދަ ހަމަލާތައް ބަދަލުކުރާތާ ދެ ހަފުތާ ވުމަށް ފަހު، ހަމަލާތައް މެދުކަނޑާލައިފައި ވަނިކޮށެވެ.
އެމެރިކާއިން ހަމަލާތައް މެދުކަނޑާލުމުން، އީރާނުން ވަނީ އެ ގައުމުން، އެމެރިކާއަށް ވާގިވެރިވާ ގައުމުތަކަށް ހަމަލާ ދިނުން ހުއްޓާލައިފައިވާ ކަމަށް ވެސް ބުނެފައެވެ.