ސައޫދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި އިގްތިސާދީ ވަސީލަތްތަކަށް އަމާޒުކޮށް ޙޫޘީންގެ ޖަމާއަތުން ދިން ނުރައްކާތެރި ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައިވާ ގޮތުން، ސައޫދީގެ އަބްހާ، ޚަމީސް މުޝައިތު، ޖާޒާން އަދި ނަޖްރާނަށް އަމާޒުކޮށް ދިން މި ހަމަލާތަކުގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭހެން އާންމުންގެ ގިނަ ބަޔަކު ވަނީ ޒަޚަމްވެފައެވެ.
ސަރުކާރުން ވަނީ މިފަދަ ބޭއިންސާފު ހަމަލާތަކަކީ ސައޫދީ އަރަބިއްޔާގެ ސިއާދަތާއި އިސްތިގުލާލަށް އަރައިގަތުމުގެ އިތުރުން، މުޅި ސަރަހައްދުގެ ހަމަޖެހުމާއި ސުލްހައަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި ސިފަކޮށްފައެވެ.
އަދި މި އުނދަގޫ ދަނޑިވަޅުގައި ދިވެހި ސަރުކާރާއި ރައްޔިތުން ތިބީ ސައޫދީ ސަރުކާރާއި އެ ގައުމުގެ އަޚުވަންތަ ރައްޔިތުންނާއެކު ސާބިތުކަމާއެކު ކަމަށް ބަޔާނުގައި ވެއެވެ. ހަމައެއާއެކު ސައޫދީގެ ސިއާދަތާއި، ސަރަހައްދީ ނަޒާހަތްތެރިކަން އަދި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެ ގައުމުން އަޅަމުންދާ އެންމެހައި ފިޔަވަޅުތަކަށް ރާއްޖެއިން ފުރިހަމައަށް ތާއީދުކުރާކަން ސަރުކާރުން ވަނީ ތަކުރާރުކޮށްފައެވެ.
ސައޫދީ އިސްވެ އޮވެ އުފައްދާފައިވާ ކޯލިޝަންގެ ތަރުޖަމާނު މޭޖާ ޖެނެރަލް ތުރުކީ އަލް-މާލިކީ ނެރުއްވި ބަޔާނެއްގައި މިއީ ނުރައްކާތެރި ހަމަލާތަކެއް ކަމަށާއި، މިއީ ސައޫދީގެ ސިޔާދަތާ ޚިލާފު އަމަލެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ. އަދި މި ނުރައްކަލާ ދެކޮޅަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް ކޯލިޝަނުން އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ސައޫދީގެ އެނާޖީ މިނިސްޓްރީން ނެރުނު ވަކި ބަޔާނެއްގައި ބުނެފައި ވަނީ، މިއަދު ހެނދުނު އެ ގައުމުގެ ދެކުނުގެ ސަރަހައްދުތަކުގައި ހުރި ހަކަތަ އުފައްދާ ބައެއް މަރުކަޒުތަކަށް ހަމަލާދީފައިވާ ކަމަށެވެ. މި ހަމަލާތަކުގެ ސަބަބުން އެކި ތަންތަނުގައި އަލިފާން ރޯވެ، ބައެއް މަސައްކަތްތައް ވަގުތީ ގޮތުން މެދުކަނޑާލަން ޖެހުނު ކަމަށް އެ މިނިސްޓްރީން ބުނެފައި ވެއެވެ.
މި ހަމަލާތައް ބަދަލުކުރަން ފަށާފައިމިވަނީ ޔަމަނުގެ އެތެރޭގެ ހަނގުރާމަ އަނެއްކާވެސް ފުޅާވެފައިވާ ދަނޑިވަޅެއްގައެވެ.