ހިންދީ ސިނަމާގެ އެންމެ ބޮޑު އެއް ފިލްމު ކުންފުނި ކަމަށްވާ ޔަޝް ރާޖް ފިލްމްސް (ވައިއާރްއެފް)ގެ މަގުބޫލު ފްރެންޗައިސް "ދޫމް"ގެ ހަތަރު ވަނަ ފިލްމުން އެކްޓަރު ރަންބީރު ކަޕޫރު ފެންނާނެ ކަމަށް ދެކެވޭ ވާހަކަތައް އެކްޓަރު ދޮގުކޮށްފިއެވެ.
ވޭތުވެދިޔަ މަދު އަހަރުތަކެއްގެ ތެރޭގައި "ދޫމް 4"އާ ރަންބީރު ކަޕޫރު ގުޅުވައިގެން ތަފާތު ޚަބަރުތަކެއް ފެތުރިފައިވީ ނަމަވެސް، ވައިއާރްއެފުން ވެސް މިހާތަނަށް މި ފިލްމާ ގުޅޭ ރަސްމީ ސިފައެއްގައި އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެއެވެ.
ރަންބީރު މުހިއްމު ރޯލެއް ކުޅޭ ފިލްމު "ރާމާޔަން" ޕްރޮމޯޓް ކުރުމުގެ ތެރެއިން، ސެން ޑިއޭގޯ ކޮމިކް-ކޮންގައި އެކްޓަރު ވަނީ ކުރިއަށްހުރި ފިލްމީ ޕްރޮޖެކްޓްތަކާ ގުޅޭގޮތުން ފުރަތަމަ ފަހަރަށް ވާހަކަ ދައްކާފައެވެ.

ރަންބީރު، ފިލްމު "އެނިމަލް"ގެ މަންޒަރެއްގައި--ފޮޓޯ/އެންޑީޓީވީ
'ރިވިއު ނޭޝަން'އަށް ދިން އިންޓަވިއުއެއްގައި، "ރާމާޔަން"ގެ ޑައިރެކްޓަރު ނިތޭޝް ތިވާރީ އާއި ޕްރޮޑިއުސަރު ނަމިތު މަލްހޯތުރާ އަދި އެކްޓަރު ޔަޝްއާ އެކު އޭނާގެ ކުރިއަށް ހުރި މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަދައްކަމުން ރަންބީރު ބުނީ، މިވަގުތު އޭނާގެ މުޅި ފޯކަސް ހުރީ ފިލްމު "ރާމާޔަން" އަދި ސަންޖޭ ލީލާ ބަންސާލީ ޑައިރެކްޓްކުރާ "ލަވް އެންޑް ވޯ"އަށް ކަމަށެވެ. އަދި މި ފިލްމު އަންނަ އަހަރުގެ ޖެނުއަރީ 24ގައި ރިލީޒްކުރާނެކަން ރަންބީރު ވަނީ ފާހަގަކޮށްފައެވެ.
ފާހަގަކޮށްލެވޭ ކަމަކީ، ރަންބީރުގެ ކުރިއަށް ހުރި މަސައްކަތްތައް ކިޔައިދިންއިރު، 2023 ވަނަ އަހަރުގެ ކާމިޔާބު ފިލްމު 'އެނިމަލް' ގެ ސީކުއަލް 'އެނިމަލް ޕާކް'ގެ އިތުރުން ވައިއާރްއެފްގެ ފިލްމު "ދޫމް4"ގެ ނަންވެސް ބޭނުންކޮށްފައި ނުވާކަމަށެވެ.
މީގެ ކުރިންވެސް "ދޫމް 4"ގެ މައި ރޯލުން ރަންބީރު ފެންނާނެ ކަމުގެ އަޑުތައް ވަނީ ގަދަވެފައެވެ. ނަމަވެސް، މި ފްރެންޗައިޒްގެ ހަތަރުވަނަ ފިލްމެއް އުފައްދާނެކަން ނުވަތަ އޭގެ ކާސްޓުންނަކީ ކޮބައިކަން ޔާޝް ރާޖް ފިލްމްސް އިން އަދިވެސް ހާމަކޮށްފައެއް ނުވެއެވެ.