މެންދުރުގެ ކެއުމަށްފަހު ގިނަ ބަޔަކަށް ބޮލުގައި ރިއްސުމާއި، ނިދިއައުމުގެ މައްސަލަ ދިމާވެއެވެ. މިއީ އާންމުކޮށް ކެވޭ މިންވަރު ގިނަވުމުގެ ސަބަބުން، ހަށިގަނޑުގެ ލޭގެ ދައުރުވުން ހަޖަމުކުރުމުގެ ނިޒާމަށް ބޮޑަށް އަމާޒުވުމުން ދިމާވާ ކަމެކެވެ.
އިންޑިއާގެ މަޝްހޫރު ނިއުޓްރިޝަނިސްޓް ރުޖޫތާ ދިވޭކަރް ހާމަކުރާ ގޮތުގައި، މިގޮތަށް ބޮލުގައި ރިއްސުމަކީ އެ މީހެއްގެ ދިރިއުޅުމުގެ އާދަކާދަތަކާއި ސިއްހީ ހާލަތާ ގުޅިފައިވާ ކަމެކެވެ. އޭނާ މިކަމަށް ދޭ ބައެއް އިރުޝާދުތަކުގެ ތެރޭގައި:
- މެންދުރު އެކެއް ޖަހާ ފަހުން ކާނަމަ، ކެއުމުގެ ކުރިން ދޮންކޭލެއް ކެއުން
- ހަވީރު 4 އާއި 6 އާ ދެމެދު ލުއި ކާނާއެއް ބޭނުންކުރުން
- ލޮނާއި ހަކުރު އެއްކޮށްފައިވާ ފަނި ނުވަތަ ޖޫސް ބުއިން
- ސްކްރީންތަކާ ދުރުވެ، އަރާމުކޮށްލުން
- އަވިން ސަލާމަތްވުމަށް ސަމާލުކަން ދިނުން
މަތީގައި ބަޔާންކުރެވުނު ކަންކަމުގެ އިތުރުން، މޭވާ ބޭނުންކުރުމަކީ މިފަދަ ކަންކަމުން ދުރުވުމަށް ލިބޭ ވަރަށް ބޮޑު އެހީއެއް ކަމަށް ރުޖޫތާ ދިވޭކަރް ފާހަގަކުރައްވާފައިވެއެވެ.

ސިއްހަތަށް ފައިދާހުރި، ހުރިހާ މާއްދާތަކެއް ހިމެނޭހެން ކެއުން ބެހެއްޓުމަކީ މުހިންމު މެންދުރު ކެއުމަށްފަހު އަންނަ ބޮލުގައި ރިހުން ލުއިކޮށްދިނުމަށް އެހީތެރިވެދޭނެ ކަމެއް ކަމަށް ސިއްހީ މާހިރުން ވިދާޅުވޭ--ފޮޓޯ/ޕިންޓްރެސްޓް
ބޮލުގައި ރިއްސަން މެދުވެރިވާ ސަބަބުތައް ބަޔާންކުރައްވަމުން ބެންގަލޫރުގެ އެސްޓަ ސީއެމްއައި ހޮސްޕިޓަލުގެ ޑޮކްޓަރު ޕޫޖާ ޕިއްލައި ވިދާޅުވާ ގޮތުގައި، ކެއުމަށްފަހު ބޮލުގައި ރިއްސުން ނުވަތަ މައިގްރޭންގެ މައްސަލަ ދިމާވާ ގިނަ ސަބަބުތަކެއް ހުރެއެވެ.
އޭގެތެރޭގައި، ލޭގައި ހަކުރު ހުންނަ މިންވަރު ކުއްލިއަކަށް މައްޗަށް ގޮސް ތިރިވުން، ގިނައިން ކެއުން، ފެން މަދުވުމާއި، ހެނދުނުގެ ނާސްތާ ދޫކޮށްލުމާއި، މެންދުރު ކެއުން މާ ލަސްވުން، ކެފެއިން (ސައި ނުވަތަ ކޮފީ) ގިނައިން ބޭނުންކުރުން ނުވަތަ ކުއްލިއަކަށް ބުއިން ހުއްޓާލުމުގެ އިތުރުން ނިދި މަދުވުމާއި، ސްޓްރެސް އަދި ގިނަ ވަގުތު ސްކްރީން ބެލުން ހިމެނެއެވެ.
ޑރ. ޕިއްލައި ލަފާދެއްވާ ގޮތުގައި މިކަމުން ސަލާމަތްވުމަށް ސިއްހަތަށް ފައިދާހުރި، ހުރިހާ މާއްދާތަކެއް ހިމެނޭހެން ކެއުން ބެހެއްޓުމަކީ މުހިންމު ކަމެކެވެ. ހަމައެއާއެކު މާ ގިނައިން ކެއުމުން ދުރުހެލިވެ، ގަޑިން ގަޑިއަށް ކެއުން، ދުވާލު ދިގުލައިގެންދާއިރު ގިނައިން ފެން ބުއިން، ކެއުމަށްފަހު ކުޑަކޮށް ހިނގާލުމާއި، ގިނައިރު އިށީނދެގެން ނުއިނުން އަދި ރޭގަނޑު ހަމަނިދި ހޯދުމަކީ މިކަމަށް ހައްލެއް ހޯދުމަށް ކުރެވިދާނެ ބައެއް ކަންކަމެވެ.
ކެއުމުގެ އާދަކާދަތަކަށް ބަދަލު ގެނައުމަކީ ބޮލުގައި ރިއްސުން ކުޑަކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. ނަމަވެސް، މައިގްރޭން އަކީ ނާރުގެ ބައްޔަކަށް ވާތީ، ހަމައެކަނި ކެއުމަށް ގެންނަ ބަދަލަކުން ހުރިހާ އެންމެނަށް ލުއި ނުލިބިދާނެއެވެ.
އެހެންކަމުން، ބޮލުގައި ރިއްސުން ތަކުރާރުވެ މާ ބޮޑަށް ރިއްސައި، ހޮޑުލެވުން ނުވަތަ ފެނުމަށް ބަދަލު އައުން ފަދަ އަލާމާތްތައް ފެންނަނަމަ، ލަސްނުކޮށް ނާރުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރަކަށް ދެއްކުމަކީ ވަރަށް މުހިންމު ކަމެކެވެ.