ޓެކްނޮލޮޖީގެ ވަސީލަތްތައް ގާއިމުކުރި ނަމަވެސް އެ ބޭނުން ކުރަން ނޭނގުމަކީ ނާކާމިޔާބީއެއް: އިހުސާން

"މޯލްޑިވްސް 2.0" މަގުޗާޓު ތަންފީޒުކޮށް، މަގުޗާޓުގައިވާ ލަނޑުދަނޑިތައް ހާސިލްކުރުމަށް ކުރިއަށްގެންދާ "ޑިޖިޓަލް ފޯ އޯލް" ކެމްޕޭން އިފްތިތާޙް ކުރުން-- ފޮޓޯ/ އެމްއައިއެންޑީސީއޯ

ޒަމާނާ އެއްގޮތަށް ޓެކްނޮލޮޖީގެ ޚިދުމަތް ރާއްޖޭގެ ކޮންމެ ރަށަކަށް ވެސް ފޯރުކޮށްދެވިދާނެ ކަމަށާއި ނަމަވެސް އެ ތަކެތި އުފެއްދުންތެރި ގޮތެއްގައި ބޭނުންކުރާނެ އިތުބާރާއި ހުނަރު ރައްޔިތުންގެ ކިބައިގައި ނެތްނަމަ، ވާނީ އާޚިރުގައި ނާކާމިޔާބު ބަޔަކަށް ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔަތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ "މޯލްޑިވްސް 2.0" މަގުޗާޓުގައިވާ ލަނޑުދަނޑިތައް ހާސިލްކުރުމަށް ކުރިއަށްގެންދިޔަ "ޑިޖިޓަލް ފޯ އޯލް" ކެމްޕޭން އިފްތިތާޙް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ވަޒީރު ވިދާޅުވީ ގައުމުގެ ކުރިއެރުމަށް އައު ޓެކްނޮލޮޖީތައް ރައްކާތެރިކޮށް ބޭނުންކުރަން އެނގުމަކީ މުހިންމު ކަމެއް ކަމަށެވެ.

"ޑިޖިޓަލް ފޯ އޯލް" ކެމްޕެއިނަކީ ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށާއި އިގްތިސާދު ބިނާކުރުމަށް ގާއިމުކޮށްފައިވާ ކެމްޕެއިނެކެވެ. އަދި އެއީ ކުރިމަގަށް ރާވާފައިވާ ގައުމީ ޑިޖިޓަލް ނިޒާމުތަކާއި އުމްރާނީ އިންވެސްޓްމެންޓްތައް މެދުވެރިކޮށް އިގްތިސާދީ އަދި އިޖްތިމާޢީ ނަފާ ހޯދުމަށް ކުރިއަށް ގެންދާ ކެމްޕެއިނެއް ވެސް މެއެވެ.

އެކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ ޑިޖިޓަލް ރޮގުން ލޯހުޅުވިފައި ތިބި ހުނަރުވެރި، ޒިންމާދާރު އަދި އުފެއްދުންތެރި ރައްޔިތުން ބިނާކުރުމުގެ މަސައްކަތް، މި ކެމްޕެއިނުގައި ކުރިއަށްދާނެ ކަމަށެވެ.

"މޯލްޑިވްސް 2.0" މަގުޗާޓު ތަންފީޒުކޮށް، މަގުޗާޓުގައިވާ ލަނޑުދަނޑިތައް ހާސިލްކުރުމަށް ކުރިއަށްގެންދާ "ޑިޖިޓަލް ފޯ އޯލް" ކެމްޕޭން އިފްތިތާޙް ކުރުން-- ފޮޓޯ/ އެމްއައިއެންޑީސީއޯ

މިއީ 70ގެ އަހަރުތަކުގެ ތެރޭގައި ސަރުކާރުން ފެށްޓެވި އަސާސީ ތަޢުލީމު އުނގަންނައިދިނުމުގެ ގައުމީ ޕްރޮގްރާމް ފަދައިން، މުސްތަގްބަލަށް ފަށްކާވެފައިވާ އަބާދީއެއް ބިނާކުރުމުގެ މަސައްކަތެއްގެ ގޮތުގައި ވަޒީރު ސިފަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ ރާއްޖޭގެ ކޮންމެ ރަށަކަށް ކޭބަލް އަޅައި، 5ޖީ ކަނެކްޓިވިޓީ ފޯރުކޮށްދީ، ޑިޖިޓަލް ޕޭމަންޓް ހެދުމުގެ ނިޒާމުތައް ގާއިމުކޮށް, ޑިޖިޓަލް ޕްލެޓްފޯމްތައް ގާއިމް ކުރެވިދާނެ ކަމަށެވެ. އެހެން ނަމަވެސް އެ ތަކެތި އުފެއްދުންތެރި ގޮތެއްގައި ބޭނުންކުރާނެ އިތުބާރާއި ހުނަރު ރައްޔިތުންގެ ކިބައިގައި ނެތްނަމަ، އެކަން ވާނީ އާޚިރުގައި ނާކާމިޔާބު ކަމަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.

"ކޮންމެ ރަށަކަށް ކޭބަލް އަޅައި، 5ޖީ ކަނެކްޓިވިޓީ ފޯރުކޮށްދީ، ޑިޖިޓަލް ޕޭމަންޓް ހެދުމުގެ ނިޒާމުތައް ގާއިމުކޮށްދީ ޑިޖިޓަލް ޕްލެޓްފޯމްތައް ޚިދުމަތް ދިނުމަށް ގާއިމުކުރެވިދާނެ. ނަމަވެސް، އެ ތަކެތި އަދި ވަސީލަތްތައް އުފެއްދުންތެރި ގޮތެއްގައި ބޭނުންކުރާނެ ހުނަރު ރައްޔިތުންގެ ކިބައިގައި ނެތްނަމަ، ވާނީ އާޚިރުގައި ނާކާމިޔާބު،" ވަޒީރު އިޙްސާން ވިދާޅުވިއެވެ.

ވަޒީރު އިޙްސާން ވިދާޅުވީ އާޓިފިޝަލް އިންޓެލިޖެންސްއާއި ޑިޖިޓަލް ޓެކްނޮލޮޖީގެ ސަބަބުން ދިރިއުޅޭ ގޮތާއި، މަސައްކަތްކުރާ ގޮތާއި، މުޢާމަލާތްކުރާ ގޮތް މުޅިން ބަދަލުވެފައިވާ ކަމަށެވެ. އަދި ކޮންމެ ވިޔަފާރިއެއް ޑިޖިޓަލް ވިޔަފާރިއަކަށް ވަމުން ދާއިރު، މުޅި ދައުލަތުގެ ހިންގުމާއި ޚިދުމަތް ދިނުމުގެ އޮނިގަނޑު ވެސް ޑިޖިޓަލް ވަމުން ދާކަން އޭނާ ފާހަގަކުރެއްވިއެވެ.

އެއްވެސް ރައްޔިތަކަށް ލިބޭ ފުރުސަތެއް، އޭނާ ދިރިއުޅޭ ރަށެއްގެ ސަބަބުން ހަނި ނުވާނެ ފަދަ "ޑިޖިޓަލް ފަސްޓް" ގައުމެއް ބިނާކުރުމަކީ "މޯލްޑިވްސް 2.0" ގެ އެއް އަމާޒެވެ.

"ޑިޖިޓަލް ފޯ އޯލް" އަކީ ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ އަތޮޅަކަށް ވާސިލުވާނެ، ގައުމީ ފެންވަރުގެ ގާބިލުކަން ބިނާކުރުމުގެ ބޮޑު ޙަރަކާތެކެވެ.

މި މަޝްރޫޢުގައި ދައުލަތުގެ މުއައްސަސާތަކާއި، އަމިއްލަ ކުންފުނިތަކާއި، ކައުންސިލްތަކުގެ އިތުރުން މަދަނީ ޖަމިއްޔާތަކުގެ އެހީތެރިކަމާއި ބައިވެރިވުން ފޯރުކޮށްދިނުމަށް ވަޒީރު ވަނީ އެދިވަޑައިގެންފައެވެ.

comment ކޮމެންޓް