އީވް ކްލިނިކުން، ގޭގައި ތިބެގެން ފަރުވާ ހޯދޭ "ހޯމް ކެއާ" ޚިދުމަތް ތަޢާރަފުކޮށްފި

އީވް ކްލިނިކުން ހޯމް ކެއާގެ ޚިދުމަތް ފެށުން-- ފޮޓޯ: ހެލްތު މިނިސްޓްރީ

އީވް ކްލިނިކް ގްރޫޕުން ގޭގައި ތިބެގެން ސިއްހީ ފަރުވާ ހޯދޭނެ "ހޯމް ކެއާ"ގެ ޚިދުމަތް ރޭ ތަޢާރަފުކޮށްފިއެވެ.

އީވް ކްލިނިކް ވެސްޓް ޕާކް ބްރާންޗުގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި މި ޚިދުމަތް އިފްތިތާހުކޮށްދެއްވީ މިނިސްޓާ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ ގީލާ އަލީއެވެ.

މި ޚިދުމަތުގެ ދަށުން ބަލިމީހާގެ އަމިއްލަ ގޭގައި ތިބެގެން ގިނަ ފަރުވާތަކެއް ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އޭގެ ތެރޭގައި އާންމު ބަލިތަކުގެ ޑޮކްޓަރުންނަށް ދެއްކުމާއި، ލޭގެ ޓެސްޓުތަކަށް ސާމްޕަލް ނެގުމާއި، ކުދިކުދި ފާރުގަނޑުތައް ސާފުކުރުން ހިމެނޭ ކަމަށް އީވްއިން ބުނެއެވެ. މީގެ އިތުރުން ނާސިންގްގެ ތަފާތު ޚިދުމަތްތައް ވެސް ގޭގައި ތިބެގެން ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

އަލަށް ތަޢާރަފުކުރި "ހޯމް ކެއާ" ޚިދުމަތުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ މަންމައަކަށްވާ ފަރާތްތަކަށް ޚާއްސަކޮށްގެން ފަރުމާކޮށްފައިވާ "ޕޯސްޓް ނޭޓަލް ކެއާ" ނުވަތަ ވިހެއުމަށްފަހު ދެވޭ ފަރުވާގެ ޕެކޭޖެވެ. މި ޕެކޭޖުގެ ދަށުން ތުއްތު ކުދިން ބެލެހެއްޓުމާއި، ރައްކާތެރިކަމާއެކު ނިދުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް އެހީތެރިވެދޭނެއެވެ. އަދި އާއިލާގެ ފަރާތުން މަންމައަށާއި ދަރިފުޅަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކާ ގުޅޭގޮތުން ވެސް މައުލޫމާތު ދޭނެ ކަމަށް އެ ކްލިނިކުން ބުނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަމުން އީވް ކްލިނިކް ގްރޫޕްގެ ކްލިނިކަލް އޮޕަރޭޝަންސް ޑިރެކްޓަރު ހައިފާ މުހައްމަދު ބުނީ، އެ ގްރޫޕްގެ އަމާޒަކީ ސިއްހީ ޚިދުމަތްތައް އިތުރަށް ފުޅާކުރުން ކަމަށެވެ. އަދި މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ދެނެގަނެ، ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަކީ ވެސް މުހިންމު އަމާޒެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

"ހޯމް ކެއާ" ޚިދުމަތްތަކަށް ރަޖިސްޓްރީވުމުގެ ފުރުސަތު މިހާރު ވަނީ އީވް ކްލިނިކް ގްރޫޕްގެ ހުރިހާ ކްލިނިކަކުން ހުޅުވާލާފައެވެ. ތިން ކްލިނިކާއެކު ހިންގަމުން އަންނަ އީވް ކްލިނިކް ހެލްތްކެއާ ޕްރައިވެޓް ލިމިޓެޑަކީ މިހާރު ރާއްޖޭގައި އޮތް އެންމެ ބޮޑު އަމިއްލަ ސިއްހީ ކުންފުންޏެވެ.

comment ކޮމެންޓް