ބަނޑުހައިވުން ކޮންޓްރޯލްކުރުމަށް އެންމެ ރަނގަޅީ ޕީނަޓްސްތަ ނުވަތަ ފޮކްސް ނަޓްސްތަ؟

ބަނޑުހައިވެފައިވާ ވަގުތު ސްނެކެއްގެ ގޮތުގައި ކެއުމަށް ފޮކްސް ނަޓްތަ ނުވަތަ ޕީނަޓްތަ؟ ރަނގަޅީ ކޮން ބާވަތެއް؟--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

މައިގަނޑު ކެއުންތަކުގެ ދެމެދުގައި ބަނޑުހައިވުމުން ކާލުމަށް އިހްތިޔާރުކުރާ ބާވަތަކީ، ބަރުދަން ލުއިކުރުމަށް ކުރާ މަސައްކަތް ކާމިޔާބުވުމުގައި ނުވަތަ ނާކާމިޔާބުވުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ.

މިފަހަކަށް އައިސް ކެއުމަށް އާންމުކޮށް ބޭނުންކުރާ ދެ ބާވަތެއް ކަމަށްވާ ޕީނަޓްސް އާއި ފޮކްސް ނަޓްސް ނުވަތަ މަޚާނާ އަކީ ސިއްހަތަށް ފައިދާހުރި ދެ ބާވަތުގެ ގޮތުގައި ބެލެވުނު ނަމަވެސް، މީގެ ތެރެއިން ބަރުދަން ލުއިކުރުމަށް މާ ބޮޑަށް އެހީތެރިވެދެނީ ކޮން އެއްޗެއްކަން އެނގޭހެއްޔެވެ؟

އިންޑިއާގެ ޑައެޓީޝަން ޝާލިނީ ބްލިސް ވިދާޅުވާ ގޮތުގައި މީގެ ޖަވާބު ބިނާވެފައިވަނީ ހަމައެކަނި އެންމެ ބާވަތެއް އިހުތިޔާރު ކުރުމުގެ މައްޗަކަށް ނޫނެވެ.

ފޮކްސް ނަޓްސް ނުވަތަ 'މަޚާނާ" އަކީ، ލޮޓަސް މަލުގެ އޮށުން ތައްޔާރުކުރާ ލުއި ކާނާއެކެވެ. މިއީ ޕްރޮޓީން، ފައިބަރު އަދި އެންޓިއޮކްސިޑެންޓްސްއިން މުއްސަނދި، ހަކުރު ބަލި ހުންނަ މީހުން ކެއުން ރަނގަޅު އަދި ބަރުދަން ލުއިކުރަން ގިނަބަޔަކު ބޭނުންކުރާ ސިއްހަތަށް ފައިދާހުރި ބާވަތެކެވެ.

އެކި ކަހަލަ ސްޕައިސެސް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ފޮކްސް ނަޓް ނުވަތަ މަޚާނާ--ފޮޓޯ/އިންސްޓަގްރާމާ

"ޕީނަޓްސް އާއި މަޚާނާ އަކީ ވެސް ބަރުދަން ލުއިކުރުމަށް ރަނގަޅު ދެ ބާވަތެއް. ނަމަވެސް އެންމެ ރަނގަޅު ގޮތަކީ އެމީހަކު ބޭނުންކުރާ މިންވަރަށާއި އަމިއްލަ ބޭނުންތަކަށް ބަލައި އެކަން ނިންމުން،" ޝާލިނީ ވިދާޅުވިއެވެ.

އޭނާ އިތުރަށް ތަފްސީލުކޮށްދެއްވި ގޮތުގައި، ޕީނަޓްސްގައި ސިއްހަތަށް ފައިދާހުރި ފެޓްސް ގިނަވުމުގެ ސަބަބުން އޭގައި ކެލަރީސް ހުންނަ މިންވަރު މަތިވެފައި، މަޚާނާ އަކީ ކެލަރީ މަދު އަދި ލުއި ބާވަތެކެވެ.

"މީހަކު ބޭނުންވަނީ ކެލަރީ މަދު، ގިނަ މިންވަރަކަށް ކެވޭނެ އެއްޗެއް ކަމަށްވާނަމަ، މަޚާނާ އަކީ ރަނގަޅު ޗޮއިސްއެއް. ނަމަވެސް ޕީނަޓްސް އިން ވެސް ތަފާތު ފައިދާތަކެއް ހަށިގަނޑަށް ލިބޭ. ޕީނަޓްސްގައި ޕްރޮޓީން އާއި ސިއްހަތަށް ފައިދާހުރި ފެޓްސް ގިނައިން އެކުލެވޭއިރު، މިންވަރު ހިފަހައްޓައިގެން ކާނަމަ މިއީ ބަރުދަން ކޮންޓްރޯލް ކުރުމަށް ވަރަށް މުހިންމު ބާވަތެއް" އޭނާ ވިދާޅުވިއެވެ.

ޝާލިނީ ވިދާޅުވާ ގޮތުގައި ޕީނަޓްސްގައި ހިމެނޭ ޕްރޮޓީން، ހެލްތީ ފެޓްސް އަދި ފައިބަރުގެ ސަބަބުން ގިނަވަގުތު ބަނޑުފުރިފައި ހުރުމަށް އެހީތެރިވެދެއެވެ. މި މާއްދާތަކުގެ ސަބަބުން ކާނާ ހަޖަމުވުން ލަސްކޮށްދީ، ބަނޑުހައިވާ މިންވަރު ކުޑަކޮށްދެއެވެ.

ޕީނަޓްސް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ސެލެޑެއް. ޕީނަޓަކީ ވަރަށް ގިނަ ކެއުންތަކުގައި ގިނަ ބަޔަކު ބޭނުންކުރާ ބާވަތެއް--ފޮޓޯ/އިންސްޓަގްރާމް

އަނެއްކޮޅުން މަޚާނާ އަކީ ކެއުމަށް ލުއި އަދި މީރު އެއްޗަކަށް ވެފައި، ގިނަ މިންވަރަކަށް ކާލަން ފަސޭހަ އެއްޗެއް ނަމަވެސް، ޕީނަޓްސްއިން ލިއްބައިދޭ ފަދަ ގިނަވަގުތުގެ ހިތްހަމަޖެހުމެއް މަޚާނާއިން ނުލިބިދާނެއެވެ.

"ކުޑަ މުށެއްގެ މިންވަރު ނުވަތަ 20 އާއި 30 ގްރާމާ ދެމެދުގެ މިންވަރަކީ ކެލަރީސް އިތުރުވިޔަނުދީ އޭގެ ފައިދާ ހޯދުމަށް ފުދޭ މިންވަރެއް. އަދި ލޮނު އަޅާފައި ނުވަތަ ތެލުލާފައި ހުންނަ ބާވަތްތަކުގެ ބަދަލުގައި، އާދައިގެ ނުވަތަ ފިހެފައި ހުންނަ ޕީނަޓްސް އިހްތިޔާރު ކުރުން ރަނގަޅު" ޝާލިނީ ލަފާދެއްވިއެވެ.

މަޚާނާ ތައްޔާރުކުރުމުގައި ވެސް ސަމާލުވާންޖެހެއެވެ. ގޭގައި ކުޑަ ތެޔޮކޮޅެއް ބޭނުންކޮށްގެން ރޯސްޓްކޮށް، ގިނައިން ހަވާދު ނުވަތަ ސްޕައިސެސް އެޅުމުން ދުރުހެލިވުމަކީ އޭގެ ސިއްހީ ފައިދާ ދެމެހެއްޓޭނެ ގޮތެވެ.

ޝާލިނީ އިތުރަށް އިރުޝާދު ދެއްވަނީ ޕެކެޓުން ސީދާ ކެއުމުގެ ބަދަލުގައި، ކާނެ މިންވަރު ތަށްޓަކަށް އަޅައިގެން ބޭނުންކުރުމަށާއި، ކެއުމުގައި ހަމަހަމަ މިންވަރަކަށް މި ބާވަތްތައް ހިމަނައިގެން ކެއުމަށެވެ.

comment ކޮމެންޓް