ވިޓަމިން-ޑީ: ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކުރުމަށް މުހިއްމު ދައުރެއް އަދާކުރޭ

ވިޓަމިން-ޑީ އަކީ ހަށިގަނޑުގެ ދިފާއީ ނިޒާމާއި ނަފްސާނީ ދުޅަހެޔޮކަން ދެމެހެއްޓުމަށް މުހިންމު ދައުރެއް އަދާކުރާ މާއްދާއެއް--ފޮޓޯ/އެމްއެސްއެން

ވިޓަމިން-ޑީ އަކީ ހަށިގަނޑަށް ކެލްސިއަމް ނަގައިދީ، ކަށިތަކުގެ ވަރުގަދަކަމާއި، މަސްތަކުގެ ދުޅަހެޔޮކަމުގެ އިތުރުން ހަށިގަނޑުގެ ދިފާއީ ނިޒާމު ދެމެހެއްޓުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ އެއް ވިޓަމިނެވެ. މިއީ ދުޅަހެޔޮ ދިފާއީ ނިޒާމަކަށް ވެސް ކޮންމެހެން ބޭނުންވާ މުހިއްމު މާއްދާއެކެވެ.

އިރުގެ އަލިންނާއި، ކާބޯތަކެތީގެ އިތުރުން ސަޕްލިމެންޓްތަކުން މި މާއްދާ ލިބުނު ކަމުގައިވިޔަސް، ދުނިޔޭގެ އާބާދީގެ ގާތްގަނޑަކަށް އެއް ބިލިއަން މީހުންނަށް ވިޓަމިން-ޑީ މަދުވުމުގެ މައްސަލަ ކުރިމަތިވެފައިވެއެވެ.

މީގެ ސަބަބުން ވަރުބަލިވުމާއި، ކަށީގައި ރިއްސުމާއި، މަސްތައް ބަލިކަށިވުން ފަދަ ކަންކަން މެދުވެރިވެއެވެ. އަދި ބަލި ބޮޑުވާ ހާލަތްތަކުގައި ކުޑަކުދިންނަށް ޖެހޭ 'ރިކެޓްސް' އާއި ބޮޑެތި މީހުންނަށް ދިމާވާ 'އޮސްޓިއޯމަލޭޝިއާ' ފަދަ ކަށީގެ ބަލިތަކަށް މަގުފަހިވެއެވެ.

ފައިދާހުރި ސަރުބީ ހިމެނޭ ކާނާ އަކީ ކައްޓާއި މަސްތަކަށް ބޭނުންވާ މުހިއްމު އެހެނިހެން މާއްދާތައް ވެސް އޭގައި އެކުލެވޭ ކެއުންތައް ކަމަށްވުމުން ކޮންމެ ދުވަހެއްގެ ކެއުމުގެ ތާވަލުގައި އެ ބާވަތްތައް ހިމެނުން މުހިއްމު--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

އިންޑިއާގެ ހައިދަރުއާބާދުގައި ހުންނަ އެޕޯލޯ ހޮސްޕިޓަލުގެ ސީނިއާ ނިއުރޮލޮޖިސްޓް ޑރ. ސުދީރު ކުމާރު ވަނީ، ހަށިގަނޑަށް ވިޓަމިން-ޑީ ނަގައިދޭ މިންވަރު އިތުރުކުރުމަށްޓަކައި ކުރެވިދާނެ ވަރަށް ފަސޭހަ ނަމަވެސް ނުހަނު ފައިދާހުރި ތިން ކަމެއް ހިއްސާކުރައްވާފައެވެ.

1- ހުސްބަނޑާ ހުރެ ވިޓަމިން-ޑީ ނުބުއިން

ޑރ. ކުމާރު ތަފްސީލުކޮށްދެއްވި ގޮތުގައި ވިޓަމިން-ޑީ އަކީ ކާބޯތަކެތީގައި ހުންނަ ފެޓް ނުވަތަ ސަރުބީއަށް ގިރޭ މާއްދާއެކެވެ. އެހެންކަމުން، މި މާއްދާ ހަށިގަނޑަށް އެންމެ ފުރިހަމައަށް ނަގައިދެނީ ސަރުބީ އެކުލެވޭ ކާނާއަކާ އެކު ބޭނުންކުރުމުންނެވެ. ހުސްބަނޑާ ހުރެ ވިޓަމިން-ޑީ ސަޕްލިމެންޓް ބޭނުންކުރުމުން، އެ ހަށިގަނޑަށް ދަމައިގަންނަ މިންވަރު 50 އިންސައްތައަށްވުރެ ބޮޑަށް ދަށްވެގެންދެއެވެ. މީގެ ސަބަބުން ކައްޓާއި، މަސްތަކާއި، ދިފާއީ ނިޒާމަށް ލިބެންޖެހޭ ފައިދާ ވަރަށް ބޮޑަށް ކުޑަވެގެންދެއެވެ.

2- ދުވަހުގެ އެންމެ ބޮޑު ކެއުމަށްފަހު ބޭނުންކުރުން

ވިޓަމިން-ޑީ ހަށިގަނޑަށް ދަމައިގަންނަ މިންވަރު އިތުރުކުރުމަށްޓަކައި، ދުވަހުގެ ތެރޭގައި އެންމެ ގިނައިން ކާ ވަގުތު (ހާއްސަކޮށް ތެޔޮ ނުވަތަ ސަރުބީ އެކުލެވޭ ކެއުމެއް ބޭނުންކުރުމަށްފަހު) މި ސަޕްލިމެންޓް ބޭނުންކުރުމަށް ޑޮކްޓަރު ލަފާދެއްވައެވެ.

މިއީ ވަރަށް ކުޑަކަމެއް ނަމަވެސް، މީގެ ސަބަބުން ވިޓަމިންގެ ބަޔޯ-އެވެއިލަބިލިޓީ ނުވަތަ ހަށިގަނޑަށް ބޭނުންކުރެވޭ މިންވަރު އިތުރުވެ، ކަށިތަކާއި މަސްތައް ވަރުގަދަވުމަށް ބޮޑު އެހީއަކަށް ވެއެވެ.

3- ފައިދާހުރި ސަރުބީ ހިމެނޭ ކާނާ ދުވަހުގެ ކެއުމުގެ ތާވަލުގައި ހިމަނަން އާދަކުރުން

ވިޓަމިން-ޑީ ހަށިގަނޑަށް ނަގައިދިނުމަށް އެހީތެރިވެދޭ ބައެއް ކާނާގެ ބާވަތްތައް ޑރ. ކުމާރު ފާހަގަކުރެއްވިއެވެ. އޭގެ ތެރޭގައި ކިރުގެ ބާވަތްތަކާއި، ބިހާއި، އެކި ބާވަތުގެ ނަޓްސް އަދި އެވަކާޑޯ ހިމެނެއެވެ. މި ތަކެއްޗަކީ ފައިދާހުރި ސަރުބީގެ އިތުރުން ކައްޓާއި މަސްތަކަށް ބޭނުންވާ އިތުރު މާއްދާތައްވެސް އެކުލެވޭ ތަކެއްޗެވެ. މިފަދަ ކާނާއަކާ އެކު ސަޕްލިމެންޓް ބޭނުން ކުރުމުން، ލޭގެ ތެރެއަށް ވިޓަމިން-ޑީ ދަމައިގަތުމަށް ވަރަށް ބޮޑަށް ފަސޭހަވެގެންދެއެވެ.

ވިޓަމިން-ޑީ އާއި ކަސްރަތަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް އެކަތި އަނެކައްޗަށް ބަރޯސާވާ އެންމެ މުހިއްމު ދެ ކަންތައް ކަމަށް ސިއްހީ މާހިރުން ލަފާދެއްވާ--ފޮޓޯ/ޕިންޓްރެސްޓް

ޑރ. ކުމާރު ވިދާޅުވި ގޮތުގައި މިއީ ސިއްހަތަށް ބޮޑު ފައިދާއެއް ކުރާނެ ކުޑަ ބަދަލެކެވެ. ވިޓަމިން-ޑީ ބޭނުންކުރާ ވަގުތަށާއި ބޭނުންކުރާ ގޮތަށް ސަމާލުކަން ދިނުމުން، ހަށިގަނޑަށް ކުރާ ފައިދާ އެތައް ގުނައެއް އިތުރުވެއެވެ. މިފަދަ ކުދިކުދި އާދަތަކާ އެކު، ފައިދާހުރި ކާނާ ބޭނުންކުރުމާއި ހަށިގަނޑަށް އިރުގެ އަލި ލިބޭނެ ގޮތް ހެދުމަކީ، ކަށިތައް ވަރުގަދަކޮށް، މަސްތަކުގެ ދުޅަހެޔޮކަން ދަމަހައްޓައި، މުޅި މީހާގެ ދުޅަހެޔޮކަން އިތުރުކޮށްދޭނެ ކަމެކެވެ.

ވަރުގަދަ ކަށިތަކާއި، ދުޅަހެޔޮ މަސްތަކާއި، ހަރުދަނާ ދިފާއީ ނިޒާމަކަށް ވިޓަމިން-ޑީ އަކީ ކޮންމެހެން ބޭނުންތެރި މާއްދާއެކެވެ. މިއީ ކަށި އުފެދުމަށާއި ވަރުގަދަކުރުމަށް ބޭނުންވާ ކެލްސިއަމް އާއި ފޮސްފަރަސް ހަށިގަނޑަށް ނަގައިދިނުމުގައި އެހީތެރިވެދޭ މައިގަނޑު މާއްދާއެވެ.

ވިޓަމިން-ޑީ މަދުވުމުން، ހަށިގަނޑުގައި ކެލްސިއަމް ހުންނަންޖެހޭ މިންވަރު ހިފެހެއްޓުމަށް ދަތިވެ، ކަށިތައް ބަލިކަށިވުމާއި، މަސްތައް ވާޅުވުމާއި، އަދި ނަފްސާނީ ހާލަތަށްވެސް ނޭދެވޭ އަސަރުތައް ކުރެއެވެ. މީގެ އިތުރުން، ނާރުތަކުގެ މަސައްކަތްތަކަށާއި ބަލިތަކުން ދިފާއުވުމަށްވެސް މި ވިޓަމިންއަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާ މާއްދާއެކެވެ.

comment ކޮމެންޓް