ނޯލަންގެ ފިލްމު 'ދަ އޮޑިސީ'އަށް ފުރަތަމަ ހަފްތާ ބަންދުގައި 264 މިލިއަން ޑޮލަރުގެ އާމްދަނީއެއް

ފިލްމު "ދަ އޮޑިސީ"ގެ މަންޒަރެއްގައި މެޓް ޑޭމަން--ފޮޓޯ/ދަހޮލީވުޑްރިޕޯޓަ

ހޮލީވުޑްގެ މަޝްހޫރު ފިލްމީ ޑައިރެކްޓަރު ކްރިސްޓޮފާ ނޯލަންގެ އެންމެ ފަހުގެ ފިލްމު "ދަ އޮޑިސީ"ގެ ފުރަތަމަ ހަފުތާ ބަންދުގައި ރެކޯޑު އަދަދަކަށް އާމްދަނީ ހޯދައިފިއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން މި ފިލްމަށް މިހާތަނަށް 264 މިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީއެއް ހޯދުނުއިރު މިއީ ކްރިސްޓޮފާ މިހާތަނަށް އުފެއްދި ފިލްމުތަކުގެތެރެއިން ރިލީޒްކުރި ފުރަތަމަ ހަފްތާގައި ބޮޑު އާމްދަނީއެއް ލިބުނު ފުރަތަމަ ފިލްމެވެ.

ޔުނިވަސަލް ޕިކްޗަސްއިން އުފައްދާފައިވާ މި ފިލްމަށް އުތުރު އެމެރިކާއިން 124.5 މިލިއަން ޑޮލަރު ލިބިފައިވާއިރު، ބައިނަލްއަގުވާމީ އެހެން މާކެޓްތަކުން 139.6 މިލިއަން ޑޮލަރު ވަނީ ލިބިފައެވެ. ތިން ގަޑިއިރާ ގާތްކުރާ ދިގު މި ފިލްމަކީ ކުޑަކުދިންނަށް ނުބެލޭނެހެން 'އާރް-ރޭޓެޑް' ފިލްމަކަށް ވެފައި، މިއީ ކުރިން ހިނގާފައިވާ އެއްވެސް ފިލްމު ސިލްސިލާއަކަށް ނިސްބަތްވާ ފިލްމަކަށް ނުވީ ނަމަވެސް، ދުނިޔޭގެ 73 ގައުމެއްގައި މި ފިލްމު ވަނީ އުންމީދު ކުރި ވަރަށް ވުރެ ބޮޑު ކާމިޔާބީއެއް ހޯދާފައެވެ.

މި ފިލްމު މިހާރު ވެފައިވަނީ ނޯލަންގެ އެންމެ ކާމިޔާބު ފިލްމުތައް ކަމަށްވާ 'ދަ ޑާކް ނައިޓް ރައިޒަސް' (249 މިލިއަން ޑޮލަރު) އަދި 'ދަ ޑާކް ނައިޓް' (198 މިލިއަން ޑޮލަރު) އަށްވުރެ ވެސް ބޮޑު އާމްދަނީއެއް ފުރަތަމަ ހަފުތާގައި ހޯދި ފިލްމަށެވެ.

ފިލްމު "ދަ އޮޑިސީ"ގެ މަންޒަރެއްގައި ޒެންޑޭއާ އަދި މެޓް ޑޭމަން--ފޮޓޯ/ދަހޮލީވުޑްރިޕޯޓަ

މިއީ މިއަހަރު ނުކުތް ފިލްމުތަކުގެ ތެރެއިން 'ދަ ސުޕަ މާރިއޯ ގެލެކްސީ މޫވީ' އާއި 'ޓޯއި ސްޓޯރީ 5' އަށްފަހު ތިންވަނައަށް އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމު ވެސް މެއެވެ.

ނޯލަން ލިޔެ ޑައިރެކްޓްކުރި މި ފިލްމުގައި އިތާކާގެ ރަސްގެފާނު އޮޑިސިއަސްގެ ރޯލު ކުޅެނީ މެޓް ޑޭމަން އެވެ. ފިލްމުގައި ދައްކުވައިދެނީ ޓްރޯޖަން ހަނގުރާމަ އަށްފަހު އޭނާ އެނބުރި ރަށަށް ދިއުމަށް ކުރާ ނުރައްކާތެރި ދަތުރެވެ. މި ފިލްމުގެ ތަރިންގެ ތެރޭގައި ޓޮމް ހޮލެންޑް، އޭން ހެތަވޭ، ރޮބަޓް ޕެޓިންސަން، ޒެންޑޭއާ، ލުޕިތާ ނިޔޮންގޯ އަދި ޗާލީޒް ތެރަން ފަދަ މަޝްހޫރު އެތައް ފަންނާނުންނެއް ހިމެނެއެވެ.

ބައިނަލްއަގުވާމީ މާކެޓްތަކަށް ބަލާއިރު، އެންމެ ބޮޑު އާމްދަނީއެއް ލިބުނީ އިނގިރޭސިވިލާތާއި އަޔަލޭންޑުންނެވެ. އެއީ 17.4 މިލިއަން ޑޮލަރެވެ. ފްރާންސުން 13.7 މިލިއަން ޑޮލަރު އަދި އިޓަލީން 11.5 މިލިއަން ޑޮލަރު ލިބިފައިވެއެވެ. އަދިވެސް މި ފިލްމު ދެކުނު ކޮރެއާ، ޗައިނާ އަދި ޖަޕާނުގައި ރިލީޒްކޮށްފައެއް ނުވެއެވެ.

ފާހަގަކޮށްލެވޭ އަނެއް ކަމަކީ "ދަ އޮޑިސީ" އަކީ މުޅިން އައިމެކްސް ކެމެރާ ބޭނުންކޮށްގެން ޝޫޓްކުރި ފުރަތަމަ ފީޗާ ފިލްމަށް ވުމެވެ. މީގެ ސަބަބުން އައިމެކްސް ސިނަމާތަކުން ފިލްމަށް ލިބުނު އާމްދަނީ ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

އިންޑިއާގައި ވެސް މި ފިލްމު ވަނީ ނޯލަންގެ އެހެން ފިލްމުތަކަށް ވުރެ ބޮޑު ކާމިޔާބީއެއް ހޯދާފައެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި ފުރަތަމަ ތިން ދުވަހުން އެކަނި ވެސް އެ ޤައުމުން 73.19 ކްރޯޑް ރުޕީސް ވަނީ ލިބިފައެވެ. އޭގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ފިލްމުގެ އަސްލު އިނގިރޭސި ވާޝަނުންނެވެ.

comment ކޮމެންޓް