'އެވެންޖާސް: ޑޫމްސްޑޭ'ގެ ޓްރެއިލާ އާންމުކޮށްފި

މާވެލް ސިނަމެޓިކް ޔުނިވާސް (އެމްސީޔޫ)ގެ ހަވަނަ ފޭސްގެ ފުރަތަމަ ފިލްމުގެ ގޮތުގައި މި އަހަރު ސިނަމާތަކަށް ގެންނަ ފިލްމު "އެވެންޖާސް: ޑޫމްސްޑޭ"ގެ ޓްރެއިލާ ދައްކާލައިފިއެވެ.

ޖޯ އެންތަނީ އަދި ރޫސޯ ޑައިރެކްޓްކުރާ މި ފިލްމު ސިނަމާތަކަށް އަންނާނީ މި އަހަރުގެ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ. އެމްސީޔޫގެ މިހާތަނަށް ފެންނާނެ އެންމެ ބޮޑު ކުރިމަތިލުންތަކުގެ ކުޑަ މަންޒަރެއް ޓްރެއިލާއިން ދައްކާލިއިރު މި ފިލްމުގައި ރޮބަޓް ޑައުނީ ޖޫނިއަގެ 'ޑޮކްޓަރ ޑޫމް'އާ ދެކޮޅަށް ތޯރް އިސްވެ ޓީމެއް އެކުލަވާލާނެއެވެ.

މި ފިލްމުގެ ޓްރެއިލާ އާއްމުކޮށްފައިވާއިރު، މިދިޔަ އޭޕްރީލް މަހު 'ސިނެމާކޮން'ގެ ބައިވެރިންނަށް ވަކިން ފިލްމުގެ ޓްރެއިލާ ވަނީ ދައްކާލާފައެވެ.

ދެ މިނެޓާއި 26 ސިކުންތުގެ މި ޓްރެއިލާއިން ފެންނަނީ، ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާ ރޮބަޓް ޑައުނީ ޖޫނިއަގެ އެނބުރި އައުމާއެކު އޭނާ ކުޅޭ 'ޑޮކްޓަރު ޑޫމް'ގެ ނުރައްކާތަކާ ދެކޮޅަށް މާވަލްގެ ގިނަ ސުޕަހީރޯތަކެއް އެކަތިގަނޑަކަށްވާ މަންޒަރެވެ.

ފިލްމު "އެވެންޖާސް: ޑޫމްސްޑޭ"ގެ ޓްރެއިލާގެ މަންޒަރެއްގައި ހޮލީވުޑްގެ އެކްޓަރު ކްރިސް ހެމްސްވޯތް--ފޮޓޯ/ޓެލެގްރާފްއިންޑިއާ

"އެވެންޖާސް: އެންޑްގޭމް" އަށްފަހު ގިނަ އަހަރުތަކެއް ވަންދެން ފެނިފައިނުވާ ކްރިސް އިވާންސް "ސްޓީވް ރޮޖާސް"ގެ ގޮތުގައި އެނބުރި އަންނަ މަންޒަރުވެސް މި ޓްރެއިލާގައި ހިމަނާފައިވެއެވެ. އަދި ތޯރް އާއި 'ކެޕްޓަން ހައިޑްރާ'ގެ ކުރިމަތިލުމެއް ފެނިދާނެކަމުގެ އިޝާރާތެއްވެސް ވަނީ ދީފައެވެ.

މި ފިލްމުގައި ފޮކްސްގެ 'އެކްސް-މެން' ފްރެންޗައިޒްގެ މަޝްހޫރު ކެރެކްޓަތައް ކަމަށްވާ ޕްރޮފެސަރު އެކްސްވިއަ، މެގްނީޓޯ، މިސްޓީކް، ސައިކްލޮޕްސް އަދި ޗޭނިންގް ޓޭޓަމްގެ ގެމްބިޓް ރަސްމީކޮށް އެމްސީޔޫއާ ގުޅޭނެއެވެ. މީގެ އިތުރުން 'ފެންޓާސްޓިކް ފޯ' އަދި 'ތަންޑަބޯލްޓްސް' ވެސް މި ހަނގުރާމައިގައި ބައިވެރިވާނެއެވެ.

"އެވެންޖާސް: ޑޫމްސްޑޭ" މި އަހަރުގެ ޑިސެމްބަރުގައި ރިލީޒްކުރާއިރު، އޭގެ އެއް އަހަރު ފަހުން "އެވެންޖާސް: ސީކްރެޓް ވޯސް" ރިލީޒްކުރުމަށް ވަނީ ތާވަލުކުރެވިފައެވެ.

ފިލްމު "އެވެންޖާސް: ޑޫމްސްޑޭ" އަކީ، 2019ގައި ގެނެސްދިން "އެވެންޖާސް: އެންޑްގޭމް" ފަހުން ބެލުންތެރިންނަށް ގެނެސްދޭ އެ ސީރީޒްގެ ފުރަތަމަ ފިލްމެވެ. ފިލްމުގެ ކާސްޓުންގެތެރޭ، ކްރިސް ހެމްސްވޯތު، ކްރިސް އީވަންސް، ރޮބަޓް ޑައުނީ ޖޫނިއަ، ޕެޑްރޯ ޕާސްކަލް، ޕޯލް ސްޓެފަން އަދި އެންތަނީ ޑްވޭން ފަދަ ތަރިން ހިމެނެއެވެ.

އެންތަނީ އާއި ޖޯ ރުސޯ ގެނެސްދިން "އެންޑްގޭމް" އަކީ މިހާތަނަށް ބޮކްސް އޮފީހުގައި ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ހޯދުމުގެ ރެކޯޑް އޮތް ފިލްމެވެ. ޖުމްލަ 400 މިލިއަން ޑޮލަރުގެ ބަޖެޓަކުން ގެނެސްދިން އެ ފިލްމަށް ބޮކްސް އޮފީހުގައި ޖުމްލަ 2.799 ބިލިއަން ޑޮލަރު ލިބުނެވެ.

comment ކޮމެންޓް