އިނގިރޭސިވިލާތުގެ އައު ބޮޑުވަޒީރަށް ރައީސްގެ ތަހުނިޔާ: ''މަޝްވަރާއަށް ބައްދަލުވުމަކަށް އުއްމީދުކުރަން''

ރައީސް ޑރ. މުޙައްމަދު މުއިއްޒު މީގެ ކުރިން ބޭރަށް ފުރާވަޑައިގަތުން: އެ މަނިކުފާނު ވަނީ އިނގިރޭސިވިލާތުގެ އައު ބޮޑުވަޒީރަށް ތަހުނިޔާ ވިދާޅުވެފައި -- ފޮޓޯ/ ރައީސް އޮފީސް

ދެ ގައުމުގެ ރައްޔިތުންނަށް ފައިދާވާ ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވުމަށްޓަކައި އިނގިރޭސިވިލާތުގެ އައު ބޮޑުވަޒީރު އެންޑްރޫ ބާނަމާ ބައްދަލުކުރެއްވުމަށް އުންމީދުކުރައްވާ ކަމަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އިނގިރޭސިވިލާތުގެ އައު ބޮޑުވަޒީރު އެންޑްރޫ ބާނަމަށް ތަހުނިޔާ އަރިސްކުރައްވައި ރައީސް ފޮނުއްވި ސިޓީފުޅުގައި ވަނީ، ބާނަމަށް ފުރިހަމަ ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.

މީގެ އިތުރުން ދިމިގުރާތީ އުސޫލުތައް ނެގެހެއްޓުމާއި އިންސާނީ ހައްގުތައް ހިމާޔަތްކުރުމާއި ރާއްޖެއާއި އިނގިރޭސިވިލާތުގެ ޒަމާންވީ ގުޅުމަށް ދިވެހި ސަރުކާރުން ދޭ އަހަންމިއްޔަތުކަން ރައީސްގެ ސިޓީފުޅުގައި ފާހަގަކުރައްވައިފައިވެއެވެ.

އިނގިރޭސިވިލާތުގެ އައު ބޮޑުވަޒީރު އެންޑްރޫ ބާނަމް: ދެ ގައުމުގެ ރައްޔިތުންނަށް ފައިދާވާ ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވުމަށްޓަކައި ބައްދަލުކުރެއްވުމަށް އުންމީދުކުރައްވާ ކަމަށް ރައީސް ވިދާޅުވި --- ފޮޓޯ: ބީބީސީ

ފާއިތުވީ އަހަރުތަކުގައި ރާއްޖޭގެ އިޖުތިމާއީ އަދި އިގުތިޞާދީ ތަރައްގީގައި އިނގިރޭސިވިލާތުގެ މުހިންމު ޙިއްސާއެއް އޮތްކަން ފާހަގަކުރައްވައި ރައީސް ޝުކުރު އަދާކުރެއްވިއެވެ.

ހަމަ އެއާއެކު ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރުމަށްޓަކައި ބާނަމާއެކު ގާތުން މަސައްކަތްކުރެއްވުމުގެ ޝައުގުވެރިކަން ރައީސްގެ ސިޓީފުޅުގައި ފާޅުކުރެއްވިއެވެ. އަދި ދެ ގައުމުގެ ރައްޔިތުންނަށް ފައިދާވާނެ ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށްޓަކައި ކުރިއަށް އޮތް ތަނުގައި ބާނަމާ ބައްދަލުކުރެއްވުމަށް އުންމީދުކުރައްވާ ކަމަށް ވެސް އެ ސިޓީފުޅުގައި ވެއެވެ.

https://sun.mv/224888

އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަމާ އެ ގައުމުގެ ލޭބާ ޕާޓީގެ ލީޑަރު ބާނަމް ހަވާލުވެވަޑައިގަތީ ފާއިތުވި ދެ އަހަރު ދުވަހު އެ ގައުމުގައި ބޮޑުވަޒީރުކަން ކުރެއްވި ކިއާ ސްޓާމާ އިސްތިއުފާދެއްވުމާ ގުޅިގެންނެވެ. ބާނަމަކީ ފާއިތުވި ދިހަ އަހަރުގެ ތެރޭ އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަންނަވާ ހަތްވަނަ ބޭފުޅާއެވެ.

އުމުރުފުޅުން 56 އަހަރުގެ ބާނަމަކީ ގްރޭޓާ މެންޗެސްޓާގެ ކުރީގެ މޭޔަރެވެ. އެ ސަރަހައްދުގައި އޭނާއަށް ވަނީ "ކިންގް އޮފް ދަ ނޯތު"ގެ ނަމުން ލަގަބު ދެވިފައެވެ. މީގެ އިތުރުން، 2001 ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރުގެ ނިޔަލަށް ބާނަމް ވަނީ ގާނޫނު ހަދާ މަޖިލީހުގެ ނުވަތަ އިނގިރޭސިވިލާތުގެ ތިރިގޭގެ މެންބަރުކަން ކުރައްވައިފައެވެ. ނުވަ އަހަރު ފަހުން ބާނަމް ވަނީ އަނެއްކާ ވެސް ތިރިގެއަަށް އިންތިޚާބުވެ، މިދިޔަ ޖޫން މަހުގެ 18ވަނަ ދުވަހު މަގާމާ ހަވާލުވެވަޑައިގެންފައެވެ.

ކުރީގެ ބޮޑުވަޒީރުން ކަމަށްވާ ޓޯނީ ބްލެއާ އަދި ގޯޑަން ބްރައުންގެ ސަރުކާރުގައި ބާނަމް ވަނީ ވަޒީރުކަން ވެސް ކުރައްވައިފައެވެ.

comment ކޮމެންޓް