މާލޭގައި ހުންނަ ޓީޓީއެޗް ކްލިނިކުގައި ނިއުރޯސާޖަރީ (ނާރުގެ އޮޕަރޭޝަންތަކަށް ޚާއްސަ) ކޮންސަލްޓޭޝަންގެ ޚިދުމަތް ޓްރީ ޓޮޕް ހޮސްޕިޓަލުން ފަށައިފިއެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނި ގޮތުގައި، މާލޭ ކްލިނިކުގައި މި ޚިދުމަތް ތަޢާރަފުކުރުމުގެ މައިގަނޑު މަގުސަދަކީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަކަމާއެކު ޚާއްޞަ ބަލިތަކުގެ ފަރުވާ ފޯރުކޮށްދިނުމެވެ. އަދި މިއީ ފެންވަރު ރަނގަޅު ސިއްޙީ ޚިދުމަތްތައް އާންމުންނާ ގާތުން ފޯރުކޮށްދީ، ބަލިމީހުންނަށް އެންމެ އެކަށީގެންވާ ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށް އެ ހޮސްޕިޓަލުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށްވެސް އެ ފަރާތުން ފާހަގަކުރެއެވެ.
މި ޚިދުމަތް ދެއްވުމަށް ހަމަޖެހިފައިވަނީ ސިކުނޑި، މައިބަދަ އަދި ނާރުގެ ބަލިތަކަށް ޚާއްޞަ ކޮންސަލްޓަންޓް ސުޕާ ސްޕެޝަލިސްޓް ނިއުރޯސާޖަން، ޑރ. ޢަލީ އާފީއެވެ. ޑރ. އާފީއަކީ ސިކުނޑި އާއި މައިބަދައަށް ދިމާވާ އެކި ބަލިތައް ދެނެގަތުމާއި، އެކަމާ ގުޅޭ ފަރުވާ ދިނުމުގައި ދިގު މުއްދަތެއްގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެއް ކަމަށް ޓްރީ ޓޮޕުން މަޢުލޫމާތުދެއެވެ.
މި ޚިދުމަތުގެ ދަށުން ގިނަ ބަލިތަކަކަށް ޑޮކްޓަރަށް ދެއްކުމުގެ ފުރުސަތު ބަލިމީހުންނަށް ލިބިގެންދާނެއެވެ. އޭގެ ތެރޭގައި ހިމެނެނީ:
މައިބަދައިގެ ޑިސްކަށް ދިމާވާ މައްސަލަތައް
ނާރުގެ މައްސަލަތަކާ ގުޅިގެން މައިބަދައަށާއި ކަރަށް ދިމާވާ ދާއިމީ ތަދުތައް
ސިކުނޑީގައި ފެން ހެދުމާއި އެހެނިހެން ނާރުގެ ބަލިތައް
ސިކުނޑި އަދި މައިބަދައިގައި އުފެދޭ ގަނޑުތައް
ބޮލަށް ނުވަތަ މައިބަދައަށް ލިބޭ ބޮޑެތި އަނިޔާތައް
ނާރުގެ ނިޒާމަށް ދިމާވާ އެކި ބަލިތައް
މާލޭ ކްލިނިކުން މި ޚިދުމަތް ލިބިގެންދިއުމުގެ ސަބަބުން، ބަލިމީހުންނަށް ކުރީބައިގައި ޚާއްޞަ ޑޮކްޓަރެއްގެ ލަފާ ހޯދުމަށާއި، ބަލި ދެނެގަތުމަށް އަދި އެކަށީގެންވާ ފަރުވާގެ ޕްލޭނެއް އެކުލަވާލުމަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.
މާލޭ ބުރުޒުމަގުގައި ހުންނަ މއ. ޗަމްޕާ ވިލާގައި ގާއިމުކޮށްފައިވާ ޓީޓީއެޗް ކްލިނިކުގައި ނިއުރޯސާޖަރީގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ކޮންމެ އާދީއްތަ، ހޯމަ އަދި ބުދަ ދުވަހެއްގެ 17:00 އިން 18:00 އަށެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ސިއްޙީ ދާއިރާގައި އެންމެ ފަހުގެ ވަސީލަތްތަކާއެކު ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދެމުން އަންނަ މުއައްސަސާއެކެވެ. ހުޅުމާލޭގައި ހުންނަ މައި ހޮސްޕިޓަލުގެ އިތުރުން، މާލޭގައި ހުންނަ ޓީޓީއެޗް ކްލިނިކް މެދުވެރިކޮށް އެ ހޮސްޕިޓަލުން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ސްޕެޝަލިސްޓް ސިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ފުޅާކުރަމުންނެވެ.