ވޯލްޑް ކަޕް ފައިނަލްގެ ޓިކެޓްގެ އަގު 2.3 މިލިއަން ޑޮލަރަށް އަރައިފި

މިރޭގެ ފައިނަލް މެޗުގައި ބައްދަލުކުރާ އާޖެންޓީނާ އަދި ސްޕެއިންގެ އެންމެ މުހިންމު ދެ ކުޅުންތެރިން. މި މެޗުގެ ޓިކެޓުގެ އެަގު ވަނީ 2.3 މިލިއަން އަށް އަރާފަ... ފޮޓޯ/ ސްޕޯޓްސް ސްޓާ

ނިއު ޔޯކް ނިއު ޖާޒީ ސްޓޭޑިއަމްގައި މިރޭ ކުޅުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕް ފައިނަލް މެޗުގެ ޓިކެޓްތަކުގެ އަގު ރީސޭލް މާކެޓުގައި އިންތިހާއަށް އުފުލި، ބައެއް ޓިކެޓްތަކުގެ އަގު 2.3 މިލިއަން އެމެރިކާ ޑޮލަރަށް އަރައިފިއެވެ.

ޓިކެޓުގެ އަގު މިހާ މައްޗަށް އުފުލުމުން މިއީ އެމެރިކާގައި މިހާތަނަށް ބޭއްވޭ އެންމެ އަގުބޮޑު ކުޅިވަރު ހަރަކާތް ކަމަށް ގިނަ ބަޔަކުދަނީ ބުނަމުންނެވެ.

ލިއޮނަލް މެސީގެ އާޖެންޓީނާ އާއި ސްޕެއިންގެ ޒުވާން ތަރި ލަމީން ޔަމާލް ބައްދަލުކުރާ މި ފައިނަލް މެޗަށް އޮތް ޑިމާންޑް ބޮޑުވުމުގެ ސަބަބުން، ފީފާގެ ރީސޭލް ޕްލެޓްފޯމްގައި ޓިކެޓްތަކުގެ އަގު ވަނީ 10,000 ޑޮލަރާއި 2.3 މިލިއަން ޑޮލަރާ ދެމެދުގެ އަގުތަކަކަށް އުފުލިފައެވެ.

މެޗު ފެށުމަށް 24 ގަޑިއިރަށް ވުރެ ކުޑަތަންވެފައިވާއިރު، އާންމުކޮށް ވިއްކަން ހުރި ހުރިހާ ޓިކެޓެއް ވަނީ ވިކި ހުސްވެފައެވެ.

މި މުބާރާތުގައި ފީފާއިން އަލަށް ތައާރަފްކުރި "ޑައިނަމިކް ޕްރައިސިންގް" ނިޒާމުގެ ސަބަބުން، ޑިމާންޑަށް ބަލައި ޓިކެޓްގެ އަގުތައް ދިޔައީ ބަދަލުވަމުންނެވެ. ޓިކެޓިންގް މާހިރުން ފާހަގަކުރާ ގޮތުގައި، ފީފާއިން ވަނީ މާކެޓުގެ ޑިމާންޑް ދެނެގަނެ، ވަރަށް މަތީ އަގުތަކެއް ކަނޑައަޅާފައެވެ. ނަމަވެސް ސަޕޯޓަރުން ވަނީ އެ އަގުތަކުގައި ޓިކެޓް ގަނެ، މުޅި މުބާރާތުގެ 99.7 އިންސައްތަ ސީޓު ފުރާލާފައެވެ.

ސީޓްގީކް އިން ހާމަކުރި ގޮތުގައި، މި ފައިނަލް މެޗަކީ އެ ޕްލެޓްފޯމްގައި މިހާތަނަށް ވިއްކި އެންމެ އަގުބޮޑު އިވެންޓެވެ. މިއީ 2024 ވަނަ އަހަރުގެ ސުޕަ ބޯލް އަށް ވުރެ ވެސް 8 އިންސައްތަ އަގުބޮޑު އިވެންޓެކެވެ.

ޓިކެޓްގެ އަގުތައް އިންތިހާއަށް މަތިވުމާ ގުޅިގެން ބައެއް ފަރާތްތަކުން ފާޑުކިޔަމުންދާއިރު، މިއީ ހަމައެކަނި "މުއްސަނދި މަދު ބަޔަކަށް" ބައިވެރިވެވޭ މުބާރާތެއްގެ ގޮތުގައި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ސިފަކުރެއެވެ.

މި ފައިނަލް މެޗަކީ 39 އަހަރުގެ މެސީގެ ފަހު ވޯލްޑް ކަޕް މެޗަށް ވުން އެކަށީގެންވާތީ، އެ މަންޒަރު ބަލާލުމަށް ދުނިޔޭގެ އެކި ކޮޅުކޮޅުން ސަޕޯޓަރުން ވަނީ އެމެރިކާއަށް ޖަމާވެފައެވެ.

ޓިކެޓުގެ އަގުތައް ކިތަންމެ މަތިވި ނަމަވެސް، ފުޓްބޯޅައަށް އޮތް ލޯތްބާއި ޝައުގުވެރިކަން މި މުބާރާތުން ވަނީ ފެނިގެން ގޮސްފައެވެ.

އާޖެންޓީނާ އާއި ސްޕެއިން ބައްދަލުކުރާ ފޯރިގަދަ ފައިނަލް މެޗު ކުޅޭނީ ރާއްޖެ ގަޑިން މިރޭ ދަންވަރު 12:00 ގައިއެވެ.

comment ކޮމެންޓް