މެއި މަހާ އަޅާބަލާއިރު ޖޫން މަހު ޑެންގީ އާއި އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓްކުރި އަދަދު ދަށަށް

މީހަކު މާސްކެއް އަޅައިގެން: ޖޫންމަހު ޑެންގޫއާއި ރޯގާޖެހިގެން ރިޕޯޓުކުރި އަދަދުވަނީ ދަށްވެފައި --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި އަހަރުގެ މެއި މަހާ އަޅާބަލާއިރު، ޖޫން މަހު ޑެންގީ ހުން، އަރިދަފުސް ރޯގާ އަދި ބޭރަށް ހިންގުން ޖެހިގެން ރިޕޯޓްކުރި މިންވަރު ދަށްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ބަލިޖެހޭ މިންވަރު ދަށްވި ނަމަވެސް، މިފަދަ ބަލިތަކުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމުގައި ދެމިތިބުމަކީ މުހިންމު ކަމެއް ކަމަށް އެޗްޕީއޭއިން ވަނީ އިރުޝާދުދީފައެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މެއި މަހު ޑެންގީ ހުން ޖެހިގެން 794 ކޭސް ރިޕޯޓްކޮށްފައިވާއިރު، ޖޫން މަހު މި އަދަދު ވަނީ 527 އަށް ދަށްވެފައެވެ. އަރިދަފުސް ރޯގާ ޖެހިގެން މެއި މަހު 48,772 ކޭސް ރިޕޯޓްކުރިއިރު، ޖޫން މަހު އެ އަދަދު ވަނީ 40,457 އަށް ދަށްވެފައެވެ. މީގެ އިތުރުން ބޭރަށް ހިންގުން ޖެހިގެން މެއި މަހު ރިޕޯޓްކުރި 4,726 ކޭސް، ޖޫން މަހު ވަނީ 4,442 އަށް މަދުވެފައެވެ.

އެޗްޕީއޭގެ ތަފާސްހިސާބު --

އިންފްލުއެންޒާގެ ހާލަތަށް ބަލާއިރު، ޖޫން މަހު ޓެސްޓްކުރި 451 ސާމްޕަލްގެ ތެރެއިން 142 ސާމްޕަލް ވަނީ ޕޮޒިޓިވް ވެފައެވެ. މި އަހަރުގެ މިހާތަނަށް ޖުމުލަ 999 މީހުން އިންފްލުއެންޒާއަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހިސާބުތަކުން ދައްކައެވެ.

ޑެންގީން ރައްކާތެރިވުމަށްޓަކައި މަދިރިން ރައްކާތެރިވުމަށް ހަށިގަނޑު ނިވައިވާ ގޮތަށް ހެދުން އެޅުމާއި، މަދިރި ލޯޝަން ބޭނުންކުރުމުގެ އިތުރުން، ފަތިސް ގަޑީގައާއި އިރުއޮއްސޭ ވަގުތު ދޮރުތައް ލައްޕާފައި ބެހެއްޓުމަށް ކަމާއިބެހޭ ފަރާތްތަކުން އިލްތިމާސްކުރެއެވެ. އަދި ބޭރަށް ހިންގުމުން ރައްކާތެރިވުމަށްޓަކައި ކާބޯތަކެތި ތައްޔާރުކުރުމުގެ ކުރިންނާއި ފާޚާނާ ކުރުމަށްފަހު ސައިބޯނިލައިގެން އަތްދޮވުމަށާއި، ސާފު ބޯފެން ބޭނުންކުރުމަށް ސަމާލުކަން ދިނުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

https://sun.mv/224733

ބަލި ޖެހިއްޖެނަމަ ގިނައިން އަރާމުކުރުމާއި، ކުރުނބާފެން، ލޮނުޕެކެޓް އަދި ސޫޕް ފަދަ ދިޔާތަކެތި ގިނައިން ބޭނުންކުރުމަށް އެޗްޕީއޭއިން ލަފާދެއެވެ. "ތިން ދުވަހަށް ވުރެ އިތުރަށް ހުން އަންނަނަމަ ނުވަތަ މާބޮޑަށް ވަރުދެރަވާނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދުން މުހިންމު" ކަމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ. އަދި ހޮސްޕިޓަލަށް ދާއިރު ވީހާވެސް މަދު މީހުން ދިއުމަށާއި، ކުޑަކުދިންނާއި މާބަނޑު މީހުން ބަލިމީހުންނަށް ޒިޔާރަތްކުރުން މަދުކުރުމަށްވެސް ވަނީ އެދިފައެވެ.

ޖުމުލަ ގޮތެއްގައި ބަލިތައް މަދުވި ނަމަވެސް، އައްޑޫ ސިޓީ ފަދަ ބައެއް ސަރަހައްދުތަކުގައި ޑެންގީ ފެތުރޭ މިންވަރު އިތުރުވަމުންދާތީ، ރަށުތެރެ ސާފުކުރުމުގެ މަސައްކަތްތައް ކައުންސިލްތަކުން މިހާރު ވަނީ ފަށާފައެވެ.

މީގެ އިތުރުން މި ދުވަސްވަރަކީ ރާއްޖޭން މީގެ ކުރިން ނައްތާލައިފައި އޮތް ހިމަބިހި ފެތުރެމުންދޭ ދުވަސްވަރެކެވެ. އެގޮތުން އާބާދީގެ ނިސްބަތުން، މި ސަރަހައްދުގައި ހިމަބިހި އެންމެ ގިނަ ގައުމަކަށް ރާއްޖެ ވަނީ ވެފައެވެ.

comment ކޮމެންޓް