އައްޑޫގައި ޑެންގީ ފެތުރޭތީ ރަށުތެރެ ސާފުކުރަން އަންގައިފި

މަދިރި ނައްތާލުމަށް ރެޑް ކްރެސެންޓްއިން ކުރިއަށްގެންދިޔަ ހަރަކާތެއް: -- ފޮޓޯ/ ރެޑް ކްރެސެންޓް

އައްޑޫ ސިޓީގައި ޑެންގީ ހުން ފެތުރޭ މިންވަރު އިތުރުވަމުން އަންނާތީ، ބަލި ކޮންޓްރޯލް ކުރުމުގެ ގޮތުން ރަށުތެރެ ސާފުކުރުމަށް އައްޑޫ ސިޓީ ކައުންސިލުން މިއަދު އަންގައިފިއެވެ.

ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، މި ދުވަސްވަރު އެ ސިޓީގައި ޑެންގީ ހުން ޖެހިގެން ރިޕޯޓްކުރާ މީހުންގެ އަދަދު އިތުރުވަމުން އަންނަ ކަމަށެވެ. އެހެންކަމުން، މަދިރި މަދުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ކަމާބެހޭ ފަރާތްތަކުން އަންގަމުންދާ ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.

ޑެންގީ ކޮންޓްރޯލް ކުރުމަށްޓަކައި އާންމު ރައްޔިތުންގެ އެހީތެރިކަން ބޭނުންވާކަން ފާހަގަކޮށް، ކައުންސިލުން ވަނީ ވަކި ކަންތައްތަކެއް ކުރުމަށް އިލްތިމާސްކޮށްފައެވެ.

އީޑީސް މަދިރި: ޗިކުންގުންޔާއަކީ ޑެންގީ ހުން ފަތުރާ އީޑީސް މަދިރީގެ ޒަރިއްޔާއިން ފެތުރޭ ވައިރަލް ހުމެއް --

އެގޮތުން، މަދިރި އާލާވާ ގޮތަށް ހުންނަ ތަންތަން ސާފުކުރުމަށާއި، ގެއާއި ގޯތިތަކުގައި ދިގުކޮށް ހެދިފައި ހުރި ވިނަތައް ނައްތާލުމަށް ކައުންސިލުން ވަނީ އަންގާފައެވެ. މީގެ އިތުރުން، މަގުތަކަށާއި ގެއާއި އިންވެގެން ހުންނަ ގޭގެއަށް ދަތިވާ ގޮތަށް ހުރި ގަސްތައް ކޮށައި ސާފުކޮށް ބެހެއްޓުމަށް ވެސް ކައުންސިލުން ވަނީ އާންމުންނަށް އަންގާފައެވެ.

މިއީ މަދިރި އާލާވުން ހުއްޓުވައި، އާންމު ސިއްހަތު ރައްކާތެރިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ކައުންސިލުން ފާހަގަކުރެއެވެ.

މީގެ ކުރިން ވެސް އައްޑޫ ސިޓީގައި ޑެންގީ ފެތުރޭ މިންވަރު އިތުރުވުމާ ގުޅިގެން، ކައުންސިލާއި ކަމާބެހޭ އެހެނިހެން އިދާރާތައް ގުޅިގެން ވަނީ މުޅި ސިޓީ ސާފުކުރުމުގެ ބޮޑު ހަރަކާތްތަކެއް ހިންގާފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މުޅި ރާއްޖޭގައި ވެސް މި އަހަރު ޑެންގީ ހުން ޖެހޭ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން، މި އަހަރުގެ އޭޕްރީލް މަހު އެކަނި ވެސް 601 ކޭސް ރިޕޯޓުކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ އޭޕްރީލް މަހު ރިޕޯޓުކުރި 60 ކޭސްއާ އަޅައި ބަލާއިރު ދިހަ ގުނަ އިތުރު އަދަދެކެވެ. އަދި މެއި މަހު އެ އަދަދު ވަނީ 778 އަށް މައްޗަށް ގޮސްފައެވެ. އައްޑޫ ސިޓީގައި ވެސް މި ބަލި ފެތުރޭ ނިސްބަތް މަތިވެފައިވާއިރު، ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ގުޅިގެން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

އައްޑޫ ސިޓީ ހިތަދޫ: -- ފޮޓޯ/ ޕީއެސްއެމް

މި އަހަރުގެ މިހާތަނަށް ޑެންގީ ހުން ޖެހިގެން ރާއްޖޭން ވަނީ ބައެއް މީހުން މަރުވެސް ވެފައެވެ.

ޑެންގީ ހުމަކީ އީޑީސް މަދިރީގެ ޒަރީއާއިން ފެތުރޭ ބައްޔަކަށް ވާއިރު، މި ބަލިން ރައްކާތެރިވުމަށް އެޗްޕީއޭއިން ވަނީ ގިނަ އިރުޝާދުތަކެއް ދީފައެވެ. އޭގެ ތެރޭގައި، ހަށިގަނޑު ރަނގަޅަށް ނިވާވާ ގޮތަށް ހެދުން އެޅުމާއި، މަދިރި ލޯޝަން ނުވަތަ ސްޕްރޭ ބޭނުންކުރުން ހިމެނެއެވެ. އަދި ފަތިސް ގަޑިއާއި ހަވީރު އިރު އޮއްސޭ ވަގުތު ގޭގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުމަށް ވެސް އެ އިދާރާއިން އިލްތިމާސްކުރެއެވެ. ހުސް ފުޅިއާއި ދަޅު ފަދަ ތަކެތި ގޯތިތެރެއަށާއި މަގުމައްޗަށް ނޭޅުމަށާއި، ފެން ހަރުލާ ތަންތަން ސާފުކޮށް ބެހެއްޓުމަށް ވެސް ވަނީ ގޮވާލާފައެވެ.

ޑެންގީ ހުން ޖެހިއްޖެ ހާލަތެއްގައި ގޭގައި ދެވިދާނެ ފަރުވާތަކުގެ ތެރޭގައި، ރަނގަޅަށް އަރާމުކުރުމާއި، ގިނަގިނައިން ދިޔާ ތަކެތި ބޭނުންކުރުން ހިމެނޭ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ. ހުން ތިރިކުރުމަށް ޕެރެސެޓަމޯލް ބޭނުންކުރެވިދާނެ ކަމަށާއި، ތިން ދުވަހަށް ވުރެ ގިނަ ދުވަހު ހުން ހުންނަނަމަ ނުވަތަ ދިޔާ ތަކެތި ބޭނުން ނުކުރެވޭ ހާލަތަށް ދިމާވާނަމަ، ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދުމަށް އެ އިދާރާއިން ވަނީ އިރުޝާދު ދީފައެވެ. އައްޑޫ ސިޓީ ކައުންސިލުން މިހާރު ވަނީ ރައްޔިތުންގެ އެއްބާރުލުމާއެކު ރަށުތެރެ ސާފުކުރުމުގެ އަމަލީ މަސައްކަތްތައް ފެށުމަށް އަންގާފައެވެ.

comment ކޮމެންޓް