ބޮލީވުޑްގެ އެކްޓަރު އާމިރު ޚާންގެ ފިލްމު ކުންފުނިން މިދިޔަ މެއި މަހު ސިނަމާތަކަށް ގެނެސްދިން ލޯބީގެ ފިލްމު "އޭކް ދިން" އެމެޒޯން ޕްރައިމް ވީޑިއޯގައި ސްޓްރީމްކުރަން ފަށައިފިއެވެ.
އާމިރުގެ ދަރިފުޅު ޖުނައިދު ޚާން އަދި ދެކުނު އިންޑިއާގެ މަގުބޫލު ބަތަލާ ސައި ޕައްލަވީ ލީޑް ރޯލްތައް ކުޅެފައިވާ ފިލްމު "އޭކް ދިން" އަކީ އަލަށް ފިލްމު ޑައިރެކްޝަނަށް ނުކުތް ސުނިލް ޕާންޑޭގެ އުފެއްދުމެކެވެ.
މަންސޫރު ޚާން އަދި އާމިރު ޚާން ޕްރޮޑިއުސަރެއްގެ ގޮތުގައި އިސްކޮށް މަސައްކަތްކުރި މި ފިލްމަކީ ބަތަލާ ސައި ޕައްލަވީ ހިންދީ ސިނަމާއަށް ތައާރަފްވި ފިލްމުވެސްމެއެވެ. ވަރަށް ރީތި ލޯބީގެ ހާދިސާއެއްގެ މައްޗަށް ބިނާކޮށް އުފެއްދި މި ފިލްމުގެ މުހިއްމު ރޯލަކުން އެކްޓަރު ކުނާލް ކަޕޫރު ވެސް ފެނިފައިވެއެވެ.

ފިލްމު "އޭކް ދިން"ގެ މަންޒަރެއްގައި ސައި އަދި ޖުނައިދު--ފޮޓޯ/އިންޑިއަންއެކްސްޕްރެސް
ފިލްމު "އޭކް ދިން" ރިލީޒްކުރުމުގެ ކުރިން މި ފިލްމަށް ބެލުންތެރިންގެ ތަރުހީބު ލިބޭނެ ކަމަށް ގިނަ ބަޔަކު އުއްމީދުކުރި ނަމަވެސް ބޮކްސް އޮފީހުގައި ފިލްމަށް ލިބުނީ ފިނި ތަރުހީބެކެވެ.
ސްނެހާ ދެސާއީ އަދި ސްޕަންދަން މިޝްރާގެ ސްކްރީންޕްލޭއަށް ތައްޔާރުކުރި މި ފިލްމަށް ކްރިޓިކުންވެސް ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. ނަމަވެސް ފިލްމުގެ ސްކްރިޕްޓްގެ ފުރިހަމަކަމަށާއި ޖުނައިދު އާއި ސައި ފިލްމުގައި ދެއްކި މޮޅު އެކްޓިންގްއަށް ގިނަ ބަޔަކު ވަނީ ތައުރީފުކޮށްފައެވެ.
އާމިރުގެ ކުންފުނިން ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ގެނެސްދޭނީ އަންނަ މަހުގެ 14 ވަނަ ދުވަހު ރިލީޒްކުރަން ތާވަލުކޮށްފައި އޮތް ފިލްމު "ބަޓްވާރާ 1947"އެވެ. މި ފިލްމަކީ ސަނީ ޑިއޯލް އަދި ޕްރިތީ ޒިންތާ ލީޑް ރޯލްތަކުން ފެންނާނެ ވަރަށް އުއްމީދީ ފިލްމެކެވެ.