ރާއްޖޭގެ 8 ސަރަހައްދެއްގައި އާސަންދައިގެ ޚިދުމަތްދޭ ކައުންޓަރުތައް ހުޅުވައިފި

އާސަންދަ ކުންފުނީގެ ޚިދުމަތްތައް ދޭނެ އަށް ކައުންޓަރެއް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިއަދު ހުޅުވުން -- ފޮޓޯ/ އާސަންދަ

އާސަންދަ ކުންފުނީގެ ޚިދުމަތްތައް ދޭނެ އަށް ކައުންޓަރެއް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިއަދު ހުޅުވައިފިއެވެ.

މި ކައުންޓަރުތައް ގާއިމުކުރުމާއެކު، އިތުރު އަށް ރަށެއްގެ ރައްޔިތުންނަށް އެ ރަށްރަށުގައި ތިބެގެން އާސަންދައިގެ މުވައްޒަފުން މެދުވެރިކޮށް ސީދާ ޚިދުމަތް ހޯދުމުގެ މަގު ވަނީ ފަހިވެފައެވެ.

އާސަންދަ ކުންފުނީގެ ޚިދުމަތްތައް ދޭނެ އަށް ކައުންޓަރެއް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިއަދު ހުޅުވުން -- ފޮޓޯ/ އާސަންދަ

މިއީ އާސަންދަ ސްކީމުގެ ދަށުން އެހީއަށް އެދުމާއި އިދާރީ ކަންކަން ނިންމުމުގައި ރައްޔިތުންނަށް ލިބޭނެ ބޮޑު ލުޔެކެވެ.

އަލަށް ކައުންޓަރުތައް ހުޅުވި ރަށްތައް:

  • ރ. އުނގޫފާރު
  • ބ. އޭދަފުށި
  • ޅ. ނައިފަރު
  • އދ. މަހިބަދޫ
  • ދ. ކުޑަހުވަދޫ
  • ލ. ގަން
  • ގދ. ތިނަދޫ
  • ފުވައްމުލައް ސިޓީ

މި ބަދަލާއެކު، ރައްޔިތުންނަށް އާސަންދައިގެ މައުލޫމާތާއި އެހީތެރިކަން ހޯދުމަށް އަމިއްލަ ރަށް ނޫން އެހެން ރަށަކަށް ދަތުރުކުރަން ނުޖެހި، ފަސޭހަކަމާއެކު ޚިދުމަތް ލިބޭނެކަން އެ ކުންފުނިން ފާހަގަކުރެއެވެ. މީގެ ކުރިން އާސަންދަ ކައުންޓަރުތައް ހުރީ މާލެ، ހުޅުމާލެ، ފ. ނިލަންދޫ، އައްޑޫ ސިޓީ އަދި ކުޅުދުއްފުށި ސިޓީގައެވެ.

މި މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސީދާ އިރުޝާދުގެ ދަށުން، ސިއްހީ ޚިދުމަތްތަކާ ގުޅުންހުރި ކަންކަން ރައްޔިތުންނަށް ވީހާ ވެސް ލުއިފަސޭހަ ކޮށްދިނުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެއް ކަމަށް އެ ކުންފުނިން ބުނެއެވެ.

އާސަންދަ ކުންފުނީގެ ޚިދުމަތްތައް ދޭނެ އަށް ކައުންޓަރެއް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިއަދު ހުޅުވުން -- ފޮޓޯ/ އާސަންދަ

ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ހުރިހާ އަތޮޅެއްގެ އާބަން ސެންޓަރުތަކުގައި އާސަންދައިގެ ޚިދުމަތް ދޭނެ ކައުންޓަރުތައް ގާއިމުކުރުމެވެ.

މިއަދު އިފްތިތާހު ކުރި މި ކައުންޓަރުތަކަކީ މުޅި ރާއްޖެއަށް އާސަންދައިގެ ޚިދުމަތް ފުޅާކުރުމަށް ސަރުކާރުން ހިފާފައިވާ އަމާޒަށް ވާސިލުވުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ސިފަކުރެއެވެ.

އާސަންދަ ކޮމްޕެނީ ލިމިޓެޑަކީ، ބޭސްފަރުވާގެ ޚަރަދު ހަމަޖެއްސުމަށް ދައުލަތުގެ އެހީތެރިކަމަށް އެދޭ ފަރާތްތަކަށް އެކަމާ ގުޅުންހުރި ޚިދުމަތްތައް ފޯރުކޮށްދިނުމަށް، ދިވެހި ސަރުކާރުން 2011 ވަނަ އަހަރު ގާއިމްކޮށްފައިވާ ކުންފުންޏެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް