އިންޑިއާގެ އަހުމަދުއާބާދުން ފުރައިގެން ލަންޑަނަށް ދަތުރުކުރަނިކޮށް މިދިޔަ އަހަރު ވެއްޓުނު އެއާ އިންޑިއާގެ މަތިންދާބޯޓުގެ ހާދިސާއާ ގުޅޭ ތަހުގީގީ ރިޕޯޓުގެ ފުރަތަމަ ދެލިކޮޕީ އަންނަ އޮކްޓޯބަރު މަހު ނެރެވޭނެ ކަމަށް އިންޑިއާގެ އެއާކްރާފްޓް އެކްސިޑެންޓް އިންވެސްޓިގޭޝަން ބިއުރޯ (އޭއޭއައިބީ) އިން ބުނެފިއެވެ.
އިންޑިއާގެ ސުޕްރީމް ކޯޓަށް އެ އިދާރާއިން 14 ޖުލައި 2026 ވީ އަންގާރަ ދުވަހު ހުށަހެޅި ލިޔުމެއްގައި ބުނެފައިވާ ގޮތުގައި، ތަހުގީގު މިހާރު އޮތީ އެންމެ ފަހުގެ މަރުހަލާގައެވެ. އެގޮތުން ހެކިތައް ދިރާސާކުރުމާއި ތަހުލީލުކުރުމުގެ މަރުހަލާ މިހާރު ކުރިއަށްދާއިރު، ކުރިއަށް އޮތް ހަ ހަފުތާގެ ތެރޭގައި ތަހުގީގުގެ ބޮޑު ބައެއް އެއްކޮށް ނިންމައިލެވޭނެ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.
ނަމަވެސް މި ރިޕޯޓު އާންމުކުރާނެ ވަކި ތާރީޚެއް ނުވަތަ ތަހުގީގުން މިހާތަނަށް ހޯދިފައިވާ އެއްވެސް ނަތީޖާއެއް އޭއޭއައިބީން އަދި ހާމަކޮށްފައެއް ނުވެއެވެ. އޭއޭއައިބީން ފާހަގަކުރި ގޮތުގައި މި ތަހުގީގުގެ މައިގަނޑު މަގުސަދަކީ ކުރިމަގުގައި މިފަދަ ހާދިސާތައް ހިނގުން ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަތުމެވެ.
އޭއޭއައިބީން ކޯޓަށް ހުށަހެޅި މައުލޫމާތުގައިވާ ގޮތުން، މަތިންދާބޯޓެއް ވެއްޓުމުގެ ހާދިސާއެއް ތަހުގީގުކުރުމަށް ބައިނަލްއަގުވާމީ އޭވިއޭޝަން މިންގަނޑުތަކުން ލާޒިމުކުރާ 66 ފިޔަވަޅުގެ ތެރެއިން 49 ފިޔަވަޅު މިހާރު ވަނީ ފުރިހަމަކޮށްފައެވެ. މީގެ ތެރޭގައި ހާދިސާ ހިނގި ސަރަހައްދު ބެލުމާއި، ބޯޓުގެ ބައިތައް ތަހުލީލުކުރުމާއި، ފްލައިޓް ރެކޯޑަރުތަކުން މައުލޫމާތު އެއްކުރުން ހިމެނެއެވެ. މީގެ އިތުރުން، ކްރޫންގެ ސިއްހީ ރެކޯޑުތަކާއި ތަމްރީނު ރެކޯޑުތައް ބެލުމުގެ މަސައްކަތްވެސް ވަނީ ނިންމާފައެވެ.
މި ތަހުގީގުގެ ތެރެއިން، އޭވިއޭޝަން ސައިކޮލޮޖިސްޓެއް މެދުވެރިކޮށް ކްރޫންގެ ނަފްސާނީ ހާލަތު ދެނެގަތުމަށް ޚާއްސަ ތަހުލީލުތަކެއް ކޮށްފައިވާ ކަމަށާއި، އެ ތަހުލީލުގެ ފައިނަލް ރިޕޯޓު ލިބިފައިވާ ކަމަށްވެސް އޭއޭއައިބީން ބުނެފައިވެއެވެ. މި ނަފްސާނީ ތަހުލީލަކީ އިންސާނީ ކުށެއްގެ ސަބަބުން ހާދިސާ ހިނގަން މެދުވެރިވިތޯ ބެލުމަށް ކުރިއަށްގެންދިޔަ ތަހުލީލެކެވެ. އަދި ކޮކްޕިޓް ވޮއިސް ރެކޯޑަރުގެ ޓްރާންސްކްރިޕްޓް ތައްޔާރުކޮށްފައިވީ ނަމަވެސް، އިންޑިއާގެ ގާނޫނުތައް އޮންނަ ގޮތުން އެ މައުލޫމާތު އާންމު ނުކުރެވޭނެ ކަމަށް އެ އިދާރާއިން ވަނީ ކޯޓުގައި ފާހަގަކޮށްފައެވެ.
މި ރިޕޯޓުގެ ދެލިކޮޕީ އެމެރިކާގެ ނޭޝަނަލް ޓްރާންސްޕޯޓޭޝަން ސޭފްޓީ ބޯޑު ފަދަ ބައިނަލްއަގުވާމީ އިދާރާތަކާ ހިއްސާކުރާނެ ކަމަށްވެސް މައުލޫމާތު ލިބެއެވެ.
މި ހިތާމަވެރި ހާދިސާ ހިނގާފައިވަނީ 12 ޖޫން 2025 ގައެވެ. އެއާ އިންޑިއާގެ ފްލައިޓް އޭއައި171، ބޮއިންގ 787 ޑްރީމްލައިނާ މަރުކާގެ މި ބޯޓު ވެއްޓުނީ އަހުމަދުއާބާދު އެއާޕޯޓުން ނައްޓައިލިތާ މަދު ސިކުންތުކޮޅެއްގެ ތެރޭގައެވެ. އެއާޕޯޓާ ގާތްގަނޑަކަށް ހަ ކިލޯމީޓަރު ދުރުގައި ހުރި މެޑިކަލް ކޮލެޖެއްގެ ޑޮކްޓަރުން ދިރިއުޅޭ އިމާރާތަކަށް ބޯޓު ވެއްޓި ގޮވުމުގެ ސަބަބުން ޖުމްލަ 260 މީހުން ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ބޯޓުން ދަތުރުކުރި 241 މީހުންނާއި ބިމުގައި ތިބި 19 މީހުން ހިމެނެއެވެ. މި ހާދިސާއިން ސަލާމަތްވީ އިނގިރޭސިވިލާތުގެ ލެސްޓާއަށް ނިސްބަތްވާ ވިޝްވާޝްކުމާރު ރަމޭޝް ނަމަކަށް ކިޔާ އެންމެ ފަސިންޖަރެކެވެ.
ހާދިސާއަށްފަހު އޭއޭއައިބީން ނެރުނު އިބްތިދާއީ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ބޯޓު ނައްޓައިލިތާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އިންޖީނަށް ތެޔޮ ފޯރުކޮށްދޭ ސްވިޗުތައް ކުއްލިއަކަށް ނިވި، އިންޖީނުތަކުގެ ބާރު ވަނީ ކެނޑިފައެވެ. ކޮކްޕިޓުގެ އޯޑިއޯ ރެކޯޑިންތަކުން އިވޭ ގޮތުގައި، އެއް ޕައިލެޓަކު އަނެއް ޕައިލެޓާ އެކަން އެގޮތަށް ކުރީ ކީއްވެތޯ ސުވާލުކުރެއެވެ. ނަމަވެސް އަނެއް ޕައިލެޓު ވަނީ އެކަން ނުކުރާ ކަމަށް ބުނެފައެވެ. މި ރިޕޯޓުގައި އެއީ ކޮން ޕައިލެޓުންނެއް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.
އިބްތިދާއީ ރިޕޯޓުގައި ހުރި މިފަދަ މައުލޫމާތުތަކާ ގުޅިގެން، ބޯޓު ވެއްޓުމުގައި ޕައިލެޓުންގެ އިހުމާލެއް އޮތް ކަމަށް ބުނެ މީޑިއާތަކުގައި ވަނީ ތަފާތު ވާހަކަތައް ފެތުރިފައެވެ. ޚާއްސަކޮށް ބޭރުގެ ބައެއް މީޑިއާތަކުން ވަނީ ބޯޓުގެ ސީނިއާ ޕައިލެޓް ކެޕްޓަން ސުމީތު ސަބަރްވާލަށް ތުހުމަތުތަކެއް އަމާޒުކޮށްފައެވެ. މިކަމާ ގުޅިގެން ސުމީތުގެ ބައްޕަ ޕުޝްކަރް ރާޖް ސަބަރްވާލް ވަނީ މި ހާދިސާގެ މިނިވަން ޖުޑީޝަލް ތަހުގީގެއް ހިންގުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅާފައެވެ.
އޭއޭއައިބީން ކޯޓަށް ހުށަހެޅި ލިޔުމަކީ މި މައްސަލައަށް ރައްދުދިނުމުގެ ގޮތުން ހުށަހެޅި ލިޔުމެކެވެ. އެ އިދާރާއިން ބުނި ގޮތުގައި، މީޑިއާތަކުން ޕައިލެޓުންނަށް އަމާޒުކޮށް ފަތުރަމުންދާ ވާހަކަތަކުގެ ސަބަބުން، ތަހުގީގަށް މައުލޫމާތު ދޭންޖެހޭ ބައެއް ހެކިވެރިން މައުލޫމާތު ދިނުމަށް ފަސްޖެހުމުގެ މައްސަލަތަކާ ވަނީ ކުރިމަތިވެފައެވެ. މީގެ ސަބަބުން ތަހުގީގަށް ހުރަސްއެޅެމުންދާ ކަމަށް އޭއޭއައިބީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ އިދާރާއިން އިތުރަށް ފާހަގަކުރި ގޮތުގައި، މިހާރު ކުރިއަށްދާ ތަހުގީގަކީ ބައިނަލްއަގުވާމީ މުއާހަދާތަކާ އެއްގޮތަށް ކުރިއަށްދާ ތަހުގީގަކަށް ވުމާއެކު، ކޯޓުން މޮނިޓާކުރާ އިތުރު ތަހުގީގެއް ހިންގަންޖެހޭ ސަބަބެއް ނެތެވެ. މި މައްސަލައިގައި ކޯޓުން އަދި ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.