އަންހެނުންގެ ހަށިގަނޑަށް އަންނަ ހޯމޯންގެ ބަދަލުތަކަކީ މުޅި އުމުރަށް އޭގެ ނުފޫޒު ފޯރުވާ ކަމެއް ކަމަށް ކަމާބެހޭ މާހިރުން ހާމަކުރައްވައިފިއެވެ.
މިފަދަ ބަދަލުތައް ދުރާލައި ދެނެގަތުމަކީ، ސިއްހީ އެހީތެރިކަން ހޯދުމަށާއި، ދިރިއުޅުމުގެ އާދަކާދަތައް ދުޅަހެޔޮ ގޮތަކަށް ބައްޓަންކުރުމަށް މަގުފަހިވެ، އާންމު ދިރިއުޅުމަށް ބުރޫއެރުމުގެ ކުރިން އަލާމާތްތައް ކޮންޓްރޯލް ކުރުމަށް އެހީތެރިވެދޭނެ ކަމެއްގެ ގޮތުގައި ސިއްހީ މާހިރުން ސިފަކުރައްވައެވެ.
އާންމުގޮތެއްގައި އަންހެނުންގެ ސިއްހަތާ ބެހޭގޮތުން ވާހަކަ ދެކެވެނީ ހަމައެކަނި މައްސަރު ކަންތަކާއި، ބަލިވެއިނުމާއި ނުވަތަ އިއްދައިން ކެނޑުމާ ގުޅުވައިގެންނެވެ. ނަމަވެސް، ސިއްހީ މާހިރުން ފާހަގަކުރައްވާ ގޮތުގައި، އުފަންވީއްސުރެ ފެށިގެން ބާލިޣުވުމާއި، ދަރިމައިވުމުގެ ދުވަސްވަރާއި، އިއްދައިން ވަކިވުމަށްފަހުގެ މަރުހަލާތަކުގައި ވެސް ހޯމޯންގެ ބަދަލުތަކުން އަންހެނާގެ ހަށިގަނޑަށް އަސަރު ފޯރުވައެވެ.
މި ހޯރމޯންތަކުގެ ތެރެއިން 'އެސްޓްރޯޖަން' އަކީ ހަށިގަނޑުގެ ގުނަވަންތަކަށާއި، ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް އެންމެ ބޮޑު ނުފޫޒެއް ފޯރުވާ އެއް ހޯމޯނެވެ.

ސިއްހީ މާހިރު ޕްރަޝާންތު ދެސާއީ--ފޮޓޯ/އެންޑީޓީވީ
ސިއްހީ މާހިރު ޕްރަޝާންތު ދެސާއީ ވިދާޅުވާ ގޮތުގައި، އަންހެނުންގެ ހަށިގަނޑަށް އަންނަ ހޯމޯންގެ ބަދަލުތަކަކީ ހަމައެކަނި އުމުރުގެ މަރުހަލާތަކާ ގުޅިފައިވާ ކަމެއް ނޫނެވެ. އެއީ ކޮންމެ މަހެއްގެ މައްސަރު ދައުރުގައި ވެސް ތަހައްމަލު ކުރަންޖެހޭ ބަދަލުތަކެކެވެ.
ދެސާއީ ތަފްސީލުކޮށްދެއްވާ ގޮތުގައި، އެސްޓްރޯޖަން އަކީ އަންހެނުންގެ ސިއްހަތު ކަނޑައެޅުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ހޯމޯނެވެ. ބާލިޣުވުމާއި، ބަލިވެއިނުމާއި، އިއްދައިން ވަކިވާން ކައިރިވުމާއި، އިއްދައިން ވަކިވުން ފަދަ މަރުހަލާތަކުގައި މި ހޯމޯންގެ މިންވަރަށް ބޮޑެތި ބަދަލުތަކެއް އާދެއެވެ.
ފިރިހެނުންގެ ހޯމޯންގެ މިންވަރު މުޅި އުމުރުގައި އެއްވަރެއްގައި ހިފެހެއްޓިފައި ހުރި ނަމަވެސް، އަންހެނުންގެ ހަށިގަނޑުގައި މި ބަދަލުތައް މެދުނުކެނޑި ހިނގަމުންދެއެވެ. މީގެ ސަބަބުން މިޒާޖަށާއި، ހަކަތަ ހުންނަ މިންވަރަށާއި، ހަށިގަނޑުގެ މެޓަބޮލިޒަމްއަށް ބޮޑެތި އަސަރުތަކެއް ކުރެއެވެ.
ދެސާއީ ފާހަގަކުރައްވާ ގޮތުގައި އެސްޓްރޯޖަންގެ މިންވަރަށް އަންނަ ބަދަލުތަކުގެ އެންމެ ބޮޑު ނުފޫޒެއް ފޯރަނީ ސިކުނޑިއަށެވެ. މީގެ ތެރޭގައި ހިމެނެނީ، މިޒާޖަށް އަންނަ ބަދަލުތައް، ހަނދާން ބަލިވުން، ޖަޒުބާތީ ދުޅަހެޔޮކަން، ނިދުމުގެ ފެންވަރު އަދި ނަފްސާނީ ގޮތުން ހިތްވަރުގަދަވުމެވެ.
މި ބަދަލުތަކަކީ ޖިސްމާނީ ސިއްހަތާ ސީދާ ގުޅުންހުރި ކަންކަމެވެ. އަންހެނުންގެ އުމުރުގެ ފަހު 20 ނުވަތަ 30 އަހަރު ހޭދަކުރަންޖެހެނީ ހޯމޯންއާ ގުޅުންހުރި ސިއްހީ ގޮންޖެހުންތަކާ އެކުގައެވެ. މީގެ ސަބަބުން ދުޅަހެޔޮ ސިއްހަތެއްގައި ހޭދަކުރެވޭ އުމުރު ކުރުވުމަށް މަގުފަހިވާ ކަމަށް ހެލްތު އެޑިއުކޭޓަ ޕްރަސާންތު ދެސާއީ ވިދާޅުވެފައިވެއެވެ.

އަންހެނުންގެ ސިއްހަތަށް ހޭލުންތެރިކަން އިތުރުވަމުން ދިޔަ ނަމަވެސް، އެ ކުރިއެރުން އަންނަނީ ވަރަށް ލަހުން ކަމަށް ސިއްހީ މާހިރުން ވިދާޅުވޭ--ފޮޓޯ/އެންޑީޓީވީ
އެސްޓްރޯޖަންގެ މިންވަރު ދަށްވާން ފެށުމުން ހަށިގަނޑަށް އަންނަ ބަދަލުތަކުގެތެރޭ، އިސްތަށި ފޭބުމާއި، ހަންގަނޑު ހިކުމާއި، އަނގަ ހިކުން ފަދަ ކަންކަން މެދުވެރިވެއެވެ. މީގެއިތުރުން، ހިތުގެ ވިންދު އަވަސްވުމާއި، ބަރުދަން އިތުރުވުމާއި، ކާތަކެތި ހަޖަމު ކުރުމުގެ ނިޒާމަށް ބަދަލު އައިސް ކުޑަކަމުދާ ނިޒާމަށް ދިމާވާ އުނދަގޫތައް ހިމެނެއެވެ.
ދެސާއީ ގަބޫލުކުރައްވާ ގޮތުގައި އަންހެނުންގެ ސިއްހަތަށް ހޭލުންތެރިކަން އިތުރުވަމުން ދިޔަ ނަމަވެސް، އެ ކުރިއެރުން އަންނަނީ ވަރަށް ލަހުންނެވެ. ސިއްހީ ނިޒާމުތައް ބައްޓަންވެފައި ވަނީ ފިރިހެނުންގެ ސިއްހަތަށް އިސްކަންދޭ ގޮތަށް ކަމަށާއި، އަންހެނުންގެ ހާއްސަ ހޯމޯން ބޭނުންތަކަށް ދެވޭ ސަމާލުކަން ކުޑަކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ކަމާބެހޭ މާހިރުން ބާރުއަޅުއްވަނީ ހޯމޯންއަށް އަންނަ ބަދަލުތަކަށް ކުރިއާލާ ސަމާލުވުމަށެވެ. މީގެ ސަބަބުން އެކަށީގެންވާ ސިއްހީ އިރުޝާދު ހޯދުމަށާއި، ދިރިއުޅުމުގެ ވައްޓަފާޅި ރަނގަޅުކުރުމަށް ފުރުސަތު ލިބެއެވެ.
ސިއްހީ ގޮތުން ފައިދާހުރި ކެއުމާއި، ގަވާއިދުން ކަސްރަތުކުރުމާއި، އެކަށީގެންވާ ނިދި ހޯދުމާއި، ނަފްސާނީ ފިއްތުންތައް ކުޑަކުރުމަކީ ކޮންމެ މަރުހަލާއެއްގައި ވެސް ހޯމޯންގެ ދުޅަހެޔޮކަން ހިފެހެއްޓުމަށް މުހިންމު ކަންކަމެވެ.
އަންހެނުންގެ ހޯމޯންގެ ދުޅަހެޔޮކަމަށް ސަމާލުކަން ދިނުމަކީ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، ދުޅަހެޔޮ ސިއްހަތެއްގައި އުމުރުން ދުވަސްވުމަށް އެހީތެރިވެދޭނެ ކަމެކެވެ.