ހޮލީވުޑްގެ މަޝްހޫރު ފްރެންޗައިސް "ޖުރެސިކް ޕާކް"އިން ބެލުންތެރިންގެ ސަމާލުކަން ލިބުނު ހުނަރުވެރި އެކްޓަރު ސޭމް ނީލް މަރުވެއްޖެއެވެ.
ނީލް މަރުވެފައި މިވަނީ 2023 ވަނަ އަހަރުން ފެށިގެން ލޭގެ ކެންސަރު ބައްޔަށް ފަރުވާ ހޯދުމަށްފަހު، އެ ބަލިން ފަސޭހަވިކަން މިދިޔަ އޭޕްރިލް މަހު އިއުލާނުކޮށްފައި ވަނިކޮށެވެ. އުމުރުން 78 އަހަރުގެ އެކްޓަރު މަރުވީ ރޭގެ ވަގުތެއްގައި ސިޑްނީގައެވެ.
ނީލްގެ އާއިލާއިން ސޯޝަލް މީޑިއާ މެދުވެރިކޮށް ނެރުނު ބަޔާނުގައި ބުނެފައި ވަނީ، އެކްޓަރު މަރުވިއިރު އާއިލާގެ ހުރިހާ މެމްބަރުންވެސް ނީލްގެ ގާތުގައި ތިބި ކަމަށެވެ. އެކްޓަރުގެ މަރަކީ ކުއްލި މަރެއް ނަމަވެސް، ދުނިޔެދޫކުރުއިރު އެއީ ކެންސަރު ބަލިން މިނިވަންވެފައިވާ މީހެއްގެ ގޮތުގައި އާއިލާއިން ވަނީ ސިފަކޮށްފައެވެ.

ފިލްމު "ޖުރެސިކް ޕާކް"ގެ މަންޒަރެއްގައި އެކްޓަރު ސޭމް ނީލް--ފޮޓޯ/ވެރައިޓީ
ފިލްމު "ޖުރެސިކް ޕާކް"ގައި ކުޅުނު ޑރ. އެލަން ގްރާންޓްގެ ރޯލްއިން ބެލުންތެރިންގެ ލޯބި ހޯދި އެކްޓަރުގެ މަރުގެ ޚަބަރާ އެކު ހޮލީވުޑްގެ ވަރަށް ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ހިތާމަފާޅުކޮށް ނީލްގެ ހަނދާންތައް އާ ކުރަމުންނެވެ.
ނީލް ވަނީ ފިލްމު "ޖުރެސިކް ޕާކް"ގެ ތިން ފިލްމެއްގައި މަސައްކަތްކޮށްފައެވެ. އެއީ 1993ގެ "ޖުރަސިކް ޕާކް" އާއި 2001ގެ "ޖުރަސިކް ޕާޓް 2"ގެ އިތުރުން 2022ގެ "ޖުރަސިކް ވޯލްޑް ޑޮމިނަން"އެވެ.
ނިއުޒިލެންޑަށް ނިސްބަތްވާ ނީލްގެ އެންމެ ފަހުގެ ފިލްމަކީ، 2023ގައި ރިލީޒްކުރި ކްރައިމް ތުރިލަ "ބްރިންގް ހިމް ޓު މީ"އެވެ. އޭނާގެ ކުރިއަށްހުރި ފިލްމުތަކުގެތެރޭ، އަންނަ އަހަރު ގެނެސްދޭން ހަމަޖެހިފައިވާ "ގޮޑްޒިއްލާ އެކްސް ކޮން ސުޕަނޯވާ" އާއި "ދަ ލާސްޓް ރިޒޯޓް" ހިމެނެއެވެ. ހޮލީވުޑް ފިލްމުތަކުގައި މަސައްކަތް ކުރުމުގެ އިތުރުން ނީލް އަކީ ޓެލެވިޒަން ދާއިރާގެ ގިނަ އުފެއްދުންތަކެއްގައި ވެސް އިސްކޮށް ހަރަކާތްތެރިވެފައިވާ އެކްޓަރެކެވެ.