ދުނިޔޭގެ 'ކިންގް އޮފް ޕޮޕް'ގެ ނަމުން މަޝްހޫރުކަން ހޯދި ކުޅަދާނަ މިއުޒިކީ ފަންނާނު މައިކަލް ޖެކްސަންގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފެއްދި ބަޔޮޕިކް ފިލްމު "މައިކަލް"އިން ދުނިޔޭގެ ބޮކްސް އޮފީހުގައި އެއް ބިލިއަން ޑޮލަރަށްވުރެ ބޮޑު އާމްދަނީއެއް ހޯދައި ތާރީޚުގެ ތެރެއިން ޖާގަ ހޯދައިފިއެވެ.
ފިލްމަށް ލިބުނު މި އާމްދަނީއާ އެކު "މައިކަލް"އިން ވަނީ މީގެކުރިން އެންމެ ބޮޑު އާމްދަނީއެއް ހޯދި ބަޔޯޕިކްތައް ކަމަށްވާ "ބޮހީމިއަން ރެޕްސޮޑީ" އާއި "އޮޕަންހައިމާ" ފަހަތަށް ޖައްސާލާފައެވެ.
މައިކަލް މަރުވިތާ 17 އަހަރަށްވުރެ ގިނަ ދުވަސްވެފައިވީ ނަމަވެސް އޭނާއަށް ލިބެމުން އަންނަ މަގުބޫލުކަމަށް އެއްވެސް ބަދަލެއް ނާންނަކަން އެންމެފަހުން މުގުރާލި މި ރެކޯޑުން ހާމަކޮށްދީފި ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
މައިކަލްގެ ހަޔާތާ ގުޅުންހުރި ގިނަ ވާހަކަތަކެއް ކިޔައިދިން ބަޔޮޕިކް ފިލްމު "މައިކަލް"އިން ރަސްމީކޮށް އެއް ބިލިއަން ޑޮލަރު ފަހަނައަޅައި ދިއުމަކީ، ޕޮޕް މިއުޒިކްގެ ރަސްގެފާނުގެ ނަމުން މަޝްހޫރުވި ލަވަކިޔުންތެރިޔާގެ ހަނދާންތައް މިއަދުގެ ޖީލުތަކާވެސް ގުޅިފައިވާ މިންވަރު ހާމަކޮށްދޭ ކަމެއް ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

ފިލްމު "މައިކަލް"ގެ މަންޒަރެއް--ފޮޓޯ/ވެރައިޓީ
އެއް ބިލިއަން ޑޮލަރު ފަހަނައަޅައި ދިއުމުގެ ކުރިން، މި ފިލްމު ވަނީ ބޮޑު ދެ ފިލްމެއް ފަހަތަށް ޖައްސާލައިފައެވެ. އެންމެ ފުރަތަމަ ފަހަތަށް ޖައްސާލީ 2018 ވަނަ އަހަރު ނެރުނު، ފްރެޑީ މާކަރީގެ ބަޔޯޕިކް "ބޮހީމިއަން ރެޕްސޮޑީ" (911 މިލިއަން ޑޮލަރު)އެވެ. އޭގެ ފަހުން، ކްރިސްޓޮފާ ނޯލަންގެ ކާމިޔާބު ފިލްމު "އޮޕަންހައިމާ" (977 މިލިއަން ޑޮލަރު)ގެ ރެކޯޑުވެސް މި ފިލްމުން ވަނީ މުގުރާލާފައެވެ.
މި ފިލްމުން އެންމެ ބޮޑު ކާމިޔާބީއެއް ލިބުނު އެއް ބަޔަކީ ލަޔަންސްގޭޓް ސްޓޫޑިއޯއެވެ. ހޮލީވުޑްގެ ބޮޑެތި ސްޓޫޑިއޯތަކުން މި މަޝްރޫއު ކުރިއަށް ގެންދަން ފަސްޖެހުނު ދަނޑިވަޅެއްގައި، ޔުނިވާސަލް ޕިކްޗާސް އާއި ކީނޯ ފިލްމްސްއާ ގުޅިގެން މި ފިލްމު އުފެއްދުމަށް ލަޔަންސްގޭޓުން ނިންމި ނިންމުމަކީ ވަރަށް ހިތްވަރުގަދަ އަދި އެހާމެ ކާމިޔާބު ނިންމުމަކަށް ވަނީ ވެފައެވެ. "ނިއުޔޯކް ޓައިމްސް" އިން ރިޕޯޓްކުރާ ގޮތުގައި، މިއީ މިނިވަން ސްޓޫޑިއޯއަކުން އުފައްދައި، އެއް ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ފުރަތަމަ ފިލްމެވެ.
މި ފިލްމުގައި މައިކަލް ޖެކްސަންގެ ފަންނީ އަދި އަމިއްލަ ދިރިއުޅުމުގެ ކުރިއެރުންތަކުގެ އިތުރުން، އޭނާގެ އާއިލީ ގުޅުންތަކާއި، ކުރިމަތިލާންޖެހުނު ގޮންޖެހުންތަކާއި، ކާމިޔާބީއަށް ކުރި ދަތުރު ވަރަށް ފުރިހަމައަށް ދައްކުވައިދެއެވެ. ޒުވާން ދުވަސްވަރުގެ މައިކަލްގެ ރޯލު ކުޅެފައި ވަނީ އޭނާއަށް ބޮޑުބޭބެ ކިޔާ ޖާފަ ޖެކްސަންއެވެ. މައިކަލްގެ ކުޑައިރުގެ ރޯލު ކުޅެފައިވަނީ ޖޫލިއާނޯ ކްރޫ ވަލްޑީއެވެ.
ރޮޓެން ޓޮމާޓޯސްގައި ފާޑުކިޔުންތެރިންގެ ފަރާތުން ފިލްމަށް 40 އިންސައްތައިގެ ސްކޯއެއް ލިބުނުއިރު ފިލްމު ބެލި ގިނަ ބެލުންތެރިންގެ ސްކޯ އުޅެނީ 97 އިންސައްތައިގައެވެ.