ރައީސާ ބައްދަލުކުރަން އެދޭ އާންމުން ނަން ނޯޓުކުރަން ހުޅުވައިލައިފި، ލިބެނީ 10 މިނެޓު

ރައީސް، ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން: ރައީސާ ވަކިން ބައްދަލުކުރަން އެދޭ އާންމުންނަށް އެ ފުރުސަތު ވަނީ ހުޅުވައިލައިފައި --- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުޙައްމަދު މުޢިއްޒާ ބައްދަލުކުރަން އެދޭ އާންމުންނަށް އެ ފުރުސަތު މިއަދު ހުޅުވައިލައިފިއެވެ.

ރައީސް އޮފީހުން ބުނީ، އާންމުން ރައީސާ ބައްދަލުކުރުމުގެ ފުރުސަތު ފުޅާކުރުމުގެ ފުރުސަތުގައި ފަށާ "ރައްޔިތުންގެ އަޑު"ގައި ބައިވެރިވާން ހުޅުވާލީ މިއަދު ކަމަށެވެ.

އެ އިދާރާއިން ބުނީ، ރާއްޖޭގެ އިންތިޚާބީ 93 ދާއިރާގެ ތެރެއިން އެންމެ ފުރަތަމަ ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލަނީ ހުޅުމާލެ އުތުރު ދާއިރާއާއި ހުޅުމާލެ މެދު ދާއިރާއާއި އައްޑޫ ހުޅުދޫ ދާއިރާއާއި ހޯރަފުށި ދާއިރާގެ ރައްޔިތުންނަށް ކަމަށެވެ.

މި ބައްދަލުވުމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ޚާއްސަ ޕޯޓަލެއް މެދުވެރިކޮށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލައިފައިވަނީ މި ހަފުތާގެ ބުދަ ދުވަހުގެ ދަންވަރު 12 ޖެހުމާ ހަމައަށެވެ.

މި ބައްދަލުވުމުގެ އުސޫލުގައިވާ ގޮތުން، އެހެން ގޮތަކަށް ނާންގާހާ ހިނދަކު ބައްދަލުވުންތައް އޮންނާނީ ރައީސް އޮފީހުގައެވެ. މި ބައްދަލުވުމުގައި ބައިވެރިވެވޭނެ ރައްޔިތުންގެ ތަރުތީބާއި ބައްދަލުވުން ބާއްވާނެ އަދަދާއި ވަގުތުތައް ވެސް ކަނޑައަޅާނީ ރައީސް އޮފީހުންނެވެ.

ބައްދަލުވުމުގައި ބައިވެރިވާން އެދޭ ފަރާތްތަކަށް މި އުސޫލުގެ ދަށުން ވާހަކަ ދައްކަން ބޭނުންވާ މައުޟޫއު ހާމަކުރުން ނުވަތަ ނުކުރުމުގެ އިޚްތިޔާރު ލިބިގެންވެއެވެ. މި ބައްދަލުވުމުގައި ބައިވެރިވާ އާންމުންނަށް އަމިއްލަ ވާހަކައާއި ދާއިރާގެ ކަންބޮޑުވުންތަކާއި އާންމުންގެ މަސްލަހަތު އެކުލެވޭ ކަންކަމުގެ ވާހަކަ ދެއްކޭނެއެވެ.

މި ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކަށް ދެވޭނީ ވާހަކަދައްކަން ގިނަވެގެން 10 މިނެޓެވެ. ބައްދަލުވުމުގައި ދެކެވޭ ވާހަކަތައް އަމިއްލައަށް ރިކޯޑުކުރުމަކީ މަނާ ކަމެކެވެ.

މިދިޔަ ޖޫން މަހުގެ 25ވަނަ ދުވަހު ރައީސް ވަނީ، ވަކިވަކި ދާއިރާތަކުން ސީދާ އެމަނިކުފާނާ ވަކިވަކީން ބައްދަލުކުރައްވައިގެން ވާހަކަދެއްކުމުގެ ފުރުސަތު ފަހިވާ ފަދަ ޕްރޮގްރާމެއް ދާދި އަވަހަށް ފައްޓަވާނެކަން އިއުލާނުކުރައްވައިފައެވެ.

ފާހަގަކުރެވޭ ގޮތުގައި މިދިޔަ އަހަރު ރައީސް ވަނީ ރަށްރަށަށް ޒިޔާރަތްކުރައްވައި އެ ރަށްރަށުގެ ކައުންސިލުތަކާ ބައްދަލުކުރައްވައިފައެވެ. މީގެ އިތުރުން މާލޭގެ އެކި އަވަށްތަކުގެ ރައްޔިތުންނާވެސް ބައްދަލުކުރެއްވިއެވެ.

comment ކޮމެންޓް