ޓެލްއަވީވު (13 ޖުލައި 2026) : އެމެރިކާގެ ސިޔާސަތު މިހާރުހުރިގޮތުން އީރާނުގެ ނިއުކްލިޔާ މައްސަލަ އަތްދަށުން ހިނގައިދާނެކަމަށް ބުނެ ޔަހޫދީ އިސްރާއީލު ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އިސްރާއީލުގެ އިސްވެރިންނާ ހަވާލާދީ އެ ގައުމުގެ ނޫހެއްކަމަށްވާ "ހާއާރެޓްސް" އިން ބުނިގޮތުގައި އެމެރިކާ އީރާންއާ ހަނގުރާމަ ކުރަނީ އީރާނުގެ ކޮންޓްރޯލްގެ ދަށުން ހުރުމުޒު ކަނޑުއޮޅި މިނިވަން ކުރުމަށާ އެކަންވެސް އެމެރިކާއަށް ނުވެގެން އުޅޭއިރު އީރާނުގެ ނިއުކްލިޔާ މައްސަލަ ދެން ބަލާނީ ކިހިނެތްކަމާމެދު އިސްރާއީލު ވަނީ ކަންބޮޑުވެފައެވެ.
އިސްރާއީލަށް ލަފާކުރެވޭގޮތުގައި އީރާނުގެ ބޭނުމަކީ ވެސް މިއެވެ. ހުރިހާ މައްސަލައަކީ ހުރުމުޒު ކަމަށް ހެދުމެވެ. ހުރުމުޒު ހުޅުވާނީ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުންކަމަށް ބުނެ ބާގެއިން ކުރުމެވެ. ހުރުމުޒު ހުޅުވުމުން ދަތިކުރުމުގެ ފިޔަވަޅުތައް އުވާލާގޮތަށް ނިންމައިފިނަމަ ދެން އީރާނުގެ ކިބައިން އެމެރިކާއަށް އެއްވެސް ކަމެއް ހާސިލް ނުކުރެވޭނެކަމަށާ އީރާން އެއަށްވުރެ ހަރުކަށިވެފައި ގޮތްދޫނުކުރާނެކަމަށް އިސްރާއީލުގެ އިސްވެރިންނާ ހަވާލާދީ "ހާއާރެޓްސް" ބުނެފައިވެއެވެ.
އިންޓަނޭޝަނަލް އެޓަމިކް އެނާޖީ އެޖެންސީ ބުނާގޮތުން އީރާނުން 60 އިންސައްތައަށް ފައްކާކޮށްފައިވާ ޔޫރޭނިޔަމް އެގައުމުގައި ސަލާމަތުން އެބަހުއްޓެވެ. ނަމަވެސް އެހުރީކޮންތަނެއްގައި ކަމެއް އެއެޖެންސީއަކަށް ނޭންގެއެވެ.
އިސްރާއީލުގެ ބޭނުމަކީ މުޅި މެދުއިރުމަތީގައި ނިއުކްލިޔާ ބާރެއްގެ ގޮތުގައި އެހެން ގައުމުތަކަށް ބިރުދެއްކޭ ހާލަތުގައި ހަމައެކަނި އިސްރާއީލު އޮތުމެވެ. އިސްރާއީލު އެމެރިކާއާ ގުޅިގެން އީރާނުގެ ނިއުކްލިޔާ މަރުކަޒުތަކަށް ބޮން އެޅީ ވެސް މިބޭނުމުގައެވެ. ނަމަވެސް އީރާނުގެ ނިއުކްލިޔާ ޓެކްނޮލޮޖީގެ ހައްސާސް މަރުކަޒުތައް ހުރިކަމަށް ރިޕޯޓްތައް ބުނަނީ އެމެރިކާއަށްވެސް ހަލާކުކޮށް ނުލެވޭ ވަރުގެ އަޑީގައިވާ ބިންގަރާސްތަކެއްގައެވެ.
އީރާންވަނީ އެގައުމުގެ ނިއުކްލިޔާ މަރުކަޒުތަކަށް އިންޓަނޭޝަނަލް އެޓަމިކް އެނާޖީ އެޖެންސީ ގެ އިނިސްޕެކްޓަރުން ވަނުން މަނާކޮށްފައެވެ. އެއީ އެއެޖެންސީއަށް އީރާނުން އިތުބާރު ނުކުރާތީއެވެ. އެއެޖެންސީން އެމެރިކާއާއި އިސްރާއީލަށް ޖާސޫސުކޮށްދޭކަމަށް ތުހުމަތުކޮށްފައެވެ.
މިހާރު ކަންތައްތައް ދާގޮތުން އީރާނުގެ ބޭނުމަކީ އެގައުމާއި އެމެރިކާއާ ދެމެދުގައިވާ މައްސަލަތައް ހައްލުކުރުމުގެ އަސާސަކަށް ހުރުމުޒު ކަނޑުއޮޅި ހެދުންކަމަށް އިސްރާއީލު ތުހުމަތުކުރާއިރު އީރާންވަނީ ހުރުމުޒު ކަނޑުއޮޅީގެ ކޮންޓްރޯލް ދޫކޮށްނުލާނެކަމަށް ބުނެފައެވެ. އެތަނުގެ ކޮންޓްރޯލް ދޫކޮށްލަންޏާ ދޫކޮށްލާނީ އީރާނާއި އެމެރިކާއާ ދެމެދުގައިވާ ހުރިހާ މައްސަލަތަކެއް ހައްލުކުރުމުގެ ދާއިމީ އެއްބަސްވުމެއްގެ ދަށުންކަމަށް އީރާނުގެ މަސްއޫލުވެރިންވަނީ ވިދާޅުވެފައެވެ.
އީރާން ބުނެފައިވާ ގޮތުގައި އެމެރިކާ އުޅުނީ އީރާން އާއެކު ވަގުތީ އެމްއޯޔޫ އެއްގައި ސޮއިކޮށްގެން އޮޅުވާލުމެއްގެ ތެރެއިން ހުރުމުޒު ކަނޑުއޮޅީގެ ތެރެއިން އުމާން ސަރަހައްދުން އީރާނަށް ބާރު ނުފޯރާނެ އިތުރު ކޮރިޑޯއެއް އުފެއްދުމަށެވެ. ނަމަވެސް ބާރުގެ ބޭނުންކޮށްގެން އީރާން ވަނީ އެކަން ހުއްޓުވައިފައެވެ. އުމާން ސަރަހައްދުން ހުރަސްކުރާ ބޯޓުތަކަށްވެސް އީރާން ގެންދަނީ ހަމަލާދީ އެކަން ހުއްޓުވަމުންނެވެ.
ރިޕޯޓްތައް ބުނާގޮތުން އާންމުކޮށް 120 ވަރަކަށް ބޯޓު ހުރަސްކުރާ ހުރުމުޒުން އިއްޔެ ހުރަސްކުރީ ހަ ބޯޓެކެވެ. އޭގެތެރެއިން ދެ ބޯޓަކީ އީރާނުގެ ދެބޯޓެވެ. އަނެއް ހަތަރު ބޯޓަކީ އީރާނުގެ ހުއްދަ ލިބިގެން ހުރަސްކުރި ބޯޓުތައްކަމަށް ވެއެވެ. ހުރަސްކުރީ އީރާނަށް ފީ ދައްކައިގެން ކަން ނުވަތަ ނޫންކަން ހާމަވެފައެއް ނުވެއެވެ.
އީރާންވަނީ ހުރުމުޒު ކަނޑުއޮޅި ބަންދުކުރިކަން އިއްޔެ ރަސްމީކޮށް އިއުލާންކޮށްފައެވެ. މިއާއެކު އެމެރިކާ ގެންދަނީ އީރާނުގެ އެކި ސަރަހައްދުތަކަށް ވަރުގަދައަށް ހަމަލާތައް ދެމުންނެވެ. ރައްދުގައި އީރާންވެސް ގެންދަނީ ގަލްފާއި މެދުއިރުމަތީގެ އެހެން ގައުމުތަކުގައިވާ އެމެރިކާގެ މަރުކަޒުތަކަށް ހަމަލާތައް ދެމުންނެވެ.