"ހިތަދޫ-ކުނަހަންދޫ ކޯޒްވޭގެ މަސައްކަތް އެދޭ ސްޕީޑުގައެއް ނުގެންދެވޭ، އެކަމަކު 2028އަށް ނިންމޭނެ"

މަޖިލީހުގެ ޖަލްސާގައި އިންފްރަސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއަތޮލިބްމުއްތަލިބު: މިނިސްޓަރު ވަނީ ހިތަދޫ-ކުނަހަންދޫ ކޯޒްވޭގެ މަސައްކަތް އެދޭ ސްޕީޑުގައި ނުގެންދެވޭ ކަމަށް ވިދާޅުވެފަ --- ފޮޓޯ: މަޖިލިސް

ލ. ހިތަދޫ ކުނަހަންދޫ ކޯޒްވޭގެ މަސައްކަތް ކުރިއަށް ދަނީ އެންމެ އެދެވޭ ސްޕީޑުގައި ނޫންކަމަށާއި، މަސައްކަތް ކުރަނީ އެ މަސައްކަތް އަންނަ 2028 ވަނަ އަހަރުގެ މެދުތެރޭގައި ނިންމައި ރައްޔިތުންނަށް މަގު ބޭނުންކުރެވޭނެ ގޮތް ހެދުން ކަމަށް ހައުސިން އެންޑް އިންފްރަސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އެފަދައިން ވިދާޅުވީ މިއަދުގެ މަޖިލީހުގައި ހިތަދޫ-ކުނަހަންދޫ ކޯޒްވޭ މަސައްކަތާ ގުޅޭ ގޮތުން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ ލ. ހިތަދޫ ކުނަހަންދޫ ކޯޒްވޭއަކީ 22 ޖެނުވަރީ 2023ގައި ސޮއިކުރެވި އެމްޓީސީސީއިން ދޭއް ސެޕްޓެމްބަރު 2023ގައި މެޝިނަރީޒްއާއެކު މޮބިލައިޒްކޮށްފައި އޮތްކަމަށް ރިޕޯޓުތަކުން ފެންނަން އޮތް މަޝްރޫއެއް ކަމަށެވެ. އޭރު މަސައްކަތް ފަށާފައި ވަނީ ސާވޭއާއި ބޯހޯލް އިންވެސްޓިގޭޝަންގެ މަސައްކަތް ނަމަވެސް އެ މަސައްކަތް ވެސް އެކަށީގެންވާ ގޮތަށް ކުރިއަށް ނުގެންދެވި އެ މަޝްރޫގެ އަމަލީ މަސައްކަތް ފަށާފައި ވަނީ މި ސަރުކާރުގައި ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރު ވިދާޅުވީ ޖިއޯ ޓެކްނިކަލް އިންވެސްޓިގޭޝަނާއި ސާވޭގެ މަސައްކަތް ނިންމާ ޑިޒައިނަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، ޑީޓެއިލް ޑިޒައިންތައް އެޕްރޫވްކޮށް އަމަލީ މަސައްކަތް ފަށާފައި ވަނީ 20 އޮކްޓޯބަރު 2025ގައި ކަމަށެވެ.

މިއީ 81 މިލިއަން ރުފިޔާއަށް 500 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއެއް ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މުއްތަލިބު ވިދާޅުވީ ކޮންޓްރެކްޓަރުގެ ސްކޯޕުގައިވާ ގޮތުން، 390 މީޓަރުގެ ރިވެޓްމެންޓަކާއި 157.5 މީޓަރުގެ ދިގު ބުރިޖެއްގެ އިތުރުން 714 މީޓަރުގެ ދިގު މަގެއް ހަދާނެ ކަމަށެވެ. އަދި މިހާރު މަސައްކަތް ކުރަމުންދާ ގޮތަށް ބަލާއިރު، ބުރިޖުގެ މަސައްކަތަށް ބޭނުންވާ އެލް ބްލޮކްތައް، ބަލްކްކޮށް ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

އެހެންނަމަވެސް އަޅުގަނޑު ވެސް ގަބޫލުކުރަން އިއްޒަތްތެރި މެމްބަރުވެސް ވިދާޅުވި ފަދައިން، މަސައްކަތް ހަގީގަތުގައި ބޭނުންވާހާ، އަޅުގަނޑުމެން އެދޭހާ ސްޕީޑިގައެއް ނޫން ކުރިއަށް ދަނީކީ. އެހެންނަމަވެސް އަޅުގަނޑުމެން މަސައްކަތް ކުރަމުން މި ގެންދަނީ 2028 ވަނަ އަހަރުގެ މެދުތެރެއަށް ދާއިރު، މަސައްކަތް ނިންމާ ރައްޔިތުންނަށް މަގު ބޭނުންކުރެވޭނެ ގޮތް ހެދުން، އިންފްރަސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު

މިނިސްޓަރު ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ކުރީ ސަރުކާރުން ސޮއިކޮށްފައިހުރި 40 ވަރަކަށް ބިލިއަން ރުފިޔާގެ މަޝްރޫތައް ހުރިކަމަށެވެ. މި ސަރުކާރުން ވެސް ވެރިކަމަށް އައީ މެނިފެސްޓޯއަކާއެކު މަޝްރޫތައް ހިންގުމަށް ރައްޔިތުންނަށް ވައުދުތަކެއް ވެގެން ނަމަވެސް ރައީސްގެ ނިންމެވުމަކަށްވީ ކުރީ ސަރުކާރުން ސޮއިކޮށްފައި ހުރި މަޝްރޫތަކަށް ވުމުން އެކަންކަން ވެސް ކުރިއަށް ގެންގޮސް ސަރުކާރުގެ އެޖެންޑާ ވެސް ކުރިއަށް ގެންދިއުމަށް ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މިއީ ވަރަށް ހައްސާސް ކަމެއް ކަމަށާއި ދައުލަތުގެ ފައިސާއިން ކުރީ ސަރުކާރުން ސޮއިކޮށްފައި ހުރި ހުރިހާ މަސައްކަތްތަކާއި މި ސަރުކާރުގެ އެޖެންޑާ ވެސް ކުރިއަށް ގެންދަން ޖެހޭކަމަށް މުއްތަލިބު ވިދާޅުވިއެވެ. އެގޮތަށް ކަންކަން ކުރިއަށް ގެންދާއިރު ކުރަން ޖެހެނީ ވަރަށް ވިސްނައިގެން ކަމަށާއި މައްސަލަތައް އުޅުމާއި ލަސްތައް އައުން އެކަށީގެންވާކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ހަމައެއާއެކު ސަރުކާރުން މަސައްކަތް ކުރަނީ އޭރު ސޮއިކޮށްފައި ހުރި ހުރިހާ މަޝްރޫއެއް ވެސް ކުރިއަށް ގެންދިއުމާއެކު މި ސަރުކާރުގެ އެޖެންޑާ ވެސް ކުރިއަށް ގެންދިއުން ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް