ކުޑަކުއްޖަކަށް ފާރަލައި، ގޯނާކުރި ކަމުގެ ތުހުމަތުގައި ޓީވީ އެކްޓަރު ރޯހިތު ޗަންދޭލް ހައްޔަރުކޮށްފި

އިންޑިއާގެ ޓެލެވިޒަން އެކްޓަރު ރޯހިތު ޗަންދޭލް--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

ކުޑަކުއްޖަކަށް ފާރަލައި، ގޯނާކުރި ކަމުގެ ތުހުމަތުގައި އިންޑިއާގެ ޒުވާން ޓެލެވިޒަން އެކްޓަރު ރޯހިތު ޗަންދޭލް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މިދިޔަ މަހު ސްޓާޕްލަސްއިން ދައްކަންފެށި ޑްރާމާ ސިިލްސިލާ "ސައިރާބް"ގެ އެކްޓަރު ހައްޔަރުކުރުމާ އެކު އޭނާ ވަނީ ކުށަށް އިއުތިރާފުވެފައި ކަމަށް މުމްބާއީ ފުލުހުންނާ ހަވާލާދީ ރިޕޯޓުތަކުން ބުނެއެވެ.

ތިރީސް އަހަރުގެ ރޯހިތު ޗަންދޭލް، ހައްޔަރުކުރީ އޭނާއާ އެކު މަސައްކަތްކުރާ 16 އަހަރުގެ އަންހެން ކުއްޖަކަށް ފާރަލައި، ފުރައްސާރަކޮށް، އަނިޔާކުރި ކަމަށް ބުނެ އެ ކުއްޖާ ހުށަހެޅި ޝަކުވާއަކާ ގުޅިގެންނެވެ.

"ކާޝީބާއި ބާޖީރާއޯ ބައްލާލް" އަދި "ޕާންޑިޔާ ސްޓޯ" ފަދަ ސިލްސިލާތަކުން މަގުބޫލުކަން ހޯދާފައިވާ މި އެކްޓަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ މިދިޔަ ހުކުރު ދުވަހެވެ. ކުޑަކުއްޖާގެ ޝަކުވާއަށް ބިނާކޮށް، ފުލުހުން ވަނީ ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާއިން ރައްކާތެރިކޮށްދޭ ގާނޫނު (ޕޮކްސޯ) އާއި ބާރަތިޔާ ނިޔާޔާ ސަންހިތާ (ބީއެންއެސް)ގެ ކަމާގުޅޭ މާއްދާތަކުގެ ދަށުން އޭނާއާ ދެކޮޅަށް މައްސަލަ ރަޖިސްޓްރީކޮށްފައެވެ. މި މައްސަލަ މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ރޯހިތު އެންމެފަހުން ބެލުންތެރިންނަށް ފެނުނު ސްޓާޕްލަސްގެ ޑްރާމާ ސިލްސިލާ "ސައިރާބް"ގެ މަންޒަރެއް--ފޮޓޯ/ޒޫމް

"ޓައިމްސް އޮފް އިންޑިއާ"އަށް މައުލޫމާތު ދެއްވަމުން މުމްބާއީގެ ގަޓްކޯޕަ ފުލުސް ސްޓޭޝަންގެ ސީނިއާ ޕީއައި ވިއްތަލް ލަކްޝްމަން އާރްދޭކަރް ވިދާޅުވީ، ރޯހިތު ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އޭނާ ޖަލު ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައި ކަމަށެވެ.

އެ އަންހެން ކުއްޖާއަށް ފާރަލަމުންދިޔަ ކަމަށް ރޯހިތު އިންކާރު ނުކުރާ ކަމަށާއި، އަންހެން ކުއްޖާއާ ބައްދަލުކުރަން ދިޔަ ކަމަށް ރޯހިތު އިއުތިރާފުވެފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. އަނިޔާ ލިބުނު ކުއްޖާއަކީ ކުޑަކުއްޖަކަށް ވާއިރު، އެ ދެ މީހުންނަކީ އެކުގައި މަސައްކަތްކުރި ދެ އެކްޓަރުންނެވެ.

އެ ކުއްޖާ ހުށަހެޅި ޝަކުވާގައި ބުނެފައިވަނީ، ދެ މީހުންގެ ގުޅުން ހުއްޓާލުމަށް ތަކުރާރުކޮށް އެދި، ރޯހިތުގެ ނަންބަރު ބްލޮކް ކުރުމުންވެސް، ރޯހިތުގެ އަމިއްލަ ނަންބަރުގެ އިތުރުން އެކި އެކި އެހެން ނަންބަރުތަކުން ގުޅައި އޭނާއާ މުއާމަލާތް ކުރަން މަސައްކަތް ކުރި ކަމަށެވެ. އަދި މި މަހުގެ ފަސް ވަނަ ދުވަހު، އޭނާ ދިރިއުޅޭ އިމާރާތް ކައިރިން ރޯހިތު އޭނާއާ ކުރިމަތިލައި، ފަހަތުން ގޮސް، ޒުވާބުކޮށް، ހުތުރު ބަހުން މުއާމަލާތްކޮށް، އޭނާގެ ގައިގައި ތަޅައި އަނިޔާކުރި ކަމަށްވެސް އެ ކުއްޖާ ތުހުމަތުކޮށްފައިވެއެވެ.

ރޯހިތު ޓެލެވިޒަން އިންޑަސްޓްރީއަށް ތައާރަފުވީ 2014 ވަނަ އަހަރު "ބިގް މެޖިކް"ގެ ޝޯއެއް ކަމަށްވާ "ހަރް މުޝްކިލް ކާ ހަލް އަކްބަރު ބިރުބަލް" އިންނެވެ. މި ދާއިރާއިން ފުރުސަތު ހޯދުމަށް އޭނާ ވަނީ 90 އަށްވުރެ ގިނަ އޮޑިޝަންތަކުގައި ބައިވެރިވެ، ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާފައެވެ.

comment ކޮމެންޓް