އާމިރު އަދި ޑައިރެކްޓަރު ކަބީރު ޚާން ގުޅިގެން ތާރީޚީ ވާހަކައެއް ސްކްރީނަށް ގެނެސްދެނީ

އިންޑިއާގެ އެކްޓަރު އާމިރު ޚާން -- ފޮޓޯ/ ބޮލީވުޑްހަންގާމާ

މީގެ ތިން އަހަރު ކުރިން އިންޑިއާގެ އުއްތަރަޚާންދުގައި ހިނގި ޓަނަލް ހާދިސާއިން ސަލާމަތްވި 41 މަސައްކަތްތެރިންގެ ވާހަކައަށް ބިނާކޮށް ފިލްމެއް އުފައްދަން ނިންމާފައިވާކަން އިންޑިއާގެ ކުޅަދާނަ އެކްޓަރު އަދި ފިލްމު ޕްރޮޑިއުސަރު އާމިރު ޚާން އިއުލާނުކޮށްފިއެވެ.

މަގުބޫލު ފިލްމު "ބަޖްރަންގީ ބައިޖާން" އަދި "އެކްތާ ޓައިގާ" ގެނެސްދިން ކަބީރު ޚާން ޑައިރެކްޓްކުރާ މި ފިލްމުގެ ނަމަކީ، "ސިލްކިޔާރާ 41"އެވެ. މި ފިލްމަކީ އާމިރު ޚާން ޕްރޮޑަކްޝަންސް އާއި އޮސްޓްރޭލިއާގެ މައިންޑް ބްލޯވިން ފިލްމްސް އަދި ކަބީރު ޚާން ފިލްމްސް ގުޅިގެން އުފައްދާ ފިލްމެކެވެ.

އުއްތަރަޚާންދުގެ ސިލްކިޔާރާ ޓަނަލްގެ ތެރޭގައި ތާށިވި 41 މަސައްކަތްތެރިން ސަލާމަތްކުރުމަށް ހިންގި އޮޕަރޭޝަނުގެ މައްޗަށް ބިނާކޮށް ތައްޔާރުކުރާ މި ފިލްމުގެ ސްކްރީންޕްލޭ ތައްޔާރުކުރަނީ "ދަ ވޯޓާ ޑިވައިނާ" ފަދަ މަޝްހޫރު ފިލްމުތައް ލިޔެފައިވާ އޮސްޓްރޭލިއާގެ ސްކްރީން ރައިޓަރު އެންޑްރޫ އެނަސްޓޭސިއޯސް އެވެ.

މި ފިލްމުގައި ދައްކުވައި ދޭނީ ދެ ހަފުތާ އަށްވުރެ ގިނަ ދުވަހު ޓަނަލް ތެރޭގައި ތާށިވެފައި ތިބި މަސައްކަތްތެރިން ސަލާމަތްކުރުމަށް ކުރި ނުރައްކާތެރި އަދި ކާމިޔާބު މަސައްކަތްތަކެވެ.

ޑައިރެކްޓަރު ކަބީރު ޚާން -- ފޮޓޯ/ މިޑް-ޑޭ

މީގެ އިތުރުން، މި އޮޕަރޭޝަނުގައި މުހިންމު ދައުރެއް އަދާކުރި އޮސްޓްރޭލިއާގެ ޓަނަލް އެކްސްޕާޓް އާނޯލްޑް ޑިކްސްގެ ހިއްސާވެސް މި ފިލްމުން ދައްކުވައިދޭނެއެވެ. އޭނާއަކީ މި މިޝަންގައި ބައިވެރިވި ބައިނަލްއަގުވާމީ ޓީމުގެ ތެރެއިން، މަސައްކަތްތެރިން ސަލާމަތްކުރުމުގެ މަސައްކަތްތައް ރޭވުމާއި ތަންފީޒުކުރުމުގައި އިސްކޮށް އުޅުނު ފަރާތެކެވެ.

"ސިލްކިޔާރާ ޓަނަލްގެ މި ހާދިސާއަކީ އަހަރެންގެ ހިތަށް ވަރަށް ބޮޑަށް އަސަރުކުރި ކަމެއް. މިއީ އުންމީދު ކެނޑިފައިވާ ދަނޑިވަޅެއްގައި ވެސް ދެއްކި ހިތްވަރާއި، ކެތްތެރިކަމާއި، އިންސާނިއްޔަތު ކަމުގެ މިސާލެއް. އިންޑިއާ އާއި އޮސްޓްރޭލިއާގެ ގުޅުން އާ ހަރުފަތަކަށް ދިޔަ ތާރީޚީ ދުވަހެއްގައި މިކަން އިއުލާނުކުރެވުމަކީ ލިބޭ ބޮޑު އުފަލެއް،" މި މަޝްރޫއު އިއުލާނުކުރަމުން އާމިރު ބުނެފައިވެއެވެ.

ޑައިރެކްޓަރު ކަބީރު ޚާން ބުނި ގޮތުގައި، މި ހާދިސާ އަކީ ފަހުގެ ތާރީޚެއްގައި ހިނގި އެންމެ ފާހަގަކޮށްލެވޭ އިންސާނީ ވާހަކަތަކުގެ ތެރެއިން ވާހަކައެކެވެ. އޭނާ މި މަޝްރޫއަށް ޝައުގުވެރިވީ، އެކަމުގައި ހިމެނޭ އިންސާނީ އިހުސާސްތަކާއި، އާއިލާތަކުން ކުރި އިންތިޒާރާއި، އެންމެން ގުޅިގެން ކުރި ބުރަ މަސައްކަތުގެ ސަބަބުން ކަމަށް ވަނީ ބުނެފައެވެ.

ނޮވެމްބަރު 2023ގައި އުއްތަރްކާޝީ ޑިސްޓްރިކްޓްގައި ހަދަމުންދިޔަ ސިލްކިޔާރާ-ބަރްކޮޓް ޓަނަލްގެ ބައެއް ބިމާ ހަމަވެ، 41 މަސައްކަތްތެރިން ތާށިވިއިރު، އިންޑިއާގެ އެކި އިދާރާތަކާއި ބައިނަލްއަގުވާމީ މާހިރުން ގުޅިގެން 17 ދުވަސް ވަންދެން ހިންގި މި ނުރައްކާތެރި އޮޕަރޭޝަން ކާމިޔާބުކޮށް، ހުރިހާ މަސައްކަތްތެރިން ސަލާމަތުން ވަނީ ނެރެފައެވެ.

މި ފިލްމު އިއުލާނުކޮށްފައި ވަނީ މެލްބަންގައި ބޭއްވުނު އިންޑިއާ-އޮސްޓްރޭލިއާގެ ތިންވަނަ އަހަރީ ސަމިޓަށްފަހު، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކޮށްފައިވާ ދަނޑިވަޅެއްގައެވެ.

comment ކޮމެންޓް