ސޯޝަލް ނެޓްވޯކް 'ލެޓަބޮކްސްޑް' ގަންނަން ނެޓްފްލިކްސް އާއި ސޮނީން މަޝްވަރާކުރަނީ

މަގުބޫލު ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ 'ލެޓަރބޮކްސްޑް'ގެ ލޯގޯ ދައްކުވައިދޭ ފޮޓޯއެއް--ފޮޓޯ/ޓެލެގްރާފްއިންޑިއާ

ފިލްމުތަކަށް ލޯބިކުރާ ފަރާތްތަކުގެ މެދުގައި މަގުބޫލު ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ 'ލެޓަބޮކްސްޑް' ވިއްކާލުމުގެ މަޝްވަރާތައް ފަށާފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މި ޕްލެޓްފޯމް ގަތުމަށް ޝައުގުވެރިވާ ފަރާތްތަކުގެ ތެރޭގައި, ދުނިޔޭގެ މުނިފޫހިފިލުވުމުގެ ދާއިރާގެ ބޮޑެތި ކުންފުނިތައް ކަމަށްވާ ނެޓްފްލިކްސް އާއި ސޮނީ އަދި ޕެރަމައުންޓް ސްކައިޑާންސް ފަދަ ކުންފުނިތައް ހިމެނޭ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

ދެހާސް އެގާރަ ވަނަ އަހަރު ނިއުޒީލެންޑްގައި އުފެއްދި މި ކުންފުނި ގަތުމަށް ޝައުގުވެރިވާ ފަރާތްތަކާ އެކު ވޭތުވެދިޔަ މަސްތަކުގައި މުހިއްމު މަޝްވަރާ ބައްދަލުވުންތަކެއް ބާއްވާފައިވާއިރު، މިހާރު މި ކުންފުނީގެ 60 އިންސައްތަ ހިއްސާ އޮންނަނީ ކެނެޑާގެ "ޓައިނީ" ނަމަކަށް ކިޔާ ކުންފުންޏެއްގެ އަތުގައެވެ. އެ ކުންފުނިން މި ހިއްސާ 2023 ވަނަ އަހަރު ގަނެފައިވަނީ 50 އާއި 60 މިލިއަން އެމެރިކާ ޑޮލަރާ ދެމެދުގެ އަގަކަށެވެ. ބާކީ 40 އިންސައްތަ ހިއްސާ އޮންނަނީ މި ޕްލެޓްފޯމް އުފެއްދި މެތިއު ބުކާނަން އާއި ކާލް ފޮން ރެންޑޯގެ އަތުގައެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ އެކި މަސްދަރުތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ނެޓްފްލިކްސްގެ އިތުރުން ސޮނީ ޕިކްޗާސް އެންޓަޓެއިންމަންޓް، ޕެރަމައުންޓް ސްކައިޑާންސް، ރެޑްބާޑް ކެޕިޓަލް ޕާޓްނާސް އަދި ރެޑިޓްގެ ކޯ-ފައުންޑަރު އެލެކްސިސް އޮހޭނިއަންގެ "ސެވަން ސެވަން ސިކްސް" އިންވެސް ވަނީ މި ކުންފުނި ގަތުމަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ.

'ލެޓަރބޮކްސްޑް' ގަންނަން ނެޓްފްލިކްސް އާއި ޕެރަމައުންޓް ސްކައިޑާންސް ފަދަ ޕްލެޓްފޯމްތަކުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފައި--ފޮޓޯ/ޓެލެގްރާފްއިންޑިއާ

މިކަމާ ގުޅޭގޮތުން ލެޓަބޮކްސްޑްގެ ތަރުޖަމާނަކު ބުނެފައިވަނީ، ކުންފުނި ކުރިއަރަމުންދާ ވަރަކަށް މިފަދަ ޝައުގުވެރިކަން އެކި ފަރާތްތަކުން ފާޅުކުރުމަކީ ވެދާނެ ކަމެއް ކަމަށެވެ. ނަމަވެސް، މި ވަގުތު ވަކި ސީދާ ނިންމުމެއް ނިންމާފައި ނުވާ ކަމަށާއި، ކުންފުނީގެ މުސްތަގުބަލާ މެދު ގޮތެއް ނިންމާނީ އޭގެ ހަގީގީ މިލްކުވެރިންގެ ބައިވެރިވުމާ އެކުގައި ކަމަށް އޭނާ ވަނީ ފާހަގަކޮށްފައެވެ.

މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ލެޓަބޮކްސްޑް ބޭނުންކުރާ މީހުންގެ އަދަދު 30 މިލިއަނަށް އަރާފައިވާއިރު، ފާއިތުވި އެއް އަހަރު ތެރޭގައި އެކަނިވެސް 10 މިލިއަން މެންބަރުން ވަނީ އިތުރުވެފައެވެ. ކޮވިޑް-19ގެ ބަލިމަޑުކަމުގެ ދުވަސްވަރު ބޮޑު މަގުބޫލުކަމެއް ހޯދި މި ޕްލެޓްފޯމުން ދާދިފަހުން ވަނީ އޮންލައިންކޮށް ފިލްމު ކުއްޔަށް ހިފޭނެ ހިދުމަތެއް ވެސް ތައާރަފުކޮށްފައެވެ.

މި ވިޔަފާރީގެ މުއާމަލާތްތައް ކުރިއަށްގެންދަނީ "ލަޔަންޓްރީ" ނަމަކަށް ކިޔާ އިންވެސްޓްމަންޓް ބޭންކަކުންނެވެ. ރިޕޯޓްތައް ބުނާގޮތުގައި އެ ބޭންކުން މި ކުންފުނީގެ އަގު ކަނޑައަޅާފައިވަނީ ގާތްގަނޑަކަށް 250 މިލިއަން އެމެރިކާ ޑޮލަރަށެވެ.

ފިލްމުތަކަށް ރިވިއުދީ، މައުލޫމާތު ހޯދާ މިފަދަ މިނިވަން ޕްލެޓްފޯމެއް، ފިލްމު އުފައްދާ ބޮޑު ސްޓޫޑިއޯއަކުން ނުވަތަ ސްޓްރީމިންގް ޚިދުމަތް ދޭ ކުންފުންޏަކުން ގަނެފިނަމަ، އޭގެ މިނިވަންކަމާ މެދު ސުވާލުތަކެއް އުފެދުމުގެ ފުރުސަތު އޮންނާނެކަމަށް ބުނެ ބައެއް ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

comment ކޮމެންޓް