ގައިދީން ބަދަލުކުރަން ރާއްޖެއާއި ބަންގްލަދޭޝްއިން ތައްޔާރުވަނީ: ރިޕޯޓުތައް

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ޢަލީ --- ސަން ފޮޓޯ: މުޙައްމަދު ޝާޠިޢު ޢަބްދުﷲ

ގައިދީން ބަދަލުކުރާ އެއްބަސްވުމެއްގައި ރާއްޖެއާއި ބަންގްލަދޭޝާ ދެމެދު ސޮއިކުރަން ތައްޔާރުވަމުން އަންނަ ކަމަށް، އެ ގައުމުގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.

ބަންގްލަދޭޝްގެ ނޫހެއް ކަމަށްވާ 'ދާކާ ޓްރިބިއުން'ގައި އިއްޔެ ރިޕޯޓުކޮށްފައިވާ ގޮތުގައި، މިހާރު ކުރިއަށް ދަނީ ރާއްޖެއާއި ބަންގްލަދޭޝާ ދެމެދު ގައިދީން ބަދަލުކުރާ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ނިންމަންޖެހޭ އެންމެ ފަހުގެ މަރުހަލާ ކަމަށެވެ.

މި އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ޖަލުތަކުގައި ތިބި ބަންގްލަދޭޝްގެ ރައްޔިތުން އެ ގައުމުގައި ޖަލު ހުކުމުގެ ބާކީ ބައި ތަންފީޒުކުރެވޭނެއެވެ.

މާފުށި ޖަލު: ----

ބަންގްލަދޭޝްގެ ހައިކޮމިޝަނާ ހަވާލާދީ ދާކާ ޓްރިބިއުންގައިވަނީ، ރާއްޖެއާއި ބަންގްލަދޭޝްގެ ކަމާ ގުޅުންހުރި އިދާރާތަކުން ރަސްމީކޮށް ނިންމަންޖެހޭ ކަންކަން ނިންމުމަށްފަހު، އެއްބަަސްވުމުގައި ސޮއިކުރެވި ތަންފީޒުކުރެވިގެން ދާނެ ކަމަށެވެ.

މި އެއްބަސްވުމުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް އިންސާނިއްޔަތުކަމާއި ގާނޫނީ ދާއިރާގެ ގުޅުން ވަރުގަދަވެގެން ދާނެ ކަމަށްވެސް، ބަންގްލަދޭޝްގެ ހައިކޮމިޝަނާ ހަވާލާދީ އެ ނޫހުގައިވެއެވެ.

ދާކާ ޓްރިބިއުން އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ބަންގްލަދޭޝްގެ 44 މީހަކު ރާއްޖޭގައި ބަންދުގައި އެބަތިއްބެވެ. އޭގެ ތެރެއިން 10 މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބިއިރު، ބާކީ ތިބި އެ ގައުމުގެ ގައިދީން އަންނަނީ ޖަލު ހުކުމް ތަންފީޒުކުރަމުންނެވެ.

ދާދިފަހުން ބަންގްލަދޭޝްގެ ސަފީރު ޑރ. އެމްޑީ ނަޒްމުލް އިސްލާމާއި ހައިކޮމިޝަންގެ ވަފުދެއް ކ. މާފުށީ ޖަލަށް ޒިޔާރަތްކޮށް ވަކިވަކި ގައިދީންގެ ހާލު އަހުވާލު ބަލައިފައިވާ ކަމަށް ދާކާ ޓްރިބިއުންގައިވެއެވެ. އެއަށްފަހު ކަރެކްޝަންސްގެ އިސްވެރިންނާ ބައްދަލުކުރައްވައި، ބަންގްލަދޭޝްގެ ގައިދީންގެ ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފައިވާ ކަމަށްވެސް އެ ނޫހުން ރިޕޯޓުކޮށްފައިވެއެވެ.

ގިނަ އަދަދަކަށް ބިދޭސީ މަސައްކަތްތެރީން ރާއްޖޭގައި އުޅޭއިރު އޭގެ ތެރޭގައި އެންމެ ގިނައީ ބަންގްލަދޭޝް މީހުންނެވެ. އަދި ތަފާތު ކުށްތައް ކުރާ މީހުންގެ ތެރޭގައި ބަންގްލަދޭޝްގެ މީހުން ހިމެނެއެވެ. އޭގެ ތެރޭގައި މީހުން މެރުމާއި މާރާމާރީ އާއި މަސްތުވާތަކެތީގެ ވިޔަފާރި ކުރުން ހިމެނެއެވެ.

comment ކޮމެންޓް